ވޯލްޑް ކަޕް: ޓިކެޓުގެ އަގުތައް ދަށްވާނެ ކަމަށް ބެލެވޭ
ވޯލްޑް ކަޕް ފަށަން މަހަކަށް ވެފައިވާއިރު، ގިނަ މެޗުތަކެއްގެ ޓިކެޓް އަދިވެސް ނުވިކި މުބާރާތް އިންތިޒާމުކުރާ ފީފާއިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ޓިކެޓްގެ އަގުތައް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ދަށްވާނެ ކަމަށް މާހިރުން ލަފާކުރެއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވިދާޅުވެފައިވަނީ ޓިކެޓުގެ ޑިމާންޑް ވަރަށް ބޮޑުވާނެ ކަމަށެވެ. ނަމަވެސް، ސީޓްޕިކްގެ ސީއީއޯ ގިލާޑް ޒިލްބަމަން ވިދާޅުވި ގޮތުގައި ފީފާއަށް މި ފަހަރު ޓިކެޓް ވިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެމެރިކަން ހޮޓެލް އެންޑް ލޮޖިން އެސޯސިއޭޝަންގެ ރިޕޯޓަކުން ދައްކާގޮތުގައި، ހޯސްޓް ސިޓީތަކުގެ ހޮޓެލް ބުކިންގްސް ހުރީ ކުރިން އުންމީދު ކުރި ވަރަށް ވުރެ 80 އިންސައްތަ ދަށުގައެވެ. މީގެ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ ދަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވުމެވެ. ވިސާ ހޯދުމުގެ ދަތިކަމާއި، ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވުމުގެ ސަބަބުން މި މުބާރާތުގައި ގިނައިން ފެންނާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ ސަޕޯޓަރުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފަހަރުގެ މުބާރާތަށް ފީފާއިން ވަނީ 'ޑައިނަމިކް ޕްރައިސިން' ތައާރަފުކޮށްފައެވެ. މިއީ ޑިމާންޑަށް ބަލައި އަގުތަކަށް ބަދަލު ގެނައުމުގެ ނިޒާމެކެވެ. މީގެ އިތުރުން ފީފާއިން ވަނީ އަމިއްލަ ސެކަންޑަރީ މާކެޓެއް ވެސް އުފައްދާފައެވެ. މި މާކެޓްގައި ޓިކެޓް ވިއްކާ މީހާއާއި ގަންނަ މީހާގެ އަތުން ފީފާއިން 15 އިންސައްތައިގެ ކޮމިޝަނެއް ނަގައެވެ. މިގޮތުން ދާދި ފަހުން އެއް ޓިކެޓް 2.2 މިލިއަން ޑޮލަރަށް ލިސްޓުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ފައިނަލް މެޗުގެ އެންމެ އަގުބޮޑު ޓިކެޓެއްގެ އަސްލު އަގަކީ 11,000 ޑޮލަރެވެ. ފީފާއިން އުންމީދުކުރަނީ ޓިކެޓާއި ހޮސްޕިޓާލިޓީ ސޭލްސްއިން އެކަނި ތިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަށެވެ. "އަހަރެމެން މި އުޅެނީ ދުނިޔޭގެ މުނިފޫހިފިލުވުމުގެ ސިނާއަތް އެންމެ ކުރިއަރާފައިވާ މާކެޓްގައި. އެހެންކަމުން މާކެޓް ރޭޓްތައް އަހަރެމެން ޖެހޭނީ ބޭނުންކުރަން،" އިންފަންޓީނޯ ވިދާޅުވިއެވެ. ނަމަވެސް، ޒިލްބަމަން ފާހަގަކުރެއްވި ގޮތުގައި މާކެޓްގެ ތަފާސްހިސާބުތަކުން ދައްކަނީ ތަފާތު މަންޒަރެކެވެ. އޭޕްރީލް މަހުގެ ނިޔަލަށް ބެލިއިރު، 72 އިންސައްތަ މެޗުތަކުގެ ޓިކެޓް ސެކަންޑަރީ މާކެޓްގައި ލިބެން ހުރީ ފީފާގެ އަސްލު އަގަށްވުރެ ހެޔޮކޮށެވެ. މިއީ ޑިމާންޑް ދަށްވަމުންދާކަމުގެ ނިޝާނެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގިނަ ތަޖުރިބާކާރުން ވިދާޅުވަމުން އަންނަ ގޮތުގައި ފީފާއިން މުބާރަތުގެ ޓިކެޓުތައް އެންމެ ފަހު ވަގުތު އަގުހެޔޮކުރި ނަމަވެސް އޭގެން ކުރާނެ މަންފާއެއް ނެތެވެ. އެއީ މިހާރު މާ ބޮޑަށް މުބާރާތް ކައިރިވެފައި އޮތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ