އާރް މާދަވަން މިފަހަރު މަޝްހޫރު އިލްމުވެރިޔާ ޖީޑީ ނައިޑޫގެ ރޯލްއިން

ބޮލީވުޑްގެ މަގުބޫލު އެކްޓަރު އާރް މާދަވަން، އިންޑިއާގެ މަޝްހޫރު އީޖާދުވެރިޔާ ޖީޑީ ނައިޑޫގެ ރޯލް ކުޅޭ ބައޮޕިކް ފިލްމު "ޖީޑީއެން"ގެ ޓްރެއިލާ ދައްކާލައިފިއެވެ. މި ފިލްމުގެ ޓްރެއިލާއިން ފެންނަ ގޮތުގައި، އިންޑިއާގެ ސިނާއީ އަދި އީޖާދީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވި ޖީޑީ ނައިޑޫގެ ޝަހުސިއްޔަތު މާދަވަން ވަނީ ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. މި ރޯލަށް މާދަވަންގެ ހަށިގަނޑަށާއި ސިފައަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު އެކްޓަރު ފެންނަނީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. މާދަވަން ވަނީ މީގެކުރިން ވެސް މިފަދަ ތާރީޚީ ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައެވެ. އެއީ ސައިންސްވެރިޔާ ނަމްބީ ނާރަޔަނަންގެ ރޯލު ކުޅުނު "ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް"އެވެ. މި ފިލްމުގައި އިންޑިއާގެ އިންޖިނިއަރިން އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ނުހަނު ބޮޑު އިންގިލާބެއް ގެނައި ޝަހުސިއްޔަތު ޖީޑީއެން ނައިޑޫގެ ކާމިޔާބީތަކާއި، ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރުން، އެ ދުވަސްވަރުގެ މާހައުލު ވެސް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެއެވެ. ފިލްމު "ޖީޑީއެން"ގެ މަންޒަރެއްގައި މާދަވަން--ފޮޓޯ/އެންޑީޓީވީ މީގެ އިތުރުން، އާދައިގެ އީޖާދުވެރިއަކުން ފެށިގެން "ޔޫއެމްއެސް" ޓްރާންސްޕޯޓް ނިޒާމު އުފައްދައި، އިންޑިއާގައި އެންމެ ފުރަތަމަ ޕޮލިޓެކްނިކްތައް ބިނާކުރި މަޝްހޫރު ސިނާއީ ލީޑަރަކަށް އޭނާވި ގޮތުގެ ހައިރާންކުރުވަނިވި ދަތުރު މި ޓްރެއިލާއިން ދައްކުވައިދެއެވެ. ނައިޑޫގެ ދިރިއުޅުމަށް ކުރިމަތިވި އެކި ގޮންޖެހުންތަކާއި، ފުލުހުންގެ ހަރުކަށި ރޭޑްތަކާއި، ޓެކުހަށް މަކަރު ހެދިކަމުގެ ދޮގު ތުހުމަތުތަކުގެ އިތުރުން، ނާޒީންނާއެކު ވިޔަފާރީގެ މުޢާމަލާތްތަކެއް ހިންގި ކަމަށް ބުނެ އުފުލުނު ގައުމަށް ޣައްދާރުވުމުގެ ސީރިއަސް ދައުވާތައް ވެސް މި ޓްރެއިލާގައި ހިމަނާފައިވެއެވެ. މި ކަންކަމަކީ ފިލްމުގެ މައިގަނޑު ހަމަނުޖެހުންތައް ބިނާވެފައިވާ ކަންކަމެވެ. މި މަހުގެ 17 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ މި ޖީލުގެ ކުދިންނަށް ކޮންމެހެންވެސް އެނގުން މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދޭނެ ފިލްމެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު ކްރިޝްނާކުމާރު ރާމާކުމާރު ބުނެފައިވެއެވެ. މާދަވަންގެ އިތުރުން މި ފިލްމުން ފެންނާނެ މުހިންމު ތަރިންގެތެރޭ، ސަތުޔަރާޖް، ޖަޔަރާމް، ޕްރިޔާމަނީ، ވިނޭ ރާއީ، ދުޝާރާ ވިޖަޔަން އަދި އަދިތީ ބާލަން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ