އުތީމުގެ އައު އިންޖީނުގެ އާއި އޮފީސް ރައީސް ހުޅުއްވައިދެއްވައިފި

ހއ. އުތީމުގައި އަލަށް އިމާރާތްކުރި އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހުޅުއްވައިދެއްވައިފިއެވެ.
އުތީމުގައި ބިނާކޮށްފައިވާ އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ އައު އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށާއި، 5 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފެށުނު ކަރަންޓްގެ ޚިދުމަތް މިހާރު މިވަނީ އެއް މެގަވޮޓްއާ ހަމައަށް ތަރައްގީކުރެވިފައި ކަމަށެވެ.
އެމަނިކުފާނު ވަނީ ރައްޔިތުން އެދި އެދި ތިބި ޚިދުމަތްތައް ދިނުމުގައި ފެނަކައިން އިޚްލާސްތެރި އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރައްވައި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ ޗެއަރމަނަށާއި، އެމްޑީއަށް އަދި މުވައްޒަފުންނަށް އޮތް ކަމަށް ވިދާޅުވެފައެވެ.
އަދި، ކަންކަން ކުރުމުގައި އޭގެ އެންމެ ރަނގަޅު ގޮތް ބަލައި، ރައްޔިތުންނަށް އެންމެ ފައިދާހުރި، ސަރުކާރަށް އެންމެ ލާބަހުރި ގޮތުގައި ފެނަކައިން މަސައްކަތްތައް ނިންމައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައިވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސް ވަނީ ކޮވިޑް-19 ގެ ދަތިކަމުގައިވެސް މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށް ސަރުކާރާ ކުންފުނިތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އުތީމުގައި ހިންގާ ޕްރޮޖެކްޓްތަކާއި އަދި ކުރިޔަށް ހިންގުމަށް ރާވާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އެގޮތުން އުތީމަކީ ތާރީޚީ ރަށަކަށް ވުމާއިއެކު އުތީމަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ފެރީގެ ނިޒާމާއިއެކު ލުއިފަސޭހަތައް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި، އުތީމުގައި ހިންގޭ މަޝްރޫޢުތަކާއި އެކު އުތީމުގެ އިޤުތިޞާދު ފުޅާވެގެންދާނެ ކަމަށެވެ.
ހއ. އުތީމުގައި ޢިމާރަތް ކުރެވުނު އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖީނުގެއާއި އޮފީސް ޢިމާރާތް ބައްލަވާލައްވާއި، އެތަނުގެ ޚިދުމަތްތަކާއި މަސައްކަތްތައް ރޭވިފައިވާ ގޮތް ބައްލަވާލައްވާފައެވެ.
އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެ އެކެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތް ބިނާކުރެވިފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ