އިޤުރާރުވީމޭ ލޯބިން - 47
"ރިހާމް... އެއީ... އެއީ އައިރާގެ ކުރީގެ ފިރިމީހާ..." "ވަޓް؟" ރިހާމްއަށް އެހެން ބުނެލެވުނުއިރު، އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ޔަޤީންކުރަން ބޭނުންވާ ފަދައަކުން ޒަހްރާނަށް ބަލަހައްޓައިގެން ހުރީ ޔަޤީންކަން ބޭނުންވެފައިވާ ފަދައަކުންނެވެ. އެކަން އެނގުނު ޒަހްރާން ބޯ ޖަހައިލިއެވެ. "އޭނައާ ޒާތީވާކަށް ބޭނުމެއް ނޫން. އެކަމަކު، އޭނަ އައިރާއާ ދޭތެރޭ ކަންތައްކުރި ގޮތް ހިތަށް އަރާފަ އަހަންނަކަށް ހަމަ ނުވާނެ." ޒަހްރާން ބުންޏެވެ. "އެހެން ނޫނަސް، މިހާރު އެމީހުން އަތުން އެ ޕްރޮޖެކްޓްތައް އަތުލުމަކީ ވެވޭ ބޭއިންސާފަކަށް ވެސް ނުވާނެ. ދޮންބެގެ ޚިޔާލަކީ ކޮބާތަ؟" "ރެން ތިބުނަނީ ގޯސް ވާހަކައެއް ނޫން. އެކަމަކު... ބައްޕަގެ ވިސްނުން ހުރީ އަދި އެއް ފުރުސަތު ދޭ ގޮތަށް..." އަޔާޝް ބުނެލިއެވެ. "ބައްޕަ އެގޮތަށް ކަންތައް ކުރާތީއޭ އެމީހުން އޭގެ ނާޖާއިޒު ފައިދާ އެ ނަގަނީ. ދޮންބެއަށް ފެންނަ ގޮތަކަށް ކަންތައްކުރޭ. ބަޔަސް ނުވެ އަހަންނަކަށް ނޭނގޭނެ ޑެސިޝަން ނަގާކަށް." ޒަހްރާން އެންމެފަހުން ބުނެލިއެވެ. "ދޮންބެ ރެންއަށް އިތުބާރުކުރަމޭ. އަދި އެއްފަހަރު ވިސްނާލާ." އަޔާޝް ބުނެލިއެވެ. ޒަހްރާން ބޯ ޖަހައިލިއެވެ. އެ ދެމީހުން ނުކުމެގެން ބޮޑުކޮޓަރިއަށް ދިޔައިރު، އެތަނުގައި ތިބީ އައިރާގެ އިތުރުން، އީލާފްއާއި، ލަޔާލީއެވެ. އެ ދެމީހުން ގޮސް ސޯފާގައި ޖައްސައިލިއިރު، އަންހެންވެރިންގެ މެދުގައި މަޝްވަރާކުރެވެމުން ދިޔައީ ކައިވެންޏަށް ހެދުން ފަހަން ރީތިވާނެ ކުލަތަކާ ބެހޭގޮތުންނެވެ. "އަހަރެމެން ފިރިހެންވެރިންނަށް އޮންނާނީ އާދައިގެ މަތިން ހުދު ގަމީހާ ކަޅު ފަޓުލޫނު ދޯ..." އަޔާޝް ސަމާސާކޮށްލިއެވެ. "އާނ. އެހެންވާނީ..." ޒަހްރާން ވެސް ހީނލިއެވެ. އޭނާ އައިރާއަށް ބަލައިލިއިރު، އައިރާ ވެސް އިނީ އޭނާއަށް ބަލަހައްޓައިގެން ހިނިތުންވެލައިގެންނެވެ. އުފާވެރި މަޖާ މާހައުލެއްގައި ވާހަކަތައް ދެކެވެމުން ދިޔައިރު، ކޮންމެ މީހެއްގެ ތުންފަތް މަތީގައިވެސް ވަނީ ނުފިލާ ފަދަ ހިނިތުންވުމެކެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބި ބަސްމާއާއި، މުރާދަށް އެ މަންޒަރު ފެނުމުން އެކަކު އަނެކަކަށް ބަލައިލެވުނެވެ. "މީ އަހަރެން ހާދަ ދެކެން ބޭނުންވި ދުވަހެކޭ. ދެން ބޭނުންވަނީ ރެން މިގެއަށް އައުން." ބަސްމާއަށް ބުނެވުނެވެ. މުރާދު ބަސްމާގެ އަތަށް ބާރުކޮށްލިއެވެ. "އިރާދުކުރެއްވިއްޔާ ދެން މާ ލަސްތަކެއްނުވެ ތި ދުވަސްވެސް އަތުވެދާނެ." މުރާދު ބުނެލިއެވެ. މުރާދުގެ ހިތުގައި ހީވަނީ މަޑުމަޑު އަތަކުން ފިރުމަމުންދާހެންނެވެ. އެއީ އޭނާ ހަދާ ދެކެން ބޭނުންވި މަންޒަރެކެވެ. ތިން ދަރިންގެ ހުނުމާއި ސަކަރާތުގެ އަޑު އެގޭ ތެރެއިން އިވުމަކީ އޭނާ ހާދަ ދުވަހެއް ވަންދެން ދެކެމުންއައި ހުވަފެނެކެވެ. ޒަހްރާން ގެއިން ނުކުމެގެން ދިޔަ ފަހުން، ގެއަށް ވެރިވެފައިވާ ފަޅުކަން ފުރަތަމަ ފަހަރަށް ނެތިއްޖެކަމުގެ އިޙްސާސް މުރާދަށް ކުރެވުނެވެ. މުރާދުގެ ދެލޯ ފެންކަޅިވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އެތަން ފެނުނު ބަސްމާ މުރާދަށް ހިތްވަރު ދިނެވެ. ***** ރޭގަނޑެކެވެ. ފެންވަރައިގެން ނުކުމެ ތައްޔާރުވެލި އައިރާ، ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. އޭނާ ލާފައިހުރީ، ޒަހްރާން މިރޭ ލުމަށް ގެނެސްދީފައިވާ މެރޫންކުލައިގެ އަބާޔާ ހެދުމެކެވެ. ހެދުމުގެ މެދާ ދިމާލުން ފުޅާ ވިދާ ރޭނދާގަނޑެއް އަޅާފައިވާއިރު، ލާފައިހުރި ހަމަ އެކުލައިގެ އެއްކޮށް ދިގު ޖެކެޓުގެ އަތް ވެސް ހުރީ ފުޅާކޮށެވެ. އަތްކުރީގައި ވިދާ ރިބަން އަޅާފައިވާއިރު، އައިރާ އަޅާފައިހުރީ ވެސް ހެދުމާ ގުޅޭ ގޮތަށް ހުރި ހަމައެކުލައިގެ ޝޯލްއެކެވެ. އާދައިގެ ހެދުމެއް ނަމަވެސް، މިރޭ ކުޑަކޮށް މޭކަޕްކޮށްފައި ހުރުމުން ތަފާތުކަމަށް ދައްކައެވެ. ޒަހްރާން ވަނީ ހެދުމާ އެއްކުލައިން ފައިވާނެއް ވެސް ފޮނުވާފައެވެ. އެހެންޏާ އަރާ ފައިވާންތަކަށް ވުރެ އުސްކޮށް ހުރި ފައިވާނެކެވެ. އުސް ފައިވާނަށް އަރައިގެން ހިނގުމަކީ އޭނާ މާ ގަޔާވާކަމެއް ނޫނެވެ. އެހެންނަމަވެސް، އެހާ ލޯބިން ޒަހްރާން ގަނެދިން އެއްޗެއްކަމުން، އެއަށް އެރުމަށް އައިރާ ނިންމިއެވެ. ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު، ސެންޓު ޖަހައިލިއެވެ. އެވަގުތު އެނދުމަތީގައި އޮތް ފޯނު ރިންގުވިއެވެ. ފޯނު ނަގާ ބަލައިލިއިރު ގުޅަނީ ޒަހްރާނެވެ. އައިރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. "މިހާރު މި ފައިބަނީ..." ފޯނު ނެގުމާއެކު އައިރާ ބުނެލިއެވެ. ޒަހްރާން ވެސް ފޯނު ބޭއްވީ އޭނާ ތިރީގައި އެބަ އިނީމޭ ބުނެފައެވެ. އައިރާ ގޮސް ހެދުމާ ގުޅޭ ގޮތަށް ޒަހްރާން ފޮނުވާފައިވާ، އަތް ދަބަހަށް ފޯނާ އެއްޗެހި ލައިގެން ގޮސް އެޕާރޓްމެންޓުން ނުކުމެލިއެވެ. އެއަށްފަހު ލިފްޓަށް އަރައިގެން ތިރިއަށް ދިޔައެވެ. އޭރު ޒަހްރާން ހުރީ ކާރުގައި ލެނގިލައިގެންނެވެ. އައިރާގެ އިންތިޒާރުގައެވެ. އޭނާ ލާފައިހުރީ، ކަޅުކުލައިގެ ގަމީހަކާއި، ފަޓްލޫނެކެވެ. ބެގީ ޖަހާލައިގެން ހުރުމުން ހިތްގައިމެކެވެ. އައިރާ ފެނުމާއެކު ޒަހްރާނަށް ކަޅި ޖަހައިނުލާ އައިރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އައިރާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ. އޭނާގެ ހޮވުން ކިތަންމެ ހާވެސް ފުރިހަމައޭ ޒަހްރާންގެ ހިތަށް އެރިއެވެ. އެ ހެދުމުގައި އައިރާ ފެންނަނީ ވަރަށް ވެސް ހިތްގައިމުކޮށެވެ. އެ ބަނިޔާދަންކަމާއި އަންހެންވަންތަކަމަށް އޭނާއަށް ތަޢުރީފްކުރެވުނެވެ. އެ މޫނުމަތީގައިވި ލަދުވެތި އަސަރުތަކާއި، ތުންފަތް މަތީގައިވި ހިނިތުންވުން އޭނާގެ ހިތަށް ވެސް ފިނިކަން ގެނެސްދީފިއެވެ. ދުޢާއަކީ އަބަދުމެ އެ ހިނިތުންވުން އެ ތުންފަތްމަތީގައި ވުމެވެ. އައިރާ އައުމާއެކު އައިރާ އެރުމަށްޓަކައި ކާރުގެ ދޮރުފަތް ޒަހްރާން ހުޅުވައިލަދިނެވެ. އައިރާ ކާރަށް އަރާ އިށީނުމާއެކު، ޒަހްރާން ވެސް ގޮސް ޑްރައިވަރުވެ ސީޓަށް އަރާ ދުއްވައިލިއެވެ. ޒަހްރާން މިސްރާބުޖެހީ ހުޅުމާލެއަށެވެ. ހުޅުމާލޭގައި ހުންނަ ފައިވް ސްޓާރ ހޮޓެލެއްގެ ކުރިމައްޗަށް އޭނާ މަޑުކޮށްލިއެވެ. އެއަށްފަހު، ކާރުން ފޭބުމަށްފަހު ގޮސް އައިރާ އިން ފަޅީގެ ދޮރު ހުޅުވައިލިއެވެ. އަދި އޭނާގެ އަތް އައިރާއަށް ދިއްކޮށްލިއެވެ. އައިރާ އެ އަތުގައި ހިފަމުން، ކާރުން ފޭބިއެވެ. އަތު ގުޅުވައިލައިގެން ތިބެ ދެމީހުން ގޮސް، ރިސެޕްޝަންގެ ކައިރިއަށް މަޑުކޮށްލިއެވެ. ޒަހްރާން އެރެއަށްޓަކައި، އެ ހޮޓެލުގެ ޓެރެސްވަނީ ބުކްކޮށްފައެވެ. އިރުކޮޅަކުން އެތަނަށް ހޮޓެލުގެ ސްޓާފެއް އަތުވެއްޖެއެވެ. އޭނާ ޒަހްރާންމެން ގޮވައިގެން ލިފްޓާ ދިމާލަށް ދިޔައެވެ. ލިފްޓަށް އެރުވުމާއެކު، ޒަހްރާނަށް އައިރާ ބަލައިލީ ހައިރާންކަމާއެކުގައެވެ. ޒަހްރާން ހުރީ ހިނިތުންވެލައިގެންނެވެ. ލިފްޓް ޓެރެސްއަށް މަޑުކޮށްލުމާއެކު ތިން މީހުން ފޭބިއެވެ. ޒަހްރާންގެ އިޝާރާތާއެކު ހޮޓެލްގެ ސްޓާރފް ހިނގައްޖެއެވެ. "ކްލޯޒް ޔޯ އައިސް..." އައިރާ ޒަހްރާން އެދުނު ގޮތަށް ކަންތައްކުރިއެވެ. ޒަހްރާން އައިރާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. "ޒަހްރާން. ކީކުރަން ތިއުޅެނީ؟" އައިރާއަށް އެހެން ބުނެލެވުނުއިރު، މީހާ ފިނިވެއްޖެއެވެ. ޒަހްރާން މިރެއަށް ޚާއްސަކޮށް ހެދުމާ އެއްޗެހި ފޮނުވުމުން، މިރޭ ކޮންމެވެސް ޚާއްސަކަމެއް ވާން އުޅޭކަން އޭނާއަށް އެނގުނު ނަމަވެސް، ޒަހްރާންގެ ރޭވުމެއް ނޭނގެއެވެ. "ހިނގާ... އޭރުން އެނގޭނެ. ޗީޓް ނުކުރާތި. އަހަރެން ބުނީމަ ނޫނީ ލޯ ނުހުޅުވާތި!" ޒަހްރާން ބުނެލިއެވެ. އޭނާ އައިރާ ގޮވައިގެން ގޮސް ޓެރެސްއަށް ނުކުމެއްޖެއެވެ. އެއާއެކު އައިރާގެ ގައިގައި އެންމެ ފުރަތަމަ ވެސް ބީހިލީ ތެންފިނި ވައިރޯޅިތަކެކެވެ. ހާމައަށް އޮތް ޓެރެސްގައި ޖަހާފައިވަނީ ލުއިލުއި މިއުޒިކެކެވެ. ޒަހްރާން އޭނާ ގޮވައިގެން ވަކި ހިސާބަކަށް ގޮސްފައި މަޑުޖެހިލިއެވެ. އޭރުވެސް އައިރާއަށް ހުރެވުނީ ލޯ މަރާލައިގެންނެވެ. "އޯޕެން ޔޯ އައިސް ބޭބީ..." ޒަހްރާންގެ އަޑު އޭނާގެ ކަންފަތަށް އިވުމާއެކު ގައިން ހީބިހި ނެގިއެވެ. އައިރާ ލަސްލަހުން އެސްފިޔަތައް ދުރުކޮށްލިއެވެ. އެއާއެކު، އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފިނިފެންމަލުގެ ފިޔަތަކުން ޒީނަތްތެރިކޮށްފައިވާ ޓެރެސްގެ މެދުގައި، ވަށް މޭޒެއް ހުރިއިރު، މޭޒުމަތީގައި ވެސް ވަނީ ހުސް ރަތް ފިނިފެންމަލުގެ ފިޔަތަކެވެ. ކެންޑަލް ލައިޓް ޑިނާއަކަށް ތައްޔާރުކޮށްފައިވާއިރު، އެތަނުގައި ދިއްލާފައިވާ ފެއަރީ ލައިޓްތަކުން މުޅިތަނަށް ފެތުރިފައިވަނީ ހުވަފެނީ އޮރެންޖު އަލިކަމެކެވެ. އައިރާއަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. "އައިރާ..." ހައިރާންވެފައި އައިރާ ހުއްޓާ ސިހުން ގެނުވީ، ޒަހްރާންގެ އަޑުންނެވެ. އޭނާ ފަހަތް އެނބުރިލުމާއެކު އަނެއްކާ ވެސް ލިބުނީ އިތުރު ހައިރާންކަމެކެވެ. ޒަހްރާން އިނީ އެއްފައި މައްޗަށް އިށީނދެލައިގެންނެވެ. ޒަހްރާން އޭނާއާ ދިމާލަށް ދިއްކޮށްލައިގެން އިން އަނގޮޓި ފެނުމާއެކު، ބުނާނެ އެއްޗެއް ނޭނގުނެވެ. "އައިރާ... އަހަރެން އައިރާ ދެކެ ވަރަށް ލޯބިވޭ. ދުވަހަކު ވެސް ދެރައެއް ނުދޭނަކަމަށް ވަޢުދުވަން. ދުނިޔޭން ލިބިދޭ ހުރިހާ އުފަލެއް އައިރާއަށް ދޭން އަހަރެން ބޭނުން." ޒަހްރާން ބުނެލިއެވެ. އެއާއެކު އައިރާ އޭނާގެ އަތް ޒަހްރާނަށް ދިއްކޮށްލިއެވެ. އޭރު އޭނާގެ ދެލޮލުގެ ތެރެއަށް ވަނީ ކަރުނަތައް ޖަމާވެފައެވެ. އޭނާ އެ އަތް ދިއްކޮށްލިއިރު، ތުރުތުރުއެޅުމެއް އެ އަތުގައި ވެއެވެ. ޒަހްރާން އައިރާގެ އަތުގައި ހިފައްޓައިލާ، އެ އަތުގައި އަނގޮޓި އަޅުވައިލަ ދިނުމަށްފަހު، އައިރާގެ އަތުގައި ބޮސް ދިނެވެ. "އައި ލަވް ޔޫ..." އިސް އުފުލައިލުމަށްފަހު، އޭނާ ބުންޏެވެ. "އައި ލަވް ޔޫ ޓޫ..." އައިރާއަށް ބުނެވުނެވެ. ފުސްވެފައިވާ ދެލޯ ފުހެލިތަނާ ޒަހްރާން ތެދުވެލިއެވެ. އެއަށްފަހު އައިރާގެ ކުރިމަތީގައި ހުއްޓި އައިރާއަށް ފުންކޮށް ބަލައިލިއެވެ. "އިރާދުކުރެއްވިއްޔާ ލަސްތަކެއް ނުވެ އައިރާ އަހަރެންގެ މީހަކަށް ވާނެ. އޭރުން ތި ދެލޮލުން މުޅިން ވެސް ފައިބާނީ އުފާވެރިކަމުގެ ކަރުނަ." ޒަހްރާން ބުނެލިއެވެ. އޭނާ އައިރާ އަތުގައި ހިފައިގެން ގެންގޮސް، މޭޒު ކައިރީގައި ހުރި ގޮނޑި ދަމައިލާފައި އައިރާ ބެއިންދިއެވެ. އަދި ގޮސް އަނެއް ގޮނޑީގައި އިށީނދެލިއެވެ. މޭޒުމަތީގައި ހުރި ބެލްއަށް އޮބައިލުމާއެކު އިރުކޮޅަކުން ކާ އެއްޗެހި ގެނެސްފިއެވެ. ހޫނުކަމާއި ތާޒާކަމުން އާވި އަރަމުން ދިޔައިރު، ކުޅި ދިޔާވާފަދަ މީރުވަހެއް މުޅިތަނަށް ފެތުރިގެން ދިޔައެވެ. އައިރާއަށް އިރުއިރުކޮޅަކާ އެ އަނގޮޓިއަށް ބަލައިލެވުނެވެ. އަލިމަހުގެ އެ އަނގޮޓިއަށް އެޅޭ އައްޔާއެކު ވިދައިލައެވެ. އައިރާ ޒަހްރާނަށް ބަލައިލިއެވެ. ޒަހްރާންގެ ހިތުގައި އޭނާއަށްޓަކައި އިންތިހާ ލޯބިވާ ފަދައިން މިހާރު އޭނާގެ ހިތުގައި ވެސް ޒަހްރާނަށް ޓަކައި ވަނީ ނިމުމެއްނުވާ ފަދަ ދަރަޖައިގެ އިންތިހާ ލޯތްބެވެ. ކައި ނިންމައިލުމަށްފަހު، އައިރާއާއި ޒަހްރާނާ ދެމީހުން އިރުކޮޅަކު އެތަނުގައި ވާހަކަ ދައްކަން މަޑުކޮށްލިއެވެ. ތިރިއަށް ގޮސް ހޮޓެލުން ނުކުމެގެން ކާރާ ދިމާލަށް ހިނގައިގަތް އިރު، އެ މީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ރިހާމް، ޒަހްރާންގެ ލޮލުގައި އަޅައިގަތެވެ. އައިރާއަށް ރިހާމް ފެނިދާނެތީ ޒަހްރާން އައިރާގެ ސަމާލުކަން އޭނާއަށް އަނބުރައިލިއެވެ. ރިހާމް ފެނުމުން އައިރާ މާޒީގެ މަތިން ހަނދާންވާކަށް އޭނާ ނޭދެއެވެ. އެ އަނިޔާވެރިކަން ހަނދާންވެ މިރޭގެ އުފާވެރިކަމަށް ހުރަސް އެޅޭކަށް ވެސް ނޭދެއެވެ. "ހިނގާ ދަމާ ދޯ" ޒަހްރާން އައިރާގެ އަތުގައި ހިފައްޓައިލިއެވެ. އެއާއެކު ރިހާމްގެ ނަޒަރު އެ ދެމީހުންގެ އަތަށް ހުއްޓުނެވެ. އައިރާގެ އަތުގައި އަޅާފައިވާ އަނގޮޓި ފެނުމާއެކު، ބުނެދޭން ނޭނގޭ ޝުޢޫރުތަކެއް އޭނާގެ ހިތަށް ވެރިވެއްޖެއެވެ. ޒަހްރާން އައިރާގެ އަތަށް ބާރުކޮށްލިއެވެ. އޭނާ ރިހާމްއަށް ބަލައިލުމަށްފަހު، އައިރާ ގޮވައިގެން ގޮސް ކާރަށް އަރައިފިއެވެ. ރިހާމްގެ ހިތަށް ފާޑެއްގެ ގޮތެއް ވެލިއެވެ. އައިރާގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. އެ މޫނުމަތީގައިވަނީ އުފާވެރިކަމެކެވެ. އައިރާ އަނެއްކާ ޒަހްރާނާ ކައިވެނި ކުރީ ހެއްޔެވެ؟ އޭނާއަށް އެ ފަދަ ވިސްނުންތަކެއްގައި ހުރެވުނުއިރު، ދާނިޔާ ރިހާމްގެ އަތަށް ދަމައިލައިފިއެވެ. "ރިހާމް. ކިހިނެއްވީތަ؟ ހިނގާބަލަ ދާން..." ދާނިޔާ ބުނެލިއެވެ. އެ ދެމީހުން އެ އައީ އެތާ ކައިރި ރެސްޓޯރެންޓަކަށެވެ. ރިހާމްވެސް ކާރަށް ބަލަމުން ބަލަމުން ގޮސް ރެސްޓޯރެންޓު ތެރެއަށް ވަދެއްޖެއެވެ. ***** އެ ގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެނީގެ ދުވަސް އައިސް ޖެހިއްޖެއެވެ. ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހުނީ ރިސޯޓެއްގެ ހިތްގައިމު ގޮނޑުދޮށުގައެވެ. އެ ރިސޯޓަކީ "މޭޕަލް ހެރިޓޭޖް ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން އެންމެ ފަހުން ހުޅުވި ފަސްތަރީގެ ރިސޯޓެކެވެ. ދަޢުވަތު ދެވުނީ ޢާއިލާގެ މީހުންނާއި، ދުރުތާ ތިމާގެ މީހުންގެ އިތުރުން، ރަޙްމަތްތެރިންނަށެވެ. "މާޝާ ﷲ." މޭކަޕް ރޫމުތެރެއަށް ވަތް ލަޔާލީއަށް އައިރާ ފެނުމާއެކު އެންމެ ފުރަތަމަ ވެސް ބުނެވުނީ އެހެންނެވެ. އޭރު ނަފާ ވެސް އެތަނުގައި ހުއްޓެވެ. "ދޯ... ވަރަށް ވަރަށް ރީތި އައިރާ..." ނަފާ ބުންޏެވެ. އެކުވެރިޔާއަށް ލިބޭ ކޮންމެ އުފަލަކީ އޭނާއަށް ވެސް ލިބޭ އުފަލެއްކަމުން ނަފާގެ ތުންފަތް މަތީގައި ނުފިލާ ފަދަ ހިނިތުންވުމެއް ވިއެވެ. ދެން ދުވަހަކު ވެސް އައިރާ ޙާލުގައި އުޅެން ނުޖެހޭނެކަމުގެ ޔަޤީންކަން އޭނާއަށް ލިބިއްޖެއެވެ. ޒަހްރާން އައިރާ ދެކެ ލޯބިވާ މިންވަރު ފެނިއްޖެއެވެ. "އާނ... އަސްލުވެސް. މިރޭ ރެންއަށް ނޭނގެ އައިރާ ފެނުނީމަ ވާނެ ގޮތެއް ވެސް." ލަޔާލީ ދިމާކޮށްލުމާއެކު އައިރާގެ މޫނު ލަދުން ރަތްވިއެވެ. "ބަލާބަ. ލަދު ގަންނަން ވެސް އެނގެޔޭ..." ނަފާ ވެސް އެ ސަކަރާތުގައި ބައިވެރިވިއެވެ. ނަފާއާއި ލަޔާލީއާ ލާފައިހުރީ މަޑުދަނބުކުލައެއްގެ ހެދުމެކެވެ. ހެދުމުގެ ޑިޒައިން ހުރީ އެއްގޮތަކަށެވެ. އެއްކޮށް ދިގު ހެދުމުގައި ބަނޑާ ދިމާލުން ބަންދެއް ހަރުކޮށްފައިވާއިރު، ތިރީ ފޮތިގަނޑު ވަނީ ކުދި ރޫ ޖައްސާފައި ތިރިއަށް ދޫކޮށްލާފައެވެ. ހެދުމުގެ އަތާ ދިމާލުން ދިގަށް ވާގޮތަށް ވިދާ މިނާ ތަކެއް ހަރުކޮށްފައިވާއިރު، އަޅާފައިވަނީ ހެދުމަށް ވުރެ ތަންކޮޅެއް އަނދިރި ކުލައެއްގެ ޝޯލްއެކެވެ. އެމީހުން އެތަނުގައި ތިއްބާ، އީލާފް އަތުވެއްޖެއެވެ. އީލާފްގެ ހެދުން ވެސް ހުރީ ދާދި އެއްގޮތަކަށް ނަމަވެސް، އޭނާގެ ހެދުމުގެ އަތުގެ ޑިޒައިން ހުރީ ތަފާތުކޮށެވެ. ހެދުމުގެ އަތް އުޅަބޮއްޓާ ހިސާބަށް ހުރިއިރު، އިތުރު ލޭސްފޮތިގަނޑެއް އަޅާފައިވާއިރު އެބައި ވަނީ ފަޅާލާފައެވެ. "އައިރާ... އައި... އައި މީން ކުޑަބެ ދައްތަ ނިމުނުތޯ ބަލައިލަން ވެގެން މިއައީ. މަންމަމެން އެބަތިބި މަޑުކޮށްގެން." އީލާފް ބުނެލިއެވެ. އައިރާ ގާތަށް ހުއްޓުމަށްފަހު، އޭނާ ވެސް އައިރާއަށް ތަޢުރީފްކޮށްލިއެވެ. އައިރާ މިފަހަރުވެސް ލަދުރަކު ހިނިތުންވުމަކުން ފުއްދައިލީއެވެ. އޭނާ އެއްޗެއް ނުބުނެއެވެ. ކައިވެނި ކުރެވޭ ވަގުތު ކުޑަތަން ވަމުން ދިޔަ ވަރަކަށް އޭނާގެ ހިތުގެ ތެޅުން ވެސް ދިޔައީ ބާރުވަމުންނެވެ. ކުޑަ އިރުކޮޅެއް ފަހުން އޭނާ ވާނީ ޒަހްރާންގެ އަނތްބަކަށޭ ހިތަށް އެރުމުން މެއަށް ފިނިވެލިއެވެ. މުޅި މީހާގެ ހަށިގަނޑުގައި ފިނިފިނި ރާޅެއް ދަތުރުކޮށްލިއެވެ. އެފަދަ އުފާވެރިކަމެއް ލިބޭނެކަމަށް ދުވަހަކު ވެސް އޭނާ އުންމީދެއް ނުކުރެއެވެ. އެފަދަ ޢާއިލާއެއް ލިބޭނެކަމަކަށް ދުވަހަކު ވެސް ވިސްނިފައި ނެތެވެ. އެހެންނަމަވެސް، މިއަދު އެހުރިހާކަމެއް ވެސް ބަދަލުވެއްޖެއެވެ. "ހިނގާ ދާން. މިހާރު ގަޑި ޖެހެނީ..." ގަޑިއަށް ބަލައިލުމަށްފަހު، ލަޔާލީ ބުނެލިއެވެ. އޭނާ އައިރާގެ ކައިވެނީގެ ހެދުމުގެ ފަސްބައިގައި ހިފައްޓައިލަމުން ތެދުވެލަން އައިރާއަށް އެހީތެރިވެދިނެވެ. ނަފާ ވެސް އައިރާގެ ބުރުގާ ރަނގަޅުކޮށްލަމުން އަދިވެސް އެއްފަހަރު އެމޫނަށް ބަލައިލިއެވެ. އައިރާ ގޮވައިގެން، ތިން މީހުން ގޮސް ގޮނޑު ދޮށަށް ފޭބިއިރު، އެތަނުގައި ޒަހްރާން ހުއްޓެވެ. އޭނާ ހުރީ، މޫދާ ވީ ދިމާލަށް އެނބުރިގެންނެވެ. އެ ދިމާލަށް އަންނަމުން ދިޔަ އައިރާ ފެނުމާއެކު، ބަސްމާ ގޮސް އައިރާގެ ގާތުގައި ހުއްޓުނެވެ. އެއަށްފަހު އޭނާ އައިރާއަށް ތަޢުރީފްކޮށްލިއެވެ. އޭނާ އައިރާގެ އަތުގައި ހިފަހައްޓައިލަމުން، އަބަދުވެސް އުފާވެރިކަން ދެއްވުން އެދި ދުޢާކޮށްލިއެވެ. އޭނާ ފެންނަ ކޮންމެ މީހެއްގެ ދުލުން ބޭރުވެގެންދާ ތަޢުރީފްގެ ބަސްތަކާއެކު، އައިރާއަށް، އިސްޖަހައިލެވެނީ ލަދުންނެވެ. ރޭގަނޑުގެ ވަގުތަށް ވިޔަސް، ތަން ޒީނަތްތެރިކޮށްލާފައިވާލެއް ފުރިހަމަކަމުން މުޅިތަން ވަނީ ހުޅުދާންވެފައެވެ. ޖަހާފައިވާ ލުއިލުއި މިއުޒިކުގެ އަޑުން ތަނުގެ ހިމޭންކަން ފޫދުއްވަމުން ދިޔައިރު، ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. އަޔާޝް ޒަހްރާން ގާތުގައި ހުރެފައި ދުރަށް ޖެހިލީ އައިރާ އައުމުން ނޫނީ ފަހަތަށް ނޭނބުރުމަށް ބުނެފައެވެ. ފޮޓޯގްރާފަރުންނާ ވީޑިއޯގްރާފަރުން ދިޔައީ ހުރިހާ މަންޒަރެއް އެމީހުންގެ ކެމެރާގައި ރައްކާކުރަމުންނެވެ. އައިރާ ޒަހްރާނާ ދިމާލަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށިއެވެ. އޭނާ ގޮސް ޒަހްރާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އެއާއެކު ޒަހްރާން އެނބުރިލިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ