މަސްވެރިކަން ރަނގަޅުވާން ފަށައިފި: މިފްކޯ

ވޭތުވެދިޔަ ހަފުތާތަކާ އަޅާބަލާއިރު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށާއި، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 50 މެޓްރިކް ޓަނުގެ މަސް ގަންނަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
މި އަހަރުގެ މިހާތަނަށް މަސްވެރިކަން އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ ޖޫން މަހުގައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު މަސްވެރިންނަށް މިފްކޯއިން ދޫކޮށްފައިވަނީ 11.3 މިލިއަން ރުފިޔާއެވެ. މިއާ ހިލާފަށް މި އަހަރު މަސްވެރިކަން އެންމެ ރަނގަޅުވި އޭޕްރީލް މަހު މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއިން ބުނި ގޮތުގައި ޖޫން މަހުގެ ބައެއް ދުވަސްތަކުގައި މަސް ގަތުމަށް ހޭދަކޮށްފައިވަނީ އެންމެ 200,000 ރުފިޔާއެވެ. ނަމަވެސް މިއީ ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚަށް ބަލާއިރު އާންމު ކަމެކެވެ. ހުޅަނގު މޫސުމުގެ ގަދަވަޔާއި ކަނޑުގަދަވުމުގެ ސަބަބުން ކޮންމެ އަހަރެއްގެވެސް ޖޫން އަދި އޯގަސްޓް މަހަކީ މަސްވެރިކަން އާންމުކޮށް ދަށް ދުވަސްވަރެކެވެ.
މިފްކޯއިން ބުނީ މިހާރު މަސްވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މަސް ގަންނަ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިވަގުތު މަސްވެރިކަން އެންމެ ރަނގަޅީ ޅަވިޔަނި އަތޮޅުގެ ސަރަހައްދުތަކުގައި ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މަސްވެރިކަން ދަށްވި ނަމަވެސް، އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދިޔަ ޓެރިފް ކަނޑާލުމާ ގުޅިގެން މިފްކޯއިން ވަނީ މަސް ގަންނަ އަގު ބޮޑުކޮށްފައެވެ. އެގޮތުން ޖޫން 9 ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުންދަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ