އެކެއްގެ އަތުގައި ހުރިހާ ކޮންޓްރޯލެއް އޮންނަހާ ހިނދަކު ހެޔޮވެރިކަމެއް ނުކުރެވޭނެ: މެމްބަރު ވަހީދު

އެކެއްގެ އަތުގައި މާލިއްޔަތުގެ ފުރިހަމަ ކޮންޓްރޯލާ، މަޝްރޫޢުތައް ހިންގުމުގެ ކޮންޓްރޯލް އޮންނަހާ ހިނދަކު "ހެޔޮވެރިކަމެއް" ނުކުރެވޭނެ ކަމަށް އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަންފީޒީ ބާރުތަކުގެ ހުރިހާ ކޮންޓްރޯލަކާ، ހިތުހުރި ވަރަކަށް ވަޒީފާ އުފެއްދުމުގެ ބާރާ، ބޭނުންވަރަކަށް ކުންފުނިތައް ހެދުމުގެ ބާރު އޮންނަހާ ހިނދަކު ހެޔޮވެރިކަމެއް ގާއިމެއް ނުކުރެވޭނެ ކަމަށެވެ.
މެމްބަރު މިފަދައިން ވިދާޅުވިއިރު ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޝަރުޢީ ދާއިރާގެ ބޭފުޅުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންވެސް ސަރުކާރުންވީ ވަޢުދުތައް ރައްޔިތުންނަށް ފުއްދުމުގައި ފަސްޖެހިވަޑައިނުގެން، އެކުގައި ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީން ވެރިކަމަށް އައީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް ރައްޔިތުންނަށް ވަޢުދުވެގެންނެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް ހެޔޮވެރިކަންކޮށްދިނުމަށާއި ޖަޒީރާ ދިރިއުޅުމާއި ފަޚުރުވެރި ޢާއިލާ، އޯގާތެރި ސަރުކާރު، ނޫ އިޤްތިޞާދު. ހިމެނެއެވެ.
މެމްބަރު މިފަދައިން ވިދާޅުވެ ޓްވީޓް ކުރެއްވި ސަބަބު ހާމަނުކުރެއްވި ނަމަވެސް އެމްޑީޕީ ތެރެއިން ބައެއް ބޭފުޅުން ރައީސް ނަޝީދާއި ޒާތީ ވެގެން އުޅުއްވާތީ އެކަމާ ނުރުހުން ފާޅުކޮށް މެމްބަރު ގެންދަވަނީ ޓްވީޓް ކުރައްވަމުންނެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ނަޝީދުގެ ފަޅިއަށް އަރައި ސަރުކާރުގެ ވިޕްލައިންތަކާ ހިލާފުވާނެ ކަމަށް ފާޅުގައި ވިދާޅުވެފައި ވަނީ މިހާތަނަށް 19 މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ