އިންޑިއާ ބޯޓުތަކަށް ބަޑިޖެހުމުން އީރާނު ސަފީރު ހާޒިރުކޮށްފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ އީރާނުގެ ސަފީރާ ބައްދަލުކުރައްވައި، މިއަދު ހިނގައިދިޔަ ހާދިސާއާ މެދު އިންޑިއާއިން އިންތިހާއަށް ކަންބޮޑުވާކަން ރަސްމީކޮށް އަންގަވާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ހަމަލާދީފައިވަނީ އިންޑިއާއަށް ތެޔޮ ހިފައިގެން ދަތުރުކުރި "ޖަގް އަރްނަވް" އަދި "ސަންމާރް ހެރަލްޑް" އަށެވެ. މި ހަމަލާގައި އެއް ބޯޓެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާއިރު، މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން، ވިޔަފާރި އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅި އީރާނުން އިއްޔެ ހުޅުވާލި ނަމަވެސް، މިއަދު އަނެއްކާވެސް ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.
އީރާނުން މިގޮތަށް އަމަލުކުރީ އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާއިން ދެކޮޅު ހެދުމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވެންދެން އެމެރިކާގެ ކަނޑުގެ ފައުޖުތަކުން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮންނަ އޮތުން އެއްވެސް ދޫދިނުމެއްނެތި ދަމަހައްޓާނެ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ އެހެނިހެން ވެރިންވެސް އަންނަނީ އީރާނަށް ދޫނުދޭނެކަމަށް ބުނަމުންނެވެ.
އިންޑިއާއިން ވަނީ އެ ގައުމަށް މުދާ ހިފައިގެން އަންނަ އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވީހާވެސް އަވަހަކަށް އަލުން ހަމަޖައްސައިދިނުމަށް އީރާނުގެ ސަފީރުގެ ކިބައިން އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ