އެމްބާޕޭ ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް މިހާތަނަށް 40 މިލިއަން ސޮއި

ރެއާލް މެޑްރިޑްގެ ނާކާމިޔާބު ސީޒަންގައި ސަލާމަތެއް ނެތެވެ. ދެ މިޑްފީލްޑަރުންގެ މެދުގައި ޒުވާބުކޮށް، އެކެއްގެ ބޯ ފެޅިއްޖެ އެވެ. ފޯވަޑް ކީލިއަން އެމްބާޕޭ ބޭރުކުރަން ކްލަބްގެ ސަޕޯޓަރުން މިހާރު ކުރިއަށް ގެންދާ ޕެޓިޝަންގައި މިހާތަނަށް 40 މިލިއަން މީހުންގެ ސޮއި ހަމަކޮށްފި އެވެ.
އެމްބާޕޭ މިވަގުތު ހުރީ އަނިޔާގަ އެވެ. އެކަމަކު އޭނާއާ މެދު ގިނަ ބައެއްގެ ހަމްދަރުދީއެއް ނެތް ފަދަ އެވެ.
އުމުރުން 27 އަހަރުގެ ފޯވަޑާ މެދު އެންމެ ފުރަތަމަ ފެތުރުނީ ތަމްރީންތަކުގައި ކްލަބްގެ މުވައްޒަފަކަށް ރުޅިބޭލިކަމުގެ އަޑުތަކެވެ. އޭގެ ފަހުން ލޯބިވެރިޔާއާ އެކު ކުރު ޗުއްޓީއެއްގައި އިޓަލީއަށް ދިއުމެވެ. އިޓަލީއަށް ދިޔައީ އަނިޔާގައި ހުރުމުން ތަމްރީންތަކުގައި ބައިވެރިނުވެވޭތީ އެވެ.
އެކަމަކު މި ސީޒަންގައި އެއްވެސް ތައްޓެއް ލިބުމުގެ ފުރުސަތު ނެތް ރެއާލްގެ ސަޕޯޓަރުން ދެކޭ ގޮތުގައި މި ދަނޑިވަޅު އެމްބާޕޭ ހުންނަންެ ޖެހޭނީ ޓީމުގެ އެހެން ކުޅުންތެރިންނާ އެކުގަ އެވެ.
'އެމްބާޕޭ އައުޓް'ގެ ނަމުގައި އޮންލައިންގައި އާންމުކުރި ޕެޓިޝަން އަސްލު ނެރުނީ 200،000 މީހުންގެ ސޮއި ހަމަކުރަން އަމާޒު ހިފައިގެންނެވެ. ނަމަވެސް މިހާތަނަށް 40 މިލިއަން މީހުން ސޮއިކޮށްފި އެވެ.
އެމްބާޕޭގެ ފަރާތުން 'ދި އެތުލެޓިކް'އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަރައިގެން އުޅޭ އަޑުތަކުގައި ހަގީގަތެއް ނެތެވެ. އެމްބާޕޭ ރަށުން ބޭރަށް ދިޔައީ ވެސް އެ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ބުންޏެވެ.
އަންނަ އާދީއްތަދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި ކުޅޭ އެލް ކްލެސިކޯގައި އެމްބާޕޭއަށް ކުޅެވޭނެކަން އަދި ޔަގީނެއް ނޫނެވެ. މި މެޗުން ބާސެލޯނާ ބަލިކޮށްލުމަކީ މި ވަގުތަށް ރެއާލްއަށް ލިބެން އޮތް ހަމައެކަނި ހިތްހަމަޖެހުމެވެ. މެޗު އެއްވަރުވިޔަސް ލީގު ޗެމްޕިއަންކަން ބާސެލޯނާއަށް ކަށަވަރުވާނެ އެވެ. މި ވަގުތު ރެއާލް އޮތީ ބާސާއަށް ވުރެ 11 ޕޮއިންޓް ފަހަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ