ކޮންމެ މީހަކުވެސް އަދާކުރަމުންދާ ވަޒީފާ އާއި މަސްއޫލިއްޔަތަކީ އަމާނާތެއް: ޚުތުބާ

ޚުތުބާގައި ބަޔާންކުރި ގޮތުގައި، ކޮންމެ މީހަކީވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކަންކަމާ މެދު ސުވާލުވެވޭނެ ބެލެހެއްޓުންތެރިއެކެވެ. ރަސޫލު الله ﷺ ގެ ޙަދީޘްފުޅަކާ ހަވާލާދީ ޚުތުބާގައި ބުނީ، ވެރިންނާއި، ފިރިންނާއި، އަނބިން އަދި މުވައްޒަފުންނަކީވެސް އެމީހެއްގެ ޒިންމާގެ ދަށުގައިވާ ކަންކަމާ މެދު ޤިޔާމަތް ދުވަހުން ސުވާލުވެވޭނެ ބައެއް ކަމަށެވެ. ވަކީން ޚާއްޞަކޮށް، އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުން އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާ އަދާކުރީ ކިހިނެއްތޯ ބެލެވޭނެއެވެ.
ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚުލާޞްތެރިވުމަކީ އީމާންކަމުގެ ސިފައެއް ކަމަށް ޚުތުބާގައި ބުންޏެވެ. ފުރިހަމަ މުސްލިމަކީ އަމިއްލަ ފައިދާއަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހާ ކަމަށާއި، އަނެކުންނަށް ހެޔޮކަން އެދުމަކީ އީމާންކަން ފުރިހަމަވާ ކަމެއް ކަމަށްވެސް ފާހަގަކުރިއެވެ. "އަދި އެބައިމީހުންނަކީ އެބައިމީހުންގެ އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ." މި އާޔަތުން ދަލީލު ދައްކަމުން ޚުތުބާގައި ވަނީ އަމާނާތްތަކަށް ޚިޔާނާތްތެރިނުވުމަށް ނަސޭހަތްތެރިވެފައެވެ.
ޚުތުބާ ނިންމާލަމުން ބަޔާންކުރީ، ޤައުމުގެ ތަރައްޤީއާއި ތަނަވަސްކަން ބިނާވެގެންވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. ދެކޮޅުވެރިކަމާއި އަރައިރުންތަކުން ދުރުހެލިވެ، އަމާނާތްތެރިކަމާއެކު މަސައްކަތްކުރުމަކީ މުޖުތަމަޢުގެ ބަދަހިކަން ދެމެހެއްޓޭނެ ގޮތް ކަމުގައި ޚުތުބާގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ