ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ލަފާކުރަނީ ރާއްޖޭގެ ގިނަ އަތޮޅުތަކަށް ވިދާ ގުރުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. މެޓް އޮފީހުން ވަނީ، ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ބުނެފައެވެ. މޫސުން ގޯސް ވާނެތީ އެ ސަރަހައްދަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ.
ސަމާލުގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށިގެންވެއެވެ.
މީގެ އިތުރުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާނެކަމަށާ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ރާއްޖެތެރޭ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފަވާއިރު، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ވިއްސާރަ ވިއްސާރައެވެ.
މެޓުން ލަފާކުރަނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް، ބައެއް ފަހަރަށް، ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އެދިފައިވެއެވެ.
އިންޑޮނޭޝިއާގެ ސުމަތުރާ އަށް މިއަދުގެ ހެނދުނު 8:29 ގައި އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ވަނީ ކޮށްފައެވެ. މެޓުން ބުނީ ބިންހެލުމުގެ އިހުސާސް ރާއްޖެ އަށް ކުރެވުނު ކަމަށެވެ. އެކަމަކު ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ ކަމަށް އެ އިދާރާ އިން ބުނެއެވެ.
މޫސުން: ވިދާ ގުރުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ