ޔަޝްގެ ދިފާއުގައި ބަތަލާ ހުމާ ވާހަކަދައްކައިފި

މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ކަންނާޑާ އެކްޓަރު ޔަޝްގެ ފިލްމު "ޓޮކްސިކް: އޭ ފެއަރީޓޭލް ފޯ ގްރޯން-އަޕްސް"ގެ ޓީޒާ ދައްކާލުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ފިލްމުގެ އުފެއްދުންތެރިންނަށް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ޓީޒާގައި އަންހެން ތަރިން ދައްކުވައިދީފައި ވަނީ އަންހެނުންނަށް ވަރަށް އިޙުތިރާމު ކުޑަވާ ކަހަލަ ގޮތަކަށް ކަމަށް ބުނެ ގިނަ ބަޔަކު ޔަޝްއަށް ވެސް ފާޑުކިޔާފައިވެއެވެ. ނަމަވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެންނަ ބޮލީވުޑްގެ ބަތަލާ ހުމާ ގުރައިޝީ ވަނީ ޔަޝްއާ ދެކޮޅަށް ތެދުވެ އެކްޓަރަށް ތާއިދުކޮށް ވާހަކަދައްކާފައެވެ. މި ފިލްމުގައި 'އެލިޒަބަތު'ގެ ކެރެކްޓާ ކުޅޭ ހުމާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ، މިއީ ބެލުންތެރިން ސިއްސުވާލާނެ ފަދަ ފިލްމަކަށް ވާނެ ކަމަށެވެ. 'ދަ ލައްލަންޓޮޕް' ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ހުމާ ބުނީ، މި ފިލްމުގައި ހިމެނޭ ހުރިހާ ބަތަލާއިން ވެސް ވަނީ ވަރަށް މޮޅު ހުނަރެއް ދައްކާފައި ކަމަށެވެ. އަދި އެއީ ހަމައެކަނި ހުމާގެ ވާހަކަ ނޫން ކަމަށާއި ފިލްމުގެ ބެކްގްރައުންޑުން ފެންނަ ފަންނާނުންވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ހުމާ އަދި ޔަޝް ފިލްމު "ޓޮކްސިކް"ގެ ޓީޒާގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ އަންހެން ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ގީތޫ މޯހަންދާސް ވަނީ އެކަން ވަރަށް ފުރިހަމައަށް ސާބިތުކޮށްދީފައި ކަމަށް ހުމާ ފާހަގަކުރިއެވެ. ހުމާ އިތުރަށް ފާހަގަކުރި ގޮތުގައި، ކޮމާޝަލް ފިލްމުތަކުގައި އަންހެން ޑައިރެކްޓަރެއްގެ އިރުޝާދުތަކަށް ތަބާވާން ގިނަ ފިރިހެން އެކްޓަރުން ބޭނުމެއް ނުވެއެވެ. ނަމަވެސް ޔަޝް ފަދަ ސުޕަސްޓާރަކު ހިމަނައިގެން ގީތޫ މިފަދަ ބޮޑު ފިލްމެއް ޑައިރެކްޓް ކުރާއިރު، އެ ދެ މީހުންގެ މެދުގައި އޮތީ މަސައްކަތުގެ ނަމޫނާ ގުޅުމެއް ކަމަށް ހުމާ ވަނީ ބުނެފައެވެ. ގީތޫ މޯހަންދާސް ޑައިރެކްޓްކޮށް ޔަޝް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިލްމު "ޓޮކްސިކް" ސިނަމާތަކަށް އަންނާނީ ކުރިއަށްއޮތް އޮގަސްޓް މަހުގެ 26ގައެވެ. މިއީ މަޝްހޫރު "ކޭޖީއެފް" ސީރީސްތަކުން ބޮޑު މަޝްހޫރުކަމެއް ލިބުނު ޔަޝް އެ ސީރީސްއަށްފަހު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ