މި އަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ހިނގި ބަޑި ޖެހުުމުގެ 21 ހާދިސާއެއްގައި 14 މީހުން މަރާލާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި 14 މީހަކު މަރުވެ، އިތުރު 12 މީހަކު ވަނީ ޒަހަމްވެފަ އެވެ.
ލަންކާ ފުލުހުން ބުނި ގޮތުގައި ބަޑީގެ މި ހުރިހާ ހަމަލާތަކަކީ ވެސް ރޭވިގެން ވަކި ބަޔަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެކެވެ. މީގެ ބޮޑުބައެއް ގުޅިފައިވަނީ ރޭވުންތެރިކަމާ އެކު ކުށްކުރާ ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވާދަވެރި ނެޓްވޯކްތަކާ އެވެ.
ލަންކާގެ ބެލަންވިލާ ސަރަހައްދުގައި ދިން ބަޑީގެ ހަމަލާއެއްގައި މި ހަފްތާގައި ވެސް މީހަކު ވަނީ މަރާލައިފަ އެވެ. ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި ހަމަލާ ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފައެވެ.
ވައްޓަލާގެ ޕަލިޔަވައްތަ ސަރަހައްދުގެ ހޮޓަލެއްގައި އޮތް އުފަންދުވަހުގެ ހަފްލާއަކަށް ކާރެއްގައި އައި ހަތިޔާރުއެޅި ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި، 39 އަހަރުގެ މީހަކު ވެސް މި ފަހުން މަރާލި އެވެ. މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަދަލުހިފުމެއް ކަމަށް ފުލުހުން ބުނެ އެވެ.
ހިއްކަޑުވާގެ ކުމަރަކަންދާ ސަރަހައްދުގައި، ސައިކަލެއްގައި ދިޔަ ދެ މީހަކު ވަނީ އަންނައުނު ވިއްކާ ފިހާރައެއްގެ ވެރިއެއް ކަމަށްވާ 61 އަހަރުގެ މީހަކާއި އޭނާގެ އަނބިމީހާއަށް ވެސް ބަޑިން ހަމަލާދީފަ އެވެ. މި ހަމަލާގައި ވިޔަފާރިވެރިޔާ މަރުވިއިރު، އޭނާގެ އަންހެނުންގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ލަންކާގައި މިގޮތަށް ގޭންގުތަކުގެ މެދުގައި ހިނގާ ހަމާލާތައް ކުއްލިއަކަށް އިތުރުވުމާ ގުޅިގެން، ސްރީ ލަންކާ ޕޮލިސް އަދި ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ގުޅިގެން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.
ލަންކާގައި ހަރަކާތްތެރިވާ ނުރައްކާތެރި 18 ގޭންގެއް ހޯދައި ރޫޅާލުމަށްޓަކައި ފުލުހުންގެ ހާއްސަ 15 ޓީމެއް މިހާރު ދަނީ މުޅި ގައުމުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.
ލަންކާގައި މި އަހަރު ބަޑިޖެހުމުގެ 21 ހާދިސާއެއްގައި 14 މީހަކު ވަނީ މަރާލާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ