ނެޓްފްލިކްސްއިން އަޑުން ސާޗްކުރެވޭ އޭއައި ފީޗާއެއް ޓެސްޓުކުރަނީ

ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ފިލްމާއި ސީރީޒްތައް ހޯދޭނެ ގޮތް ހެދުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަޑުން ސާޗްކުރެވޭ އާ ފީޗާއެއް އެ ކުންފުނިން ޓެސްޓުކުރަން ފަށައިފިއެވެ. މި އާ ސިސްޓަމަކީ ބޭނުންކުރާ މީހާގެ މަގްސަދާއި މޫޑަށް ބަލައިގެން، މާނަވީ ގޮތެއްގައި ކޮންޓެންޓް ހުށަހަޅައިދޭނެ ސިސްޓަމެކެވެ. ރިޕޯޓްތައް ބުނާގޮތުން މި ފީޗާ މިހާރު ބޭނުންކުރެވެނީ އެމެރިކާގެ ވަކި ސަރަހައްދުތަކެއްގައި ހޮވާލެވޭ މަދު ޔޫޒަރުންތަކަކަށެވެ. މިއީ އަދި ބީޓާ މަރުހަލާގައި އޮތް ފީޗާއެއް ކަމުން، ހުރިހާ ޑިވައިސްތަކަކަށް މި ޚިދުމަތް އަދި ނުލިބެއެވެ. މިވަގުތު މި ފީޗާ ފެންނަނީ ގޫގްލް ޓީވީ ފަދަ ވަކި ޕްލެޓްފޯމްތަކެއްގައި ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތަކަށެވެ. https://sun.mv/219766 މި އާ ފީޗާ އެކްޓިވޭޓް ކުރުމުން "އައި ނީޑް އަ ގުޑް ކްރައި" ނުވަތަ "ބެކްގްރައުންޑްގައި އަޅުވާލާފައި ބަހައްޓާނެ އެއްޗެއް" ފަދަ އިބާރާތްތަކުން ސާޗް ކުރެވޭނެއެވެ. މީގެ އިތުރުން "އާސްކް" ބަޓަނަށް ފިއްތާލުމަށްފަހު، ދުވަހުގެ ވަރުބަލިކަމާ ގުޅޭގޮތުން ނުވަތަ އަމިއްލަ އިހުސާސްތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމުން، އެ މީހަކާ އެންމެ ގުޅޭނެ ކޮންޓެންޓް އޭއައި އިން ހޯދައިދޭނެއެވެ. މި ސިސްޓަމްގައި ބޭނުންކޮށްފައިވާ ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް) އަކީ އާދައިގެ ސާޗް ސިސްޓަމްތަކާ ހިލާފަށް ވަރަށް އުނދަގޫ ސުވާލުތައް ވެސް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ. މިސާލަކަށް ކުޑަކުދިންނަށް ހާއްސަ މަރުގެ މައުޟޫއަށް ތައްޔާރުކޮށްފައިވާ ސީރީޒެއް ހޯދަން އެދުމުން، އެކަމާ އެންމެ ގުޅޭ ފިލްމުތައް މި ސިސްޓަމުން ދައްކައިދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިވަގުތު މި ފީޗާގައި ބައެއް އުނިކަންތައްތައް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ޔޫޒަރު ކުރިން ބަލާފައިވާ އެއްޗެއްސަށް ބަލައިގެން މައުލޫމާތު ދިނުމުގެ ގާބިލުކަން އަދި މި ސިސްޓަމަށް ލިބިފައި ނުވާއިރު، މިއީ ހަމައެކަނި ލިޔުމުން ޖަވާބުދޭ ސިސްޓަމެކެވެ. އަދި ބައެއް މަދު ހާލަތްތަކުގައި ނުބައި ނަތީޖާ ދެއްކުމުގެ ފުރުސަތު އޮތް ނަމަވެސް، މިއީ ނެޓްފްލިކްސްގެ މުސްތަގުބަލަށް ގެނެވޭ ބޮޑު ބަދަލެއް ކަމަށް މާހިރުން ގަބޫލުކުރެއެވެ. ނެޓްފްލިކްސް އަކީ 1997 ވަނަ އަހަރު ޑީވީޑީ ކުއްޔަށް ދޭ ކުންފުންޏެއްގެ ގޮތުގައި އުފެދި، 2007 ވަނަ އަހަރު ސްޓްރީމިންގެ ހިދުމަތް ތައާރަފުކުރި، ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި މި ހިދުމަތް ދޭ ކުންފުންޏެވެ. 2026 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމުން 325 މިލިއަނަށް ވުރެ ގިނަ މީހުން ނެޓްފްލިކްސް ބޭނުންކުރެއެވެ. ޓެކްނޮލޮޖީގެ ރޭހުގައި ކުރި ހޯދުމަށް ނެޓްފްލިކްސް އިން އަބަދުވެސް އަންނަނީ އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލާނިން ބޭނުންކޮށްގެން، ޔޫޒަރުންގެ ޝައުގުވެރިކަމާ ގުޅޭ ފިލްމުތައް ހުށަހަޅައިދޭ ސިސްޓަމްތައް ތަރައްގީކުރަމުންނެވެ. މިގޮތުން މިހާރު ޓެސްޓުކުރަމުންދާ އޭއައި ވޮއިސް ސާޗް ފީޗާއަކީ، އެހެން ސްޓްރީމިން ޕްލެޓްފޯމްތަކާ ވާދަވެރިކަމުގައި ނެޓްފްލިކްސްގެ މަގާމު ވަރުގަދަކޮށް، ޔޫޒަރުންނަށް ފަސޭހައިން ކޮންޓެންޓް ހޯދޭނެ މާހައުލެއް ބިނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ