ފަރިތަކުރުންތަކުގައި ނޭމާއާއި ރޮބީނިއޯ މާރާމާރީ ހިންގި މައްސަލަ ހޫނުވެެއްޖެ
ބްރެޒިލްގެ ސަންތޯސް އެފްސީގެ ޓްރޭނިންގް ސެޝަނެއްގެ ތެރޭގައި އެ ޓީމުގެ ތަރި ނޭމާ އާއި ޒުވާން ކުޅުންތެރިޔާ ރޮބީނިއޯ ޖޫނިއާ އާ ދެމެދު ބަހުގެ ހޫނު ހަމަލާތަކާއެކު މާރާމާރީ ހިންގައިފިއެވެ. ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު އޮތް ފަރިތަކުރުންތަކުގައެވެ. މި ކުރިމަތިލުން ފެށުނީ ފަރިތަކުރުންތަކުގެ ތެރެއިން 18 އަހަރުގެ ރޮބީނިއޯ ޖޫނިއާ، ނޭމާ ކައިރިން ނައްޓާލާފައި ދިއުމުން ނޭމާ އައި ރުޅީގައެވެ. ނޭމާ ވަނީ ރޮބީނިއޯ ޖޫނިއާ ކައިރީގައި "މަޑުމަޑުން" ކުޅުމަށް އެދުމަށްފަހު، އޭނާގެ ފައިގައި އަޅުވައި ބިންމައްޗަށް ވައްޓާލާފައެވެ. މިކަމާ ގުޅިގެން ދެ ކުޅުންތެރިންގެ ދެމެދުގައި ޒުވާބުކޮށް، ކޮއްޕައި ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރޮބީނިއޯ ޖޫނިއާ އަކީ ބްރެޒިލްގެ ކުރީގެ ތަރި ރޮބީނިއޯގެ ދަރިފުޅެވެ. އަދި ނޭމާ އާއި ރޮބީނިއޯ އަކީ ވަރަށް ގާތް ދެ އެކުވެރިންނަށް ވުމުން، ނޭމާ އާއި ރޮބީނިއޯ ޖޫނިއާގެ ގުޅުމަކީ ވެސް "ބޮޑުބޭބެ އަކާއި ބޭބެގެ ދަރިއެއްގެ" ފަދަ ގާތް ގުޅުމެކެވެ. މި ހާދިސާ ހިނގި ނަމަވެސް، ފަރިތަކުރުންތައް ނިމުމުގެ ކުރިން ނޭމާ ވަނީ ރޮބީނިއޯ ޖޫނިއާގެ ކިބައިން މާފަށް އެދިފައެވެ. އަދި މިހާރު ދެ ކުޅުންތެރިންގެ ދެމެދުގައި އޮތް މައްސަލަ ހައްލުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސަންތޯސް ކްލަބުން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނޭމާ އާއި ރޮބީނިއޯ ޖޫނިއާ ވެސް މިދިޔަ ހޮނިހިރު ދުވަހު ޕަލްމެއިރަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބައިވެރިވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ