ސީރިއާގައި މެކްރޮން ހުންނެވި ހޮޓާ ކައިރީގައި ގޮވުންތަކެއް، 18 މީހުންނަށް އަނިޔާވި

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ ދަތުރާ ދިމާކޮށް ސީރިއާގެ ވެރިރަށް ދިމިޝްގުގެ މެދުތެރޭގައި ބޮންތަކެއް ގޮއްވާލައި 18 މީހަކު ޒަހަމްވެއްޖެ އެވެ.
އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި މި ގޮވުންތައް ގޮވާފައިވަނީ މެކްރޮން ހުންނެވި ހޮޓަލާ ކައިރި ސަރަހައްދެއްގަ އެވެ.
އެއް ބޮން ހަރުކޮށްފައިވަނީ މަގުމަތީގައި ޕާކުކޮށްފައި އޮތް އުޅަނދެއްގެ ތެރޭގަ އެވެ. އަދި އަނެއް ބޮން ފެނިފައިވަނީ ކުނި އަޅާ ވަށިގަނޑެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށެވެ.
މެކްރޮން ދިމިޝްގަށް ވަޑައިގެންނެވީ ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާއާ އެކު ރިޔާސީ ގަނޑުވަރުގައި މަޝްވަރާތައް ބޭއްވުމަށެވެ.
ފްރާންސް ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ރައީސް މެކްރޮން ހުންނެވީ ސަލާމަތުންނެވެ. އަދި ގޮވުންތަކުގެ އަޑު އެމަނިކުފާނަށް އިވިވަޑައިގެންފައި ނުވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
މި ދަތުރަށް ފަހު، ފްރާންސްގެ ރައީސް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޭޓޯގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީ އަށެވެ.
މީޑިއާތަކުން ބުނި ގޮތުގައި ޒަހަމްވި މީހުންގެ ތެރޭގައި ފުލުހުންގެ ހަތަރު އޮފިސަރަކު ހިމެނެ އެވެ. އަދި މި ހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ހޯދުމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ.
ބޮން ގޮވި ކަމުގެ ރިޕޯޓްތައް ލިބެމުން ދިޔަ ވަގުތު، ދައުލަތުގެ ޓީވީން ދައްކަމުންދިޔައީ ރައީސް އަލް-ޝަރާ، ރިޔާސީ ގަނޑުވަރުން ރައީސް މެކްރޮންއަށް މަރުހަބާ ދަންނަވާ މަންޒަރުތަކެވެ.
މެކްރޮން ސީރިޔާއަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލައި، އަލް-ޝަރާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޔޫރަޕްގެ ލީޑަރަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ