ދަރިފުޅަށް ސްމާޓްފޯނެއް ހޯދައިދޭން އެންމެ ރަނގަޅު އުމުރަކީ ކޮބާ؟

މިއަދުގެ ދުނިޔޭގައި ފޯނަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ވަކިނުކުރެވޭނެ ބައެކެވެ. އެހެންކަމުން، ދަރިފުޅަށް ފުރަތަމަ ފަހަރަށް ފޯނެއް ހޯދައިދޭންވީ ކޮންއިރަކުތޯ ކުރެވޭ ސުވާލަކީ ކުރިއަށްވުރެ ބޮޑަށް މުހިންމު އަދި އެހާމެ ގޮންޖެހުން ބޮޑު ސުވާލެކެވެ. މިހާރުގެ ކުދިން ބޮޑުވަމުން އަންނަނީ ސްކްރީންތަކާ އެކުގައި ކަމަށްވާއިރު، ކުއްޖާއަށް ފޯނެއް ހޯދައިދޭން އެންމެ "ރަނގަޅު" އުމުރަކީ ކޮބައިކަމާ މެދު ހިތުގައި ސުވާލު އުފެދޭ މައިންބަފައިންވެސް މަދެއް ނޫނެވެ. އޮންލައިން ތައުލީމީ އިދާރާއެއް ކަމަށްވާ ސިލިކަން ވެލީ ހައި ސްކޫލްގެ ސީއީއޯ ޑޭވިޑް ސްމިތު 'ޓައިމްސް އޮފް އިންޑިއާ'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފޯނުގެ ސަބަބުން ލިބޭ ގުޅުންތަކުގެ ފައިދާއާއި، ސްކްރީނަށް މާބޮޑަށް ދެވިހިފުން ފަދަ ނުރައްކާތަކާ ދެމެދު ހަމަހަމަކަން ގާއިމު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ މާހިރުން އެއްބަސްވާ ގޮތުގައި، ފޯނު ޒިންމާދާރުކޮށް ބޭނުންކުރުމުގައި އުމުރަށްވުރެ މުހިންމީ ކުއްޖާގެ ކިބައިގައި ހުންނަ ހަރުދަނާކަމެވެ. އެގޮތުން ދަރިފުޅަކީ އުސޫލުތަކަށް ބޯލަނބާ، އަމިއްލަ ނަފުސު ކޮންޓްރޯލްކުރަން ދަންނަ، އަދި ބެލެނިވެރިން ކަނޑައަޅާ އިންތަކަށް އިޙުތިރާމުކުރާ ކުއްޖެއްތޯ ޔަގީންކުރުން މުހިންމު ކަމަށް މާހިރުން އެއްބަސްވެއެވެ. ސްމާޓް ފޯނަކަށް ކުއްޖާ ތައްޔާރު ނޫން ކަމަށް ބެލެނިވެރިންނަށް ފެންނަނަމަ އެކަމުގައި ސާބިތުވެ ތިބުމަށް މާހިރުން ވަނީ ބެލެނިވެރިންނަށް ގޮވާލާފައި--ފޮޓޯ/އެމްއެސްއެން ހަމައެއާއެކު ސްކޫލުގެ ޒިންމާތައް ފުރިހަމައަށް އަދާކުރާ އަދި އިޖުތިމާއީ ކަންކަމުގައި ރަނގަޅަށް އުޅޭ ކުއްޖަކީ ފޯނެއް ބޭނުންކުރުމުގެ ޒިންމާ އުފުލިދާނެ ކުއްޖެއްކަމަށް ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ މާހިރުން އެއްބަސްވެއެވެ. "ވަރަށް ކުޑައިރު ފޯނު ބޭނުންކުރަން ކުދިން ބޭނުންވި ނަމަވެސް، މާ އަވަހަށް ސްކްރީންތަކަށް ހުށަހެޅުމަކީ ސިކުނޑީގެ ތަރައްގީއަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް. މި އަސަރު ކުޑަކުދިންގެ ކިބައިން މާ ބޮޑަށް ފާހަގަކުރެވޭ." ޑޭވިޑް ސްމިތު ވިދާޅުވެފައިވެއެވެ. ސްމިތު އިތުރަށް ވިދާޅުވީ، ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދޭ އެންމެ ދަށް އުމުރަކީ 13 އަހަރު ކަމަށްވާތީ، އެއީ ބެލެނިވެރިންނަށް ގެންގުޅެވިދާނެ މިންގަނޑެއް ކަމަށެވެ. ދާދި ފަހުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި، ގިނަ ކުދިން އުމުރުން 11 އަހަރުގައި ފޯނު ގެންގުޅެން ފަށައެވެ. އެހެންނަމަވެސް، އުމުރުން 12 އަހަރު ވަންދެން ފޯނު ހޯދައިނުދީ މަޑުކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބައެއް މާހިރުން ދެކެވަޑައިގަނެއެވެ. ދަރިފުޅުގެ ފަރާތުން ފޯނެއް ހޯދައިދިނުމަށް ބޮޑު ފިއްތުންތަކެއް ކުރިމަތިވެދާނެ ކަމަށާއި، ނަމަވެސް ކުއްޖާ ތައްޔާރު ނޫން ކަމަށް ފެންނަނަމަ ބެލެނިވެރިން އެކަމަށް ސާބިތުވެ ތިބުމަށް ސްމިތު އިރުޝާދު ދެއްވައެވެ. ފޯނު ބޭނުންކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި ފޯނު ބޭނުންނުކުރާނެ ވަގުތުތައް ކުދިންނަށް ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށް މާހިރުން ވިދާޅުވޭ--ފޮޓޯ/އެމްއެސްއެން ކުދިންނަށް ރަނގަޅު އާދަތައް ދަސްކޮށްދިނުމަށްޓަކައި، ކެއުމުގެ ވަގުތުތަކުގެ އިތުރުން ނިދުމުގެ ކުރިން ފޯނު ބޭނުން ނުކުރާނެ ވަގުތުތަކެއް ކަނޑައެޅުން މުހިންމެވެ. މީގެ އިތުރުން ބެލެނިވެރިން އަމިއްލައަށް ވެސް ފޯނު ބޭނުންކުރާ މިންވަރު މަދުކޮށް ނަމޫނާ ދެއްކުން މުހިންމު ކަމަށް ސްމިތު ވިދާޅުވެއެވެ. ކުއްޖާ ފޯނު ބޭނުންކުރާ ގޮތް ބެލުމަށް އެޕްތައް ބޭނުންކުރުމަކީ، އެ ކުދިން ޒިންމާދާރުވާން ދަސްކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިއީ ޖާސޫސްކުރުމެއް ނޫން ކަމަށާއި، މިއީ އިތުބާރު އުފެއްދުމަށް ކުރާ ކަމެއްކަން ދަރިފުޅަށް ކިޔައިދޭންވާނެއެވެ. ފޯނަކީ ކުޅޭ އެއްޗެއްގެ ބަދަލުގައި އެއީ ވަސީލަތެއްގެ ގޮތުގައި ދަރިފުޅަށް ވިސްނައިދިނުން މުހިންމެވެ. ފޯނަކާ އެކު ސޯޝަލް މީޑިއާއާއި ގްރޫޕް ޗެޓްތަކަށް ވަދެވޭނެއެވެ. މިއީ ކުދިންނަށް ނަފުސާނީ ފިއްތުންތަކާއި މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން، އޮންލައިންކޮށް މީހުންނާ މުއާމަލާތްކުރާނެ ގޮތާއި، އެހެން މީހުންގެ ސަބަބުން އަމިއްލަ އަޚުލާގަށް އަސަރުކޮށްފާނެ ގޮތްތަކާ މެދު ދަރިފުޅާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކަން ޖެހެއެވެ. އޮންލައިންކޮށް ލިޔާ ބަސްތަކަކީ އަނެކާއަށް އަސަރުކުރާނެ އެއްޗެއްކަން ހަނދާންކޮށްދީ، އޯގާތެރިކަން އިސްކުރުމަށް ބާރުއަޅަންވާނެއެވެ. ދަރިފުޅު ސްމާޓްފޯނަކަށް ތައްޔާރު ނޫން ކަމަށް ފެންނަނަމަ، ހަމައެކަނި ގުޅޭ އަދި މެސެޖު ކުރެވޭ ފަދަ އާދައިގެ ފޯނެއް ހޯދައިދިނުމަކީ ރަނގަޅު ފެށުމެކެވެ. މިއީ އިންޓަނެޓާއި ސޯޝަލް މީޑިއާގެ ނުރައްކާތަކާ ނުލައި، ކުއްޖާއާ ގުޅުން ބޭއްވުމަށް ލިބޭ ފުރުސަތެކެވެ. ބެލެނިވެރިން އަމިއްލައަށްވެސް ކުދިން ބޭނުންކުރާ އެޕްލިކޭޝަންތަކާ ބެހޭ މައުލޫމާތު ހޯދުމަށްފަހު އޭގައި މުއާމަލާތްތައް ހިނގަނީ ކިހިނެއްތޯ ބަލައި ދެނެގަތުމަކީ މުހިއްމު ކަމެއް--ފޮޓޯ/އެމްއެސްއެން ސްމިތު އިތުރަށް ވިދާޅުވީ، ދަރިފުޅަށް އިންޓަނެޓްގެ ސަލާމަތްތެރިކަން ދަސްކޮށްދިނުމަށްޓަކައި ބެލެނިވެރިން ކުދިންނާ ގާތް ގުޅުމެއް ބާއްވަންޖެހޭ ކަމަށެވެ. އެގޮތުން ކުއްޖާ އޮންލައިންކޮށް ބަލާ އެއްޗިއްސާއި، ކުރާ ތަޖުރިބާތަކާ ބެހޭގޮތުން ހުޅުވާލެވިފައިވާ މާހައުލެއްގައި ވާހަކަދެއްކުމަށް ހިތްވަރު ދޭންވާނެއެވެ. މީގެ ސަބަބުން އިތުބާރު އުފެދި، ދަރިފުޅަށް ނުތަނަވަސްކަމެއް ކުރިމަތިވާ ހާލަތްތަކުގައި އެކަން ފޮރުވުމުގެ ބަދަލުގައި ބެލެނިވެރިޔާއާ ހިއްސާކުރުމަށް ފަސޭހަވާނެއެވެ. ސްމިތު އިތުރަށް ބާރުއެޅުއްވި ގޮތުގައި، ބެލެނިވެރިން އަމިއްލައަށް ވެސް ކުދިން ބޭނުންކުރާ އެޕްލިކޭޝަންތަކާ ބެހޭ މައުލޫމާތު ހޯދަންޖެހެއެވެ. އެ އެޕްތަކުގެ ޕްރައިވެސީ ސެޓިންގްސްތަކަކީ ކޮބައިތޯއާއި، އޭގައި މުއާމަލާތްތައް ހިނގަނީ ކިހިނެއްތޯ ބަލައި ދެނެގަތުމަކީ، ބިރުގަންނަވާލުމުގެ ބަދަލުގައި ދަރިފުޅަށް ކަންކަން ވިސްނައިދިނުމަށް ލިބޭނެ ފުރުސަތެއްގެ ގޮތުގައި ސްމިތު ސިފަކުރެއްވިއެވެ. ހަމައެއާއެކު އާއިލާގެ އެންމެން އެއްބަސްވާ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް މިކަމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ސްމިތު ލަފާދެއްވައެވެ. އެގޮތުން އުސޫލުތައް އެކުލަވާލުމުގައި ކުދިންގެ ބައިވެރިވުން އޮންނަނަމަ، އެ އުސޫލުތަކަށް އިހުތިރާމްކުރުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ހަނދާންކުރަންވީ ކަމަކީ، އެއްވެސް އެޕެއް ނުވަތަ ވަސީލަތަކަށް ބެލެނިވެރިޔާގެ އިރުޝާދުގެ މަގާމެއް ފުރިހަމައެއް ނުކުރެވޭނެ ކަމެވެ. ތިމާގެ ޑިޖިޓަލް އާދަތަކުގައި ކުދިންނަށް ނަމޫނާއަކަށްވެ، އޮންލައިންކޮށް އަދަބުވެރިކޮށް އުޅޭނެ ގޮތް އަމަލުން ދެއްކުމަކީ ވެސް މުހިއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ