އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު، އެކައުންޓިން ދާއިރާ ކުރިއެރުވުމަށާއި ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ލިބޭ ފައިދާތައް އިތުރުކުރުމަށްޓަކައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުުގެ ދަށުން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނީ ފަންނީ ތަރައްގީއާއި، މަޢުލޫމާތު ހިއްސާކުރުމާއި، ދިރާސާކުރުމުގެ އިތުރުން އެކައުންޓިން ދާއިރާގައި އެތިކަލް މިންގަނޑުތައް ހިފެހެއްޓުމަށެވެ. މީގެ އިތުރުން މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ރާއްޖޭގެ އެކައުންޓިން އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް ހެދުން -- ފޮޓޯ/ ވަގުތު މި އެއްބަސްވުމުގެ ދަށުން، ސީއޭ މޯލްޑިވްސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އެލައިޑް އިންޝުއަރެންސާ ގުޅުމަށް ބާރުއެޅުމަށް ވަނީ ނިންމާފައެވެ. އަދި ދެ މުއައްސަސާ ގުޅިގެން ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ތަޖުރިބާ ހިއްސާކުރުމާއި، ރާއްޖޭގެ ބާޒާރާ ގުޅޭ ދިރާސާ މަޝްރޫއުތައް ކުރިއަށް ގެންދާނެއެވެ. އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް ހެދުން -- ފޮޓޯ/ ވަގުތު ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް މި އެއްބަސްވުމުގެ ދަށުން ޚާއްސަ އިނާޔަތްތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި ލައިސަންސް ހޯދުމަށް ބޭނުންވާ "ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކަފުލް" ކަވަރޭޖަށް ޚާއްސަ އަގުތަކެއް ހަމަޖެއްސުމާއި، ލިޔެކިޔުންތައް ހުށަހެޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. އަދި ސީއޭ މޯލްޑިވްސްގެ މެންބަރުންނާއި ދާއިމީ މުވައްޒަފުންނަށް "ގްރޫޕް ހެލްތު ތަކަފުލް" އަދި "ގްރޫޕް ޓާމް ލައިފް ތަކަފުލް" ޚާއްސަ އުސޫލުތަކެއްގެ ދަށުން ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ. މި ބައިވެރިވުމަކީ ރާއްޖޭގެ މާލީ ދާއިރާގެ މިންގަނޑުތައް ވަރުގަދަކޮށް، ފަންނީ ފެންވަރު މަތިކުރުމަށް އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް އިތުރު އިތުބާރާއި ދެފުށް ފެންނަ ނިޒާމެއް ގާއިމުވުމަށް މަގުފަހިވެގެންދާނެ ކަމަށް ދެ ފަރާތުން ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ