އިންޓަ ސްކޫލް 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ސީއެޗްއެސްއީ އަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވ. ކެޔޮދޫ ސްކޫލާ ވާދަކޮށް ސީއެޗްއެސްއީ މޮޅުވީ 1-4 އިންނެވެ.
މުބާރާތުގައި ވާދަކުރި ފަސް ޓީމުގެ މެދުގައި ފުރަތަމަ ކުޅުނީ ލީގު ބުރެކެވެ. ލީގު ބުރުގައި ކެޔޮދޫ އާއި ސީއެޗްއެސްއީގެ އިތުރުން ވާދަކުރީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި އަރަބިއްޔާ ސްކޫލެވެ.
ކެޔޮދޫ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 10 ޕޮއިންޓާ އެކު އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ސީއެޗްއެސްއީ ފައިނަލަށް ދަތުރުކުރީ ވިލާ އިންޓަނޭޝަނަލް ސްކޫލާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުން މޮޅުވެގެންނެވެ. ސެމީ ފައިނަލް މެޗު 2-2 އިން އެއްވަރުވިއިރު ސީއެޗްއެސްއީ ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހާސިލްކުރި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އައިހަމް. ފޮޓޯ: އެފްއޭއެމް
މާޒިޔާގެ ކޯޗިންގެ ޓީމުގެ އަހުމަދު ސުޒެއިރުގެ ކޯޗުކަމުގައި ކުޅުނު ސީއެޗްއެސްއީ އިން ވަނީ ފައިނަލުގެ ފުރަތަމަ ހާފުގައި ހަތަރު ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 14 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ފައިޒާން ފަޒީން އެވެ. 21 ވަނަ މިނެޓުގައި އަހުމަދު ޔަޒީން މަހުދީ ވަނީ ސީއެޗްއެސްއީ އަށް ލީޑު ފުޅާކޮށްދީފަ އެވެ. އެޓީމުގެ ތިންވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ޖެހީ ފުރަތަމަ ގޯލު ވެސް ޖެހީ ފައިޒާން އެވެ. 37 ވަަނަ މިނެޓުގައި ސީއެޗްއެސްއީގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝަޔާން އެވެ. ދެވަނަ ހާފުގައި ކެޔޮދޫ ސްކޫލުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހައިފަ އެވެ. 68 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ޝާއިގު އާދަމް މުހައްމަދު އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސީއެޗްއެސްއީގެ ސުޒެއިރު އެވެ. ސުޒެއިރު އަކީ މާޒިޔާގެ ސީނިއާ ޓީމަށް ވެސް އިރުޝާދުދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކެޔޮދޫ ސްކޫލެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސީއެޗްއެސްއީގެ ދައްޔާން. ދައްޔާން އަކީ އުއްމީދީ ކުޅުންތެރިއެއް. - ފޮޓޯ: އެފްއޭއެމް
އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކުރީ އަހުމަދިއްޔާ އިންޓަނޭޝަން ސްކޫލުގެ މުހައްމަދު އައިހަމް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސީއެޗްއެސްއީގެ ދައްޔާން އަހުމަދު އެވެ.
މިއީ މިދިޔަ 20 އަހަރުތެރޭ ސީއެޗްއެސްއީ އިން އިންޓަ ސްކޫލުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2001 ވަނަ އަހަރު އެ ސްކޫލުން ވަނީ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. 2018 ވަނަ އަހަރު އިންޓަ ސްކޫލް ފައިނަލުގައި ކުޅެ ވިލާ އިންޓަނޭޝަނަލް ސްކޫލް އަތުން ވަނީ ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ