އަސުންސިއޯން، ޕެރަގުއޭ (ޖުލައި 8) - އޭނާއާ ބެހޭގޮތުން، ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ދެއްކި ވާހަކަތަކަށް މާފަށް ނޭދޭނަމަ، އޭނާއާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕެރަގުއޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، ސެލެސްޓޭ އަމަރީއާ ދީފި އެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ގައި ފްރާންސުން 1-0 އިން ޕެރަގުއޭ ބަލިކުރި މެޗަށް ފަހު އެ ގައުމުގެ މަޖިލިސް މެންބަރު، އަމަރީއާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށް، އެމްބާޕޭއާ ނަސްލީ ގޮތުން ދިމާކޮށްލައިފަަ އެވެ.
އެމްބާޕޭ އާއި އަމަރީއާގެ ދެމެދުގައި މައްސަލަ އެންމެ ފުރަތަމަ ދިމާވީ ޕެރަަގުއޭގެ ރެޑިކަލް ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ އަމަރީއާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
އެ ގޮތުން، އޭނާ ވަނީ އެމްބާޕޭ އަކީ ފްރާންސް މީހަކަށް ވާން މަސައްކަތް ކުރާ "ކެމަރޫންގެ އަޅެއްގެ" ގޮތުގައި ސިފަކޮށްފަ އެވެ. އަދި، ޕެރަގުއޭގެ ކުޅުންތެރިން އެ މެޗަށް ފަހު، އެމްބާޕޭގެ މޫނުމަތީގައި ޖަހަން ޖެހޭ ކަމަށް ވެސް އަމަރީއާ ފުރަތަމަ ލިޔެފައި ފަހުން ޑިލީޓްކުރި ޕޯސްޓްގައިވެ އެވެ. އަމަރީއާ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ، ޕެރަގުއޭ އަތުން ފްރާންސް މޮޅުވި ޕެނަލްޓީ ޖަހާފައި އެމްބާޕޭ އުފާފާޅުކުރި ގޮތުންނެވެ.
އަމަރީއާ ބުނީ، އުފާފާޅުކުރިއިރު، އެމްބާޕޭ އުޅުނީ ވަލު ޖަނަވާރެއްގެ ގޮތަށް ކަމަށެވެ.
މި ހުރިހާ ކަމަކާ ގުޅޭގޮތުން، އެމްބާޕޭ ބުނީ އަމަރީއާ އަކީ އޭނާގެ ނަން ފާހަގަކުރަން ވެސް ލަދުވެތިވާ ލެވަލްގެ ދަށު ދަރަޖައިގެ މީހެއް ކަމަށެވެ. އަދި، އަމަރީއާ އަކީ އެއްވެސް ވަރަކަށް އޭނާ ހުރި މަގާމަށް ކުފޫ ހަމަވާ މީހެއް ނޫން ކަމަށާއި ފެނުނު ހަގީގަތަކީ، މަގާމާ ނުގުޅޭ އަންހެނެއް ކުރި ކަމެއްގެ ސަބަބުން، މި ފަހަރުގެ ވޯލްޑް ކަޕްގައި ޕެރަގުއޭ އިން ކުރި ރަނގަޅު ކަންތައްތަކަށް ވެސް ހިޔަނި އެޅިގެންދިޔަ ކަން ކަމަށެެވެ.
މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޕްރޮސެކިއުޓާ އޮފީހަށް ހުށަހަޅާފަ އެވެ. އަދި ޕެރަގުއޭގެ ފޮރިން މިނިސްޓްރީން ވަނީ އެ އަމަރީޔާ ވާހަކަތަކާ އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދާކަން ހާމަކޮށްފަ އެވެ.
ފްރާންސްގް ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެފް) އާއި ފްރާންސް ސަރުކާރުން ވެސް ވަނީ އެމްބާޕޭ އަށް ތާއީދުކޮށް ބަޔާނެއް ނެރެފަ އެވެ. މީގެ އިތުރުން، ޕެރަގުއޭގެ ސަރުކާރުން އިސްވެ، އެ ގައުމުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އަމަރީއާގެ ވާހަކަތައް ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.
މި ހުރިހާ ކަމަކަށް ފަހު، އަމަރީއާ، އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭނާ އެންމެ ފުރަތަމަ ނެރުނު ބަޔާނާ މެދު ކަންބޮޑުވާ ކަމަށާއި ހެދުނީ ގޯހެއްކަން އެނގުނު ހިސާބުން އެ ޕޯސްޓް ޑިލީޓްކޮށްލައި މާފަށް އެދިފައިވާނެ ކަމަށެވެ. އަދި، މިހާރު އޭނާ ވެސް އެދެނީ އެމްބާޕޭގެ ފަރާތުން އޭނާ ކިޔާފައިވާ އެއްޗެއްސަށް މާފަށް އެދުމަށް ކަމަށް ވެސް އަމަރީއާ ވަނީ ފާހަގަކޮށްފަ އެވެ.
"އަހަރެން ގޮވާލަން އެމްބާޕޭ ވެސް އޭނާ ދެއްކި ވާހަކަތަކަށް މާފަށް އެދެން. ތި ދެއްކި ވާހަކަ އަހަންނަކަށް ވެސް ބަލައެއް ނުގަނެވޭނެ. އަހަންނަކީ ކާކުކަން ތި ނޭނގެނީ. އަހަންނަކީ މި މަގާމަށް ކުފޫހަމަނުވާ މީހެއް ކަމަށް ބުނެވޭނެ އެއްވެސް ހައްގެއް އެމްބާޕޭ އަށް ނޯންނާނެ،" އަމަރީއާ ބުންޏެވެ.
"މިއީ އަންހެނެއްގެ ކަރާމާތަށް އަރައިގަތުން، މިއީ ދައުވާކުރެވޭނެ ކުށެއް. މިއި ސިޔާސީ ގޮތުން ބެލިޔަސް އަންހެނެއްގެ ކަރާމާތަށް އަރައިގަނެ، އަދި ބަޔެއްގެ ވޯޓުން ހޮވާފައިވާ މެމްބަރެއްގެ އަނބުރަށް އުނިކަމެއް އަންނާނެ ވާހަކަތަކެއް،"
ފްރާންސްގެ ރައްޔިތެއްގެ ގޮތުގައި، ކުރެވުނު ކުށަށް މާފަށް އެދި ކަންކަން ހައްލުކުރަން އަމަރީއާ އަށް އެމްބާޕޭ ވަނީ ގޮވާލައިފަ އެވެ.
އެމްބާޕޭ މާފަށް ނޭދޭނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: ޕެރަގުއޭ މަޖިލިސް މެމްބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ