ގަދަ ވަޔާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް އެންޑީއެމްއޭގެ އިރުޝާދުތަކެއް

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ އިދާރަަކުން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިރުޝާދު ދީފިއެވެ.
ގައުމީ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރު ޓްރަފުގެ ސަބަބުން މި މަހުގެ 9 އިން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު ބޮޑެވެ.
މި ވިއްސާރައިން ކުރިމަތިވެދާނެ ގެއްލުންތަކަށް ރައްކާތެރިވުމުގެ ގޮތުން އެންޑީއެމްއޭއިން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި ފެންބޮޑުވެ ފެންވަންނާނެހެން ހީވާ ގޭގޭގެ ބޭރުގައި ކުރިއާލައި ވެލިބަސްތާ ޖެހުމާއި، ގަދަވައިގެ ސަބަބުން ފުރާޅުތައް އެއްލާލާނެ ކަމަށް ވިސްނައި ފުރާޅުތައް ވަރުގަދަކުރުން ހިމެނެއެވެ.
މީގެ އިތުރުން، ފެންބޮޑުވެދާނެ ކަމަށް ބަލައި އަގުބޮޑު ކަރަންޓު އާލާތްތައް ފެނުން ރައްކާތެރިވާނެ މިންވަރަށް އުސްތަނަކަށް އަރުވާފައި ބެހެއްޓުމަށާއި، ބޭނުންނުކުރާ ކަރަންޓު އާލާތްތައް ނިއްވާފައި ބެހެއްޓުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކާޑާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗަށް ދަތިނުވާ މިންވަރަށް ހޯދާފައި ބެހެއްޓުމަކީވެސް މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކަށް އިރުޝާދު ދެމުން އެންޑީއެމްއޭއިން ބުނީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށާއި، އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ