ރަށްރަށުގެ ހާލަތު ދެނެގަނެ އިދާރާތަކާ ބައްދަލުކުރުމަށް އަތޮޅު ކައުންސިލުން ދަތުރުތަކެއް

ހދ އަތޮޅުގެ ރަށްތަކަށް ދިމާވެފައިހުރި ދަތިތަކާއި ކަންބޮޑުވުންތައް ދެނެގަތުމަށް، ރަށްރަށުގައި ހުރި އިދާރާތަކާ ބައްދަލުކުރުމަށް އަތޮޅު ކައުންސިލުން ދަތުރުތަކެއް ފަށައިފި އެވެ.
އަތޮޅު ކައުންސިލުން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި އެ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކަށް ދިމާވެފައިވާ ހުރި މައްސަލަތައް ދެނެގަނެ، ޝަކުވާތައް އަޑުއަހާނެ އެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް ކޭއޯއަށް ވިދާޅުވީ، މި ދަތުރުތަކުގައި ރަށްރަށުގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކާ ބައްދަލުކުރާނެ ކަމަށެވެ. އަދި ބައްދަލުވުންތަކުން ލިބޭ ޝަކުވާތަކާއި ހުރި ކަންބޮޑުވުންތައް ސަރުކާރާ ހަމައަށް ގެންދިޔުމަށް ވަރަށް އަވަހަށް މާލެ ދަތުރެއް އަތޮޅު ކައުންސިލުން ރާވާފައިވާކަމަށް ސިރާޖް ވިދާޅުވި އެވެ.
މީގެ އިތުރުން މި ބައްދަލުވުންތަކުން އަންނަ އަހަރުގެ ތަރައްގީ ޕްލޭން އެކުލަވާލުމުގައި މުހިންމު މައުލޫމާތުތަކެއް މި ދަތުރުތަކުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށްރަށުގެ ހާލަތު ދެނެގަތުމަށް ކުރާ ދަތުރުތަކެއްމީ އަޅުގަނޑުމެން ބައްދަލު މިކުރަނީ ހުރިހާ މުއައްސަސާތަކާ. އަންނަ އަހަރުގެ ތަރައްގީގެ ޕްލޭން ހަދާއިރުގައިވެ ރަށްރަށުގެ ހާލަތު އެންގިގެން ދޮއްތޮ އަޅުގަނޑުމެން އެ މަސައްކަތް ކުރެވޭނީ." އަތޮޅު ރައީސް ވިދާޅުވި އެވެ.
އަތޮޅުގެ ރަށްރަށުގެ ހާލަތު ދެނެގަތުމަށް ކުރާ ދަތުރުގެ ތެރެއިން ކުމުންދޫގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ: ހދ އަތޮޅު ކައުންސިލް
ކޮންމެ ހަފްތާއަކު ދެ ރަށްރަށަކަށް އަތޮޅު ކައުންސިލަރުން ވަޑައިގަންނަވާ ގޮތަށް އިންތިޒާމުކުރެވިގެން ކުރިއަށްގެންދާ މި ދަތުރުތައް މިދިޔަ ހަފްތާގައި ފަށާފައިވާއިރު އެންމެ ފުރަތަމަ ވަޑައިގެންނެވީ ކުމުންދޫ އާއި ވައިކަރަދޫއަށެވެ. ބުދަ/ބުރާސްފަތީގައި ކުރާ މި ދަތުރުތަކުގައި ކައުންސިލްގެ އާންމު ބައްދަލުވުން ބާއްވާނީ ބުރާސްފަތިދުވަހު މަޑުކުރާ ރަށެއްގައި އެވެ.
އެގޮތުން މިދިޔަ ހަފްތާ އާންމު ބައްދަލުވުން ބޭއްވީ ވައިކަރަދޫގަ އެވެ. މިހަފްތާ ކައުންސިލަރުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ އަށާއި ފިނޭއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ