އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރުކުރުމަށް އެޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީއިން ނިންމައިފިއެވެ.
އެ ޕާޓީން ކުރިން އިއުލާންކޮށްފައިވާ ގޮތުގައި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރު 14:30 އިން ރޭގަނޑު 8:00 އާ ހަމައަށެވެ. ނަމަވެސް ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލާ ވަގުތު 20:30 އާއި ހަމައަށް އިތުރުކުރުމަށް ޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީއިން ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަޤާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
އެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލީ 3 ބޭފުޅުންނެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އަދި އިބްރާހިމް މުޙައްމަދުއެވެ. އިންތިޚާބުގެ ވޯޓުލުން ހުކުރު ދުވަހުގެ މެންދުރު 14:30 އިން ފެށިގެން ރޭގަނޑު 20:30އާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން ސްރީލަންކާގައިވެސް ކުރިއަށްދާނެއެވެ.
މި އިންތިޚާބުގައި އެމްޑީޕީން ވަނީ 241 ވޯޓު ފޮށި ބަހައްޓަން ނިންމާފައެވެ. މީގެ ތެރެއިން 240 ވޯޓުފޮށި ބަހައްޓާނީ ރާއްޖޭގައެވެ. ލަންކާގައި ބަހައްޓާނީ އެއް ވޯޓު ފޮށި ކަމަށް އެ ޕާޓީން ބުނެއެވެ.
މިފަހަރުގެ އިންތިޚާބުގައި ރަށްރަށާއި މާލޭގައިވެސް ވޯޓުފޮށިތައް ބަހައްޓަން ނިންމާފައިވަނީ ސްކޫލްތަކުގައެވެ. ކުރިން ރަށްރަށުގެ އެމްޑީޕީ ހަރުގޭގައި ބަހައްޓަން ނިންމި ވޯޓުފޮށިތައްވެސް އެ ރަށްރަށުގެ ސްކޫލްތަކުގައި ބަހައްޓަން އެ ޕާޓީން ވަނީ ނިންމާފައެވެ.
މާލޭގައި ވޯޓުފޮށިތައް ބަހައްޓަނީ 10 ސްކޫލެއްގައެވެ. އެއީ ހުރަވީ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލާއި ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލާއި މާފަންނު މަދުރަސާ އާއި ގަލޮޅު ސްކޫލާއި މުހިއްޔިއްދީން ސްކޫލުގެ އިތުރުން ކާމިލްދީދީ ސްކޫލުގައެވެ.
އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި ތިބީ 43,784 މެންބަރުންނެވެ. ނަމަވެސް ހުކުރު ދުވަހު ބާއްވާ އިންތިޚާބުގައި 48،912 ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އެމްޑީޕީން ނެރެފައިވާ ދާއިމީ ވޯޓާސް ލިސްޓުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ