ރާއްޖެއަށް ހަންޓާ ވައިރަހުގެ ރިސްކް ކުޑަ: އެޗްޕީއޭ

އެމެރިކާ ސަރަހައްދުގެ ކްރޫޒް ލައިނާއަކުން ފެނުނު ހަންޓާ ވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުން އަންނަ ކްރޫޒް ލައިނަރއަކުން ހަންޓާ ވައިރަސް ފެނުމާއެކު ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް އެ އެޖެންސީން މޮނިޓަރ ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހެއް (ކޮންޓެކްޓެއް)ވެސް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ރާއްޖެއަށް މި ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ބައްޔާގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކުން އެ އެޖެންސީން އާންމުންނާ ހިއްސާ ކުރައްވަމުންދާނެ ކަމަށެވެ.
ހަންޓާ ވައިރަހަކީ، މައިގަނޑު ގޮތެއްގައި މީދަލާއި އެފަދަ ޖަނަވާރުގެ ޒަރީއާއިން ފެތުރޭ ވައިރަހުގެ ބާވަތެކެވެ. އިންސާނުންގެ މެދުގައި މި ވައިރަސް ފެތުރެނީ، މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ކުޅާއި ނުވަތަ ނަޖިހުގައި އަތްލެވިގެންނެވެ. މީގެ އިތުރުން، ވައި ނުވަންނަ ބަންދު ތަންތަނުގައި ހުންނަ މީދަލުގެ ނަޖިހުގެ ޕާޓިކަލްސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމަކީ ވެސް ބަލިޖެހޭ މައިގަނޑު ސަބަބެކެވެ.
ކޯވިޑް-19އާ ޚިލާފަށް، ހަންޓާ ވައިރަހަކީ ގައިން ގަޔަށް ފެތުރޭ އާންމު ވައިރަހެއް ނޫނެވެ. މި ވައިރަސް ފެނުނު ފަހުން މިހާތަނަށް 5 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ބަލީގެ ނުރައްކާ ބައެއް ފަރާތްތަކަށް ބޮޑުވި ނަމަވެސް، އާންމު ސިއްޙަތަށް އޮތް ނުރައްކާ ކުޑަ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. އެ ޖަމުއިއްޔާއިން ހާމަކުރި ގޮތުގައި، ބައިނަލްއަގުވާމީ ސިއްޙީ ޤަވާއިދުތަކުގެ (އައިއެޗްއާރް)ގެ ދަށުން އެކި ޤައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން، ބަލި ފެތުރުން ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ