ހަންޓާވައިރަސް ނުފެތުރޭނޭ ބުނާ ވަރަށް ނުރައްކާ ކުޑަ: ޑަބްލިއުއެޗްއޯ

ކުރޫޒް ޝިޕެއްގައި ފެތުރެމުންދާ ނުރައްކާތެރި ހަންޓާވައިރަސްގެ ސަބަބުން އާންމުންނަށް އޮތް ނުރައްކާ ވަރަށް ކުޑަ ކަމަށާއި ސަބަބަކީ މި ބަލި ފެތުރެނީ ހަމައެކަނި "ވަރަށް ގާތުން ކޮންޓެކްޓް" ވެގެން ކަމަށްވާތީ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު ބުނެފި އެވެ.  
އާންމު ގޮތެއްގައި މީދާ އާއިލާގެ ތެރޭގައި ފެތުރޭ މި ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ވަރަށް ނާދިރު ހާލަތެއްގަ އެވެ. އެކަމަކު އިންސާނަކަށް ޖެހިއްޖެ ނަމަ، ނޭވާލާ ނިޒާމާއި ކިޑްނީއަށް ވަރަށް ބޮޑަށް ގެއްލުންވެ އެވެ. މީދަލުގެ ސަބަބުން އިންސާނުންނަށް މި ވައިރަސް ޖެހެނީ ބަލި ޖެހިފައިވާ މީދަލުގެ ނަޖިހާއި ކުޅު ނޭވާގެ ޒަރިއްޔާއިން އިންސާނުންގެ ހަށިގަނޑަށް ވަނުމުންނެވެ. 
ސްޕެއިންގެ ޓެނެރީފް އައިލެންޑަށް ދަތުރުކުރަމުންދާ "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ ބޯޓެއްގައި މި ބަލި ފެތުރުމާ ގުޅިގެން ގައުމުތަކުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. 
މި ބޯޓުން ދަތުރުކުރި ތިން ފަސިންޖަރަކު މަރުވެފައިވާއިރު، ޑަބްލިއުއެޗްއޯ އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ ބަލި ޖެހިފައިވާކަން ކަށަވަރުވާ ފަސް މީހަކާއި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ތިން މީހަކު އެބަ ތިބި ކަމަށެވެ.
"މިއީ ނުރައްކާތެރި ވައިރަހެއް، އެކަމަކު އެއީ ހަމައެކަނި ބަލި ޖެހިފައިވާ މީހާއަށް އޮތް ނުރައްކަލެއް. އާންމު އާބާދީއަށް މީގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށް،" ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމެއިއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމް.ވީ ހޮންޑިއަސްގައި ބަލި ޖެހުނު މީހުންނާ އެކު އެއް ކެބިންއެއްގައި ތިބި މީހުންގެ ތެރެއިން ވެސް ބައެއް މީހުންނަށް ބަލީގެ ވައިރަސް އަރާފައި ނެތް ކަމަށް ބެލެވެ އެވެ.
"މިއީ އާ ކޮވިޑެއް ނޫން... މިއީ ހިމަބިއްސާ ގާތްކުރާ ވަރުގެ ކަމެއް ވެސް ނޫން،" ހަންޓާވައިރަސް އަކީ ކެއްސާ މީހެއްގެ ކައިރީގައި ހުރެގެން ވެސް އެޖެހޭ ބައްޔެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
"ބަލި ޖެހޭނީ މޫނާއި މޫނު ޖެހޭހާ ގާތްވެގެން... ކުޅު ވާސިލްވުމުން، ބުރައިގެންދާ ކުޅުން މައްސަލަ ދިމާވެދާނެ،" އޭނާ ވިދާޅުވި އެވެ.
ބަލި ފެތުރުނު ބޯޓު އާޖެންޓީނާގެ ދެކުނު ބިތުގައި އޮންނަ އުޝުއާޔާއިން ފުރީ އޭޕްރީލް 1 ވަނަ ދުވަހު އެވެ. އެއީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ކޭޕް ވާޑޭއަށް ދާށެވެ. މި ދަތުރުގައި، އެ ބޯޓު ވަނީ އެކަހެރިކޮށް ހުރި ބައެއް ރަށްތަކަށް މަޑުކޮށްފަ އެވެ.
މި ވައިރަސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ނުވަތަ ޖެހިފައިވާ މީހުންނަށް މިހާރު ފަރުވާ ދެމުންދަނީ ޔޫކޭ، ޖަރުމަނު، ނެދަލޭންޑްސް، ސުވިޓްޒަލޭންޑް އަދި ސައުތު އެފްރިކާގަ އެވެ.
ބަލިޖެހިގެން މަރުވި މީހަކާ ގާތުން ކޮންޓެކްޓްވި ނެދަލޭންޑްސްގެ ފްލައިޓް އެޓެންޑެންޓެއް ވައިރަހަށް ނެގެޓިވްވިކަން ލިންޑްމެއިއާ ފާހަގަކުރެއްވި އެވެ.
ކޭ.އެލް.އެމް އެއާލައިނުން ބުދަ ދުވަހު ބުނި ގޮތުގައި، މި ބަލީގައި ފުރަތަމަ މަރުވި މީހާގެ އަންހެނުން އޭޕްރީލް 25 ވަނަ ދުވަހު ޖޯހަންސްބާގުން ނެދަލޭންޑްސްއަށް ދަތުރުކުރި ބޯޓަކަށް އަރައި އިރުކޮޅަކު އިން ކަމަށެވެ. ނަމަވެސް ބޯޓު ފުރުމުގެ ކުރިން އޭނާ ވަނީ ބާލައިފަ އެވެ.
އެ އަންހެން މީހާ އޭޕްރީލް 26 ވަނަ ދުވަހު ޖޯހަންސްބާގް ހޮސްޕިޓަލެއްގައި މަރުވިއިރު، ފަހުން ވަނީ ހަންޓާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
އެ އަންހެން މީހާ މަރުވުމުގެ ކުރިން އޭނާއާ ވަރަށް ގާތުން ކޮންޓެކްޓްވި ފްލައިޓް އެޓެންޑެންޓަށް ބަލި ޖެހިފައި ނުވުމަކީ "ވަރަށް އުފާވެރި ހަބަރެއް" ކަމަށް ލިންޑްމެއިއާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒިއުރިކްގެ ހޮސްޕިޓަލެއްގައި އޮތް ސުވިޓްޒަލޭންޑްގެ މީހަކަށް ބަލި ޖެހިފައިވާއިރު، އޭނާއާ އެކު ދަތުރުކުރި އޭނާގެ އަންހެނުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.
"މިއިން އަނެއްކާވެސް އެނގެނީ، މި ވައިރަހަކީ އެހާ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން، މި ބޯޓު މަޑުކުރި ރަށްތަކުގެ މީހުންނަށް އޮތް ބިރު ވެސް ވަނީ ކުޑަވެފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ސެއިންޓް ހެލީނާ ހިމެނެ އެވެ. އެ ރަށަށް އޭޕްރީލް 24 ވަނަ ދުވަހު 30 ފަސިންޖަރުން ފޭބިއިރު، މި ބަލީގައި މަރުވި ފުރަތަމަ މީހާގެ ހަށިގަނޑު ވެސް ބޭލި އެވެ.
"ރަށެއްގެ އާންމުންނަށް އޮތް ނުރައްކަލުގެ މިންވަރު، އެއްވެސް ވަރަކަށް ނެތޭ ބުނާހާ ކުޑަ،" ލިންޑްމެއިއާ ވިދާޅުވި އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ