ކައުންސިލުން ހުރަސް އެޅިޔަސް ވައުދު ފުއްދުން ނުހުއްޓުވޭނެ

ކައުންސިލްތަކުން ހުރަސް އެޅިޔަސް ވައުދު ފުއްދުން ނުހުއްޓުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އއ. އުކުޅަހާއި ތޮއްޑޫ އާއި ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ރަސްދޫގައި ބޭއްވި އުފާފާޅުކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ފިކުރަކާ އެއްކޮށް ކަމުގައިވިޔަސް ހުރިހާ ކައުންސިލުތަކާ ގުޅިގެން ސަރުކާރުން މަސައްކަތްކުރާނެ ކަމަށާއި، ހުރިހާ ރަށެއްގެ ރައްޔިތުން އެމަނިކުފާނުގެ ކުރިމަތީ ހަމަހަމަވާނެ ކަމަށެވެ.
ނަމަވެސް ކައުންސިލަކުން ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ނަމަ، ރައްޔިތުންނަށް އެކަން ވާ ގޮތް ކިޔައިދޭނެ ކަމަށާއި އެގޮތުން، ކޮންމެ ހޯމަ ދުވަހަކު އެ މަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ހުރަސްއަޅާ ކައުންސިލުތަކާއި ހުރަސް އަޅަން ކުރާ ކަންކަން ވެސް ރައްޔިތުންނަށް ވިދާޅުވެދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ތަފުސީލުކޮށް ކިޔައިދޭނަން އެ ހަފުތާއެއްގެ ތެރޭގައި، ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި، މިވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސް އަޅައިފިކަން. އެހެންވީމާ އެޅި ހުރަހެއް ކިޔައިދޭނަން، ކިޔައިދީފައި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތެއް ކޮށްގެންވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ހިދުމަތްތައް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށްކަން ކައުންސިލުން ހުރަސް އެޅިޔަސްވެސް،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދު ފުއްދުމުގައި އަޅުގަނޑު ދާނީ އިހުލާސްތެރިކަމާއެކީގައި ކުރިއަށް،"
އިދިކޮޅު އެމްޑީޕީން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އިދިކޮޅުގެ އިންތިހާބީ މެމްބަރުން މިހާރު ވެސް ފެންނަނީ ސަރުކާރާ ދެކޮޅަށް މަގުމަތީގައި މުޒާހަރާ ކުރަމުންދާތަން ކަމަށެވެ. އެހެންކަމުން، ހާއްސަކޮށް އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް ލިބުނު މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ