ރެއާލް މެޑްރިޑްގައި ހަމަނުޖެހުން، ވަލްވާޑޭގެ ބޯ ފެޅިއްޖެ

އެއްވެސް ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުމުގެ ހިތާމަ އާއި ރުޅިވެރިކަން ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ ތެރޭގައި ވެސް ބޮޑުވެއްޖެ އެވެ.
އެންމެ ފަހުން ފެޑެރިކޯ ވަލްވާޑޭގެ ބޯ ފެޅި، އޭނާއަށް ކުރިއަށް އޮތް ބާސެލޯނާ މެޗުގައި ވެސް ނުކުޅެވޭނެކަން މިހާރު ޔަގީނެވެ.
ޗޭންޖިން ރޫމް ތެރޭގައި ވަލްވާޑޭ އާއި މިޑްފީލްޑް ކުޅުންތެރިޔާ ފްރާންސްގެ އައުރޭލިއަން ޗުއަމެނީއާ ދެމެދު ޒުވާބެއް ހިނގީ އެވެ. ފުރަތަމަ އަޑުއެރީ ތަޅާފޮޅުމެއްގައި ބޯ ފެޅުނީ ކަމަށެވެ. ނަމަވެެސް ވަލްވާޑޭ ނެރުނު ބަޔާނެއްގައި ބުނީ 'މޭޒެއްގައި ބޯ ޖެހުނީ' ކަމަށެވެ.
"އަހަރެންގެ ނިތްކުރި ކުޑަކޮށް ފެޅުނީ އެވެ. ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދަން ވެސް ޖެހުނެވެ،" ވަލްވާޑޭ ބުންޏެވެ.
ދެ ކުޅުންތެރިންގެ ދެމެދު އުފެދުނު މައްސަލަ ރެއާލްއިން މިހާރު އަންނަނީ ބަލަމުންނެވެ.
"ވަލްވާޑޭ މިވަގުތު ހުރީ ގޭގަ އެވެ. އޭނާގެ ހާލު ރަނގަޅެވެ. ލިބުނު ގެއްލުމާ ގުޅިގެން 10 ނޫނީ 14 ދުވަހު ގޭގައި އަރާމުކުރަން ޖެހެ އެވެ،" ރެއާލްގެ ބަޔާނުގައި ބުންޏެވެ.
އަސްލު ކަން ވީ ގޮތް ކިޔައިދޭން ވަލްވާޑޭ ހިޔާރުކުރީ އިންސްޓަގްރާމެވެ. އޭނާ ބުނި ގޮތުގައި ޗުއަމެނީ ހަމަލާދީފައެއް ނުވެ އެވެ.
"އަހަރެން ވެސް އޭނާގެ ގައިގައި ނުޖަހަމެވެ. މިއީ ގަސްދުގައި ދިން ހަމަލާއަކުން ދިމާވި ކަމެއްކަމަަށް ހީވެދާނެ އެވެ. އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ،" ވަލްވާޑޭ ބުންޏެވެ.
ދެބަސްވުން ހިނގި ކަމަށް އޭނާ އެއްބަސްވި އެވެ. އޭގެ ސަބަބަކީ ސީޒަންގެ ފަހުކޮޅަށް ވެފައި ޓީމު އޮތް ހާލަތުގައި އުފެދުނު ހިތްހަމަނުޖެހުމެވެ.
"އަހަރެން މައާފަށް އެދެމެވެ. މިއީ ހިތްދަތިކަން ގެނުވައިދޭ ހާލަތެކެވެ. އެންމެ ދެރަވަނީ މިކަހަލަ މޮޔަ ކަންކަމާ ހެދި ގޯސް ވާހަކަތައް ފެތުރެން މަގުފަހިވާނެތީ އެވެ. އަހަރެންގެ ނަން ވެސް ހަރާބުވާނެތީ އެވެ،" ވަލްވާޑޭ ލިއުނެވެ.
މި ދެ ކުޅުންތެރިންގެ މެދުގައި މި ފަހުން އެހެން ޒުވާބެއް ވެސް ވަނީ ހިނގައިފަ އެވެ. އެކަން ވެސް އޭނާ ކަށަވަރުކޮށްދިނެވެ.
އަންނަ އާދިއްތަދުވަހުގެ ރޭ ބާސެލޯނާ ދަނޑުގައި ދެ ޓީމު ބައްދަލުކުރާނެ އެވެ. މިވަގުތު ރެއާލް އޮތީ 11 ޕޮއިންޓް ފަހަތުގަ އެވެ. މި މެޗު އެއްވަރުކޮށްލައިގެން ލީގު ޗެމްޕިއަންކަން ބާސެލޯނާއަށް ކަށަވަރުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ