ފަތުރުވެރިކަމަށް ކުލަ ނުވާ ހުވަފެންތަކެއް

ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައިވަނީ ފަތުރުވެރި ކަމަށެވެ. ފަތުރުވެރިކަމާ ގުޅިފައިވާ މަސައްކަތްތަކުން ލިބޭ އާމްދަނީ އަށެވެ. އެހެންވެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކޮށް ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރުކުރަން ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރެ އެވެ. ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް އެނދުގެ އަދަދު އަހަރުން އަހަރަށް އިތުރުކުރާ ވާހަކައަކީ އަބަދުވެސް ސަރުކާރުތަކުން ދައްކާ ވާހަކަތަކެވެ.
ފަތުރުވެރިކަން ރާއްޖޭގައި ފެށިގެން އައީ މީގެ 50 އަހަރު ކުރިންނެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް މިއަދު އެ ހާލަތު ތަފާތެވެ. މިއަދު ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެވެ. ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ރިސޯޓް ބްރޭންޑްތައް މިއަދު ރާއްޖޭގައި އެބަހުއްޓެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ފަންނާނުންނާއި އެތުލީޓުން ގެންދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އެއީ މިލިޔަނަރުންނެވެ. ރާއްޖޭގެ ބައެއް ރިސޯޓްތަކުގެ ކޮޓަރިތަކުގެ އަގު ރެއަކަށް އުޅެނީ 2،000 ޑޮލަރުން މަތީގައެވެ. އެއަށްވުރެ އަދި މާއަގު ބޮޑެތި ކޮޓަރިތައް ވެސް ރާއްޖޭގައި އެބަހުއްޓެވެ.
ރާއްޖޭގައި ތަރައްގީކޮށްފައިވާ ރިސޯޓެއް -- ފޮޓޯ: އަވަސް
ފާއިތުވި 10 އަހަރު ފަތުރުވެރިކަން
ސްޓެޓިސްޓިކަލް އިޔާބުކް އޮފް މޯލްޑިވްސް 2021 ގައިވާ ގޮތުން 2012 ވަނަ އަހަރު ރިސޯޓް އަދި މެރީނާގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވަނީ 105 ތަނެކެވެ. 19 ހޮޓަލެއް ރަޖިސްޓްރީ ކޮށްފައިވާއިރު ގެސްޓް ހައުސްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ހުރީ 75 ތަނެކެވެ. ސަފާރީ 154 އުޅަނދު އޮތެވެ. އެތަންތަނުގެ އެނދުގެ އަދަދަކީ 28،120 އެވެ.
ނަމަވެސް އެ އަދަދު މިއަދު ވަނީ ދެ ގުނަ އިތުރުވެފަ އެވެ. ރާއްޖޭގައި މިވަގުތު 170 ރިސޯޓް އޮތްއިރު، އޮޕަރޭޝަންގައި އޮތީ 164 ރިސޯޓެވެ. 154 ސަފާރީ އުޅަނދު އޮތް އިރު ހޮޓެލްސް އަދި ގެސްޓްހައުސްގެ ގޮތުގައި 866 ތަނެއް އެބަހުއްޓެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި ހުރި ފަތުރުވެރިކަމުގެ އެނދުގެ އަދަދަކީ 58،479 އެވެ.
ރާއްޖޭގެ ރިސޯޓެއްގައި ހަދާފައިވާ ރޫމެއް -- ފޮޓޯ: އަވަސް
ބޮޑުތިލަދުންމައްޗަށް 8000 އެނދު
ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8،000 އެނދު ތަރައްގީކުރުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ ހަފްތާ އެމަނިކުފާނު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅެއްގައި ހއ. އުތީމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ރައީސް ފާހަގަކުރެއްވި 8000 އެނދު ތަރައްގީކުރާނީ ސަރުކާރަކުން ނޫނެވެ. އެކަންކުރާނީ އިންވެސްޓަރުން ހޯދައިގެން އެމީހުން މެދުވެރިކޮށެވެ.
ރައީސް ވިދާޅުވި 8000 އެނދަކީ ހަމައެކަނި ރިސޯޓެއް ނޫނެވެ. މީގެތެރޭގައި ގެސްޓްހައުސްވެސް ހިމެނޭ ކަމަށް މިއުވާން ވިދާޅުވި އެވެ.
ރާއްޖޭގައި ތަރައްގީކޮށްފައިވާ ރިސޯޓެއް -- ފޮޓޯ: އަވަސް
ވައުދުވީ ގޮތަށް ނަތީޖާ ނުފެނޭ
ވެރިކަން ކުރާ ކޯލިޝަންގެ ފަސް އަހަރު ވެރިކަމުގެ ތެރޭގައި 35،000 އެނދު އިތުރުކޮށް ދައުލަތަށް ލިބޭ އާމްދަނީ 30 ބިލިއަނަށް ހައްދަވާނެ ކަމަށް އޭރުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ސެޕްޓެމްބަރު 2018 ގައެވެ.
އެގޮތުން ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީ ހިމެނޭ ގޮތަށް އެމަނިކުފާނުގެ ވެރިކަމެއްގެ ފަސް އަހަރުގެ ތެރޭގައި 35،000 އެނދު އިތުރު ކުރައްވާނެ ކަމަށާއި އެއީ ދެކުނުގެ އަތޮޅުތަކަށް 17،000 އެނދާއި މެދު ރާއްޖެ ތެރޭގައި 10،000 އެނދާއި އުތުރުގެ އަތޮޅުތަކުގައި 18،000 އެނދު ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުން، މާޗް 2021 ގައި ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގެ ޓޫރިޒަމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސާ އެ ސިޓީގައި 8000 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. 8،000 އެނދުގެ ތެރެއިން 4،000 އެނދު ތަރައްގީ ކުރުމަށް 62 ބިމެއް ބިޑަށް ލާފައިވާ ކަމަށްވެސް އޭރު ވިދާޅުވި އެވެ. އަދި އެމަސައްކަތް އިތުރަށް ފުޅާކުރުމަށް މިހާރު ދަނީ އައްޑޫގެ ބިން ހިއްކުމަށް ތައްޔާރުވަމުންނެވެ.
ރާއްޖޭގައި ތަރައްގީކޮށްފައިވާ ރިސޯޓެއް -- ފޮޓޯ: އަވަސް
އެއާޕޯޓްތަކެއް ހުއްޓަސް ދަތުރުފަތުރުގައި ދަތިތަކެއް
ރާއްޖެއަކީ ވަކިވަކި ކުދިކުދި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި ރާއްޖެ އޮތް ގޮތުން، ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން މިވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި 15 އަށް ވުރެ ގިނަ އެއާޕޯޓް ހަދާފައިވެ އެވެ.
ރިސޯޓްތަކަށް ފަތުރުވެރިން ގެންގޮސް ގެނައުމަށް ރާއްޖޭގައި އާންމުކޮށް ބޭނުންކުރަނީ ސީޕްލޭނެވެ. ރާއްޖެއަކީ ދުނިޔޭގައިވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓެއް އޮތް ގައުމެވެ. ނަމަވެސް ސީޕްލޭންތަކަކީ ރޭގަނޑު ދަތުރުކުރާ އުޅަނދުތަކެއް ނޫނެވެ.
ޑޮމެސްޓިކް އެއާޕޯޓްތައް ކައިރީގައި ހުންނަ ރިސޯޓްތަކަށް ފަތުރުވެރިން ގެންދިއުމަށް އެ އެއާޕޯޓްތަކަށް ފްލައިޓް ދަތުރުކުރެ އެވެ. އެކަމަކު ޑޮމެސްޓިކް އެއާޕޯޓްތަކަކީ އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސޭނެ އެއާޕޯޓްތަކެއް ނޫނެވެ. ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓަކަށް ދަތުރުކުރުމަށްފަހު، އެތެރޭގެ އުދުހުންތައް ނަގަންޖެހެނީ މި ސަބަބާ ހުރެ އެވެ. ނަމަވެސް އެއީ އަނެއްކާވެސް އިތުރު ވަގުތުތަކެއް ފަތުރުވެރިން ހޭދަކުރަންޖެހޭ ދަތުރުތަކެކެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ: އަވަސް
ބައެއް ޑޮމެސްޓިކް އެއާޕޯޓްތަކަކީ ރަންވޭ ލައިޓް އަދި ހަރު ނުކުރެވޭ އެއާޕޯޓްތަކެކެވެ. އެހެންވެ އެ އެއާޕޯޓްތަކަށް ރޭގަނޑު ދަތުރެއް ނުކުރެވެ އެވެ.
މާލެ ކައިރީގައި ހުންނަ ރިސޯޓުތަކަށް ފަތުރުވެރިން ގެންދިއުމަށް ދެން ބޭނުންކުރަނީ ލޯންޗެވެ.
ވީއައިއޭ ފިޔަވައި، ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓްތަކެއް ހުރި ނަމަވެސް، އެ އެއާޕޯޓްތަކަށް އެންމެ އެކަށީގެންވާ ގޮތަށް އިންޓަނޭޝަނަލް ދަތުރުތަކެއް ނުބާއްވަ އެވެ. ނުވަތަ ނުބޭއްވެ އެވެ. ބައެއް އެއާޕޯޓްތައް އިންޓަނޭޝަނަލްވީ ހަމައެކަނި "ނަންބޯޑުން" ނެވެ. ވީއައިއޭ ފިޔަވާ ދެން ހުރި އެއާޕޯޓްތަކަށް އިންޓަނޭޝަނަލް ދަތުރުތައް ނުބޭއްވެނީ އެއާޕޯޓްތައް ހުރި ސަރަހައްދު ތަކުގައި އަދިވެސް އެކަށީގެންވާ އަދަދަށް ފަތުރުރުވެރިންނަށް އެނދު ހެދިފައިވާ ނެތުމުން ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކުރުމަށް މިމައްސަލަ ވަރަށް ބޮޑެވެ.
ދިގު ދަތުރެއްކޮށްފައި އަންނަ ފަތުރުވެރިން، ވީއައިއޭއަށް އައުމަށްފަހު ރިސޯޓަށް ދިއުމަށް އަނެއްކާވެސް ދިގު ދަތުރުތަކެއް ކުރަންޖެހެ އެވެ. އެއީ ފަތުރުވެރިންގެ ކަންބޮޑުވުމެއް ޝަކުވާ އެކެވެ.
ފަތުރުވެރިކަން ފުޅާކުރުމަށް ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓްތަކެއް ބޭނުންވެ އެވެ. އެތަންތަން މާކެޓް ކުރެވެން ޖެހެ އެވެ. ކުރާ އިންވެސްޓްމަންޓް ދެކޮޅު ޖެހޭނެ ގޮތްތަކެއް ވެސް ހޯދައިދޭންޖެހެ އެވެ. ހާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ