އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު: ވޯޓުލާ ވަގުތަށް ބައިގަޑިއިރު އިތުރުކޮށްފި

މާދަމާ އޮންނަ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވޯޓުލާން ކަނޑައަޅައިފައި އޮތް ވަގުތަށް ބައި ގަޑިއިރު އިތުރުކޮށްފިއެވެ. މީގެ ކުރިން، އެ އިންތިޚާބުގައި ވޯޓުލާން ކަނޑައަޅައިފައިވަނީ މެންދުރުފަހު 2:30އިން ފެށިގެން ރޭގަނޑު 8:00 ޖެހުމާ ހަމައަށެވެ. މިއަދު ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ، ޗެއާޕާސަން އިންތިޚާބުގައި ވޯޓުލާން ކަނޑައަޅައިފައިވާ ވަގުތަކީ މެންދުރު 2:30އިން ފެށިގެން ރޭގަނޑު 8:30 ކަމަށެވެ. ނަމަވެސް އިންތިޚާބުގެ ވޯޓުލާ ވަގުތު އިތުރުކުރި ސީދާ ސަބަބެއް އެމްޑީޕީން ނުބުނެއެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް އަދި މީގެ ކުރިން އެ މަގާމު ފުރުއްވި މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ. އެ މަގާމަށް ދެން ވާދަކުރައްވާ އިބްރާހީމް މުޙައްމަދު ވަނީ، މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، ނަން އަނބުރާ ގެންދަވަން ނިންމަވައިފައެވެ. ފާހަގަކުރެވޭ ގޮތުގައި، ނަޝީދު މަސައްކަތްކުރައްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ އެކުގައެވެ. އަދި، މީކާއީލް މަސައްކަތްކުރައްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންނާ އެކުގައެވެ. މީކާއީލްގެ ކެމްޕެއިން ހަރަކާތްތައް އިއްޔެ ރަސްމީކޮށް ނިންމައިލިއިރު، ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް މިރޭ ނިންމައިލާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ