ހޮރްމޫޒް ކަނޑުއޮޅީގައި އިންޑިއާގެ ދިދަ ޖަހާފައިވާ ދެ އުޅަނދަކަށް އަމާޒުކޮށް ބަޑީގެ ހަމަލާދިން ހާދިސާއާ ގުޅިގެން، އިންޑިއާ ސަރުކާރުން އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް އީރާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޭ ހާޒިރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މުހިންމު މި ކަނޑުއޮޅީގެ މަސްރަހު އަނެއްކާވެސް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން އިންޑިއާގެ ކަންބޮޑުވުން ސަފީރާ ހިއްސާކޮށްފައިވާނެ އެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރާ އުޅަނދުތަކަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފެށުމަށް އީރާނަށް ވަނީ ގޮވާލާފަ އެވެ.
އީރާނުގެ ސަފީރު ވަނީ އިންޑިއާގެ މި ކަންބޮޑުވުންތައް ތެހެރާންގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެއްގެ ދަށުން އެ ސަރަހައްދު ހުޅުވާލުމަށް އީރާނުން ކުރިން ވެފައިވާ ވައުދާ ހިލާފުވުމަށް ފަހު، އެ ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ވިޔަފާރި އުޅަނދުތަކަކަށް އީރާނުގެ ސިފައިން ވަނީ ބަޑީގެ ހަމަލާދީ އިންޒާރު ދީފަ އެވެ.
އުޅަނދުފަހަރުގެ ދަތުރުފަތުރު ބަލަހައްޓާ ޓޭންކާ ޓްރެކާސް އިން ރޭ ބުނި ގޮތުގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ކަނޑުގެ ސިފައިން ވަނީ އިންޑިއާގެ ދެ އުޅަނދަކަށް ހުރަސްއަޅައި އަނބުރާ ދިޔުމަށް މަޖުބޫރުކުރުވާފަ އެވެ. އޭގެ ތެރޭގައި އިރާގުގެ 2 މިލިއަން ފީފާ ތެޔޮ އުފުލި ސުޕަ ޓޭންކަރެއް ވެސް ހިމެނެ އެވެ.
މި ހުރަސްތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ހުރި ނުރައްކާތައް ހާމަވެގެންދެ އެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ތެލާއި ގޭހުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ މަގަކަށްވާއިރު، އިންޑިއާއަކީ އެ ގައުމަށް ބޭނުންވާ އެލްޕީޖީގެ ގާތްގަނޑަކަށް %60 އިމްޕޯޓްކުރާ ގައުމެކެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާއަށް ވަނީ ސަޕްލައި ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ހޮރްމޫޒްގައި އިންޑިއާގެ އުޅަނދުތަކަކަށް ހަމަލާދިނުމުން އީރާނުގެ ސަފީރު ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ