އަލުން ހައްޔަރުކުރަން އުޅެނިކޮށް ސްރީލަންކަންގެ ކުރީގެ ސީއީއޯ މަރުވެފައި އޮއްވައި ފެނިއްޖެ

އެއާބަސް ކުންފުންޏާ އެކު މަލްޓި މިލިއަން ޑޮލަރުގެ ޑީލެއް ހެދުމުގައި ރިޝްވަތު ގަބޫލުކޮށް ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި މިދިޔަ މާޗް މަހު ހައްޔަރުކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލަ ޗަންދްރަސޭނާ އޭނާގެ ގޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.  
ލަންކާ ފުލުހުންގެ މީޑިއާ ތަރުޖަމާނު އޭ.އެސް.ޕީ އެފް.ޔޫ. ވޫޓްލާ ވިދާޅުވީ، ޗަންދްރަސޭނާގެ ހަށިގަނޑު ފެނިފައިވަނީ ކޮއްލުޕިޓިޔާގައި ޗަންދްރަސޭނާ އުޅޭ ގޭތެރެއިން ކަމަށާއި ހަށިގަނޑު ފެނުނު އިރު ހުރީ ދަންޖެހިފައި ކަމަށެވެ. މި މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ. 
ޗަންދްރަސޭނާ މަރުވެފައި އޮއްވައި ފެނިފައި މިވަނީ، ބަންދުން ދޫކޮށްލުމަށް ކަނޑައެޅި ކަފާލާތުގެ ޝަރުތުތަކާ ހިލާފުވި ކަމަށް ބުނެ، ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް އަސަންގަ އެސް. ބޮޑަރަގަމަ ޗަންދްރަސޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރުއްވިތާ އެއް ދުވަސް ފަހުންނެވެ.
ރިޝްވަތާއި ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގުކުރާ ކޮމިޝަނުން ވަނީ ޗަންދްރަސޭނާ އަށް ދީފައިވާ ކަފާލާތު ބާތިލްކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޮލަމްބޯ ޗީފް މެޖިސްޓްރޭޓް ކޯޓުގައި އެދިފަ އެވެ.
މި މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޗަންދްރަސޭނާ އަކީ 2013 ވަނަ އަހަރު ގައުމީ އެއާލައިނަށް 2.3 ބިލިއަން ޑޮލަރަށް 10 ބޯޓު ގަތުމަށް ހިންގި މުއާމަލާތާ ގުޅޭ ތަހުގީގު އެންމެ ބޮޑަށް އަމާޒުވެފައިވާ މީހާ އެވެ.  އޭނާ ވަނީ އެއާބަސް އިން ހުށަހެޅި 16 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގަން އެއްބަސްވެ، ސިންގަޕޫރުގައި އޮންނަ ބޭންކް އެކައުންޓަކަށް އޭގެތެރެއިން 1.45 މިލިއަން ޔޫރޯ ޖަމާކޮށްފަ ކަމަށް ކޮމިޝަން ޓު އިންވެސްޓިގޭޓް އެލެގޭޝަން އޮފް ބްރައިބަރީ އޯ ކޮރަޕްޝަން އިން ބުނެފައިވެ އެވެ. 
 ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ޗަންދުރަސޭނާ ވަނީ އޭނާގެ އަނބިމީހާގެ ނަމުގައި ބްރޫނާއީގައި ޝެލް ކުންފުންޏެއް އުފައްދައި ރިޝްވަތުގެ ފައިސާ ސިންގަޕޫރުގައި އޮންނަ އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.  
 މާޗް މަހު ހައްޔަރުކުރި އިރު ޗަންދުރަސޭނާ ހުރީ އެހެން މައްސަލައެއްގައި 2020 ވަނަ އަހަރު ހައްޔަރުކޮށް ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އޭރު އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން އެއާބަސްގެ ވިޔަފާރި ޑީލްތަކާ ގުޅޭ ގޮތުން ހިންގި ތަހުގީގެއްގައި އޭނާގެ ނަން ހިމެނެ އެވެ. 
The most trusted news source in the Maldives
 އިނގިރޭސިވިލާތުގެ ތަހުގީގު ޓީމުން ތުހުމަތުކުރާ ގޮތުގައި އެއާބަސް އިން ސްރީލަންކަން އެއާލައިންސްގެ ޑިރެކްޓަރުންނާއި މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅި، ކުންފުންޏާ ގުޅުން ހުރި ފަރާތްތައް ހުއްޓުވުމުގައި ވަނީ ކުންފުނީގެ ވިޔަފާރި ނުވަތަ ފައިދާ ހޯދުމަށް ނުވަތަ ހިފެހެއްޓުމަށް ހުރަސް އެޅުމުގައި ފެއިލްވެފަ އެވެ. 
 މި ތަހުގީގުތަކަށް ފަހު 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ފްރާންސްގެ ކޯޓަކުން ވަނީ ޔޫރަޕްގެ މަތިންދާބޯޓު ކުންފުނި އެއާބަސް އިން ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާ އަށް 3.6 ބިލިއަން ޔޫރޯގެ ޖޫރިމަނާ ދައްކަން އަންގައިފަ އެވެ. 
 ލަންކާގެ ގައުމީ އެއާލައިނަށް ވަމުންދާ މާލީ ގެއްލުން މިދިޔަ އަހަރުގެ މާޗު މަސް ނިމުނު އިރު ވަނީ 596 ބިލިއަން ރުޕީސް (1.9 ބިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. އަދި އެ އެއާލައިން ވިއްކާލަން ކުރި މަސައްކަތް ވެސް މިހާތަނަށް ވަނީ ނާކާމިޔާބުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ