ޓޫރިޒަމްގެ ދާއިރާއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޭ އެހީތެރިކަން ބޮޑުކަމަށާއި އެއީ އެ ދާއިރާގެ މުހިއްމު އަދި އިސް ބައިވެރިއެއް ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބީއެމްއެލުން ކުރިއަށް ގެންދިޔަ 'ނޮން-ޑީލް ރޯޑް ޝޯ'ގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމްގެ އެއް ބާނީ ވިދާޅުވީ ބޭންކުން ދޫކުރާ މާލީ އެހީގެ ސަބަބުން، އެ ދާއިރާ ފުޅާކުރުމަށާއި އާ ހިދުމަތްތައް ތައާރަފްކުރުމަށް އަދި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭ ކަމަށެވެ.
އަފީފް ވިދާޅުވި ގޮތުގައި މާލީ އެހީ ހޯދާނެ އާ މަގުތައް ދެނެގަތުމަށް ބޭންކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ ގާބިލުކަން އިތުރުވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމުގައި ހިއްސާ ބޮޑުވާނެ އެވެ.
ބީއެމްއެލުން މި ބައްދަލުވުންތައް ބާއްވާފައިވަނީ، މިދިޔަ މަހުގެ 29 އިން މިއަދުގެ ނިޔަލަށް، ސިންގަޕޫރާއި ހޮންގް ކޮންގް އަދި ލަންޑަނުގަ އެވެ. ބައްދަލުވުންތަކުގެ މަގްސަދަކީ، އެ ބޭންކުން ބުނިގޮތުގައި، ބައިނަލްއަގްވާމީ ފަންޑުތަކުން ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމެވެ.
ބީއެމްއެލުން ބުނީ:
އެގޮތުން ހޯދާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށާއި ޓޫރިޒަމްގެ ދާއިރާއަށް ވާ އެހީތެރިކަން އިތުރުކުރުމަށް ކަމަށް
ޓޫރިޒަމަށް މިހާރު ވެސް ބޭންކުން އަންނަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް އެ ދާއިރާއަށް 594 މިލިޔަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް
އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 35 މިލިޔަން ޑޮލަރު އެ ދާއިރާއަށް ދޫކޮށްފައިވާ ކަމަށް
ބީއެމްއެލުން ބުނިގޮތުގައި މި ބައްދަލުވުންތައް ބާއްވާފައިވަނީ އެތަނުގެ 43 އަހަރުގެ ތާރީހުގައި އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދި ކާމިޔާބު އަހަރަކަށް ފަހު އެވެ. ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، އެ ބޭންކު މިހާރު އޮތީ މާލީ ރަނގަޅު ހާލަތެއްގައި، ބައިނަލްއަގްވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކާ އެކުގައި ކަމަށް ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ އިންވެސްޓަރުންނާ އެކު ބޭއްވި އެ ބައްދަލުވުންތަކުން ވަރަށް އުއްމީދީ ނަތީޖާތަކެއް ފެނިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދުގެ ކުރިމަގަށާއި ބޭންކުގެ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ބީއެމްއެލްއަކީ ޓޫރިޒަމް ދާއިރާގެ މުހިއްމު ބައިވެރިއެއް: މަޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ