ދުނިޔޭގެ މަތީ ތައުލީމުދޭ މުއައްސަސާތަކުގެ ފެންވަރު ވަޒަންކުރާ ބައިނަލްއަގުވާމީ އެންމެ މަގްބޫލު އެއް މިންގަނޑު ކަމަށްވާ 'ޓައިމްސް ހަޔަ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026'ގައި ވިލާ ކޮލެޖުން ތާރީހީ އާ ކާމިޔާބީތަކެއް ހާސިލުކޮށްފި އެވެ.
ތަފްސީލް - އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދުނިޔޭގެ ޔުނިވަސިޓީތަކާއި ކޮލެޖުތަކުން ކުރާ މަސައްކަތްތައް ވަޒަންކޮށް އެކުލަވާލާ މި ރޭންކިންގައި، ވިލާ ކޮލެޖުން ވަނީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. މިގޮތުން:
'ކޮލިޓީ އެޑިއުކޭޝަން' ނުވަތަ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުން ވަޒަންކުރާ 'އެސްޑީޖީ 4'ގެ ކެޓެގަރީން ދުނިޔޭގެ 82 ވަނަ މަގާމު ވިލާ ކޮލެޖުން ވަނީ ހާސިލުކޮށްފައި؛ މިއީ ރާއްޖޭގެ ތައުލީމީ މުއައްސަސާއަކުން ބައިނަލްއަގުވާމީ މައިދާނުގައި ހޯދި މިފަދަ އެންމެ ޝަރަފުވެރި ކާމިޔާބީ
މިއަހަރުގެ ރޭންކިންގްސްގައި މުޅި ދުނިޔެއިން ބައިވެރިވި 1,603 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ އޯވަރޯލް ރޭންކިންގައި 301 އާއި 400އާ ދެމެދުގެ ބޭންޑުގައި ހިމެނިފަ އެވެ. މިއީ މިދިޔަ އަހަރު އެ ކޮލެޖު ހިމެނުނު 401-600 ބޭންޑާ އަޅާބަލާއިރު، އެންމެ އަހަރެއްގެ ތެރޭގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، ވިލާ ކޮލެޖަކީ މި ރޭޓިންގައި ރާއްޖެއިން އެންމެ މަތިން ރޭޓް ކުރެވިފައިވާ މުއައްސަސާ އެވެ.
ދެމެހެއްޓެނިވި ތަރައްގީގެ އެހެނިހެން ދާއިރާތަކުން ވެސް ވިލާ ކޮލެޖުން ވަނީ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން:
އެސްޑީޖީ 16 (އިންސާފާއި ހެޔޮ ވެރިކަން): ދުނިޔޭގެ 101-200 ބޭންޑުގައި ހިމެނި، މިދިޔަ އަހަރަށް ވުރެ ކުރިއެރުމެއް ހޯދި
އެސްޑީޖީ 3 (ދުޅަހެޔޮކަން): 601-800 ބޭންޑުން 201-300 ބޭންޑަށް ޖެހިލައި މި އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދާއިރާއަށް ވެފައިވޭ
އެސްޑީޖީ 5 (މިންތީގެ ހަމަހަމަކަން): 201-300 ބޭންޑުގައި ހިމެނި، ދުނިޔޭގެ ކުރީ ސަފުގައި މަގާމު ދަމަހައްޓާފައިވޭ
އެސްޑީޖީ 17 (ލަނޑުދަނޑިތަކަށް ގުޅިގެން މަސައްކަތްކުރުން): 201-300 ބޭންޑުގައި ހިމެނި، ކުރީގެ މަގާމު ދަމަހައްޓާފައިވޭ
ބުނީ ކީކޭ؟ - ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ، މިއީ ދަރިވަރުންނާއި މުވައްޒަފުން އެކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެންމެ އަހަރެއްގެ ތެރޭގައި މިހާ ބޮޑު ކުރިއެރުމެއް ހޯދުމަކީ ފެންވަރު ރަނގަޅު ތައުލީމާއި ދެމެހެއްޓެނިވި ތަރައްގީއަށް ކޮލެޖުން ދޭ އިސްކަން ހާމަވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ވިލާ ކޮލެޖު ދުނިޔޭގެ ގަދަ 100ގައި ހިމެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ