ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރެޖިސްޓްރާގެ މަގާމު އަދާކުރި މުހައްމަދު ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މިއަދު އައްޔަނުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޝަކީލް އެ މަގާމަށް އައްޔަނުކުރަން 51 މެންބަރުން ވޯޓު ދެއްވިއިރު ހަތް މެންބަރުން އޭނާ އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
އިއްޔެއާ ހަމައަށް އޭނާ ހުރީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އީސީއަށް ދިޔުމަށްޓަކައި އޭނާ ވަނީ އެ މަގާމުންނާއި ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމުން އިސްތިއުފާ ދީފަ އެވެ.
ޝަކީލް ވަނީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފަ އެވެ. އޭނާ އެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2014، އިން މެއި 2018، އަށެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.
އިލެކްޝަންސް ކޮމިޝަނަކީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ މިނިވަން މުއައްސަސާ އެވެ. އެ މުއައްސަސާގެ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރި ޝަކީލަކީ ރައީސް މުހައްމަދު މުއިއްޒުއަށް ސަނާކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުން އަންނަ މީހެކެވެ.
އޭނާގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހައްޖު ކޯޕަރޭޝަނަށް ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އަމާޒުވި އެވެ. އިތުރަށް ފައިސާ ނަގައިގެން ހައްޖު ލިސްޓުގައި މާ ފަހަތުގައި ތިބި މީހުންނަށް ހައްޖަށް ދިޔުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ފަހިކޮށްދިންކަން އަދަދު ނޫހުން މީގެ ކުރިން ރިޕޯޓުކޮށްފައިވާނެ އެވެ.
އެ ކޮމިޝަނުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމުންނެވެ. ސަރުކާރުގެ ފަރާތުން އިންތިހާއަށް ނުފޫޒު ފޯރުވަމުން ދިޔުމުގެ ސަބަބުން ޒާހިދު އެ މަގާމުން އިސްތިއުފާދެއްވީ މެއި 1، ގަ އެވެ.
މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުނީ ޒާހިދު އިސްތިއުފާ ދެއްވިއިރު، އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ފަރާތުން ވަރަށް ބޮޑެތި ނުފޫޒު ފޯރުވަމުންދިޔަ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޕީއެންސީގެ ރެޖިސްޓްރާގެ މަގާމު އަދާކުރި ޝަކީލު އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ