ބިސް ތަޅާލާއިރު ފެންނަ ހުދު ނަރަކީ ކޯއްޗެއް؟

އާންމުކޮށް ބިސް ތަޅާލާއިރު، ބިހުގެ ގޮބޮޅިއާ ގުޅިފައިވާ ހުދު ކުލައިގެ ނަރެއް ފަދަ އެއްޗެއް ފެނުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މިގޮތަށް ފެންނަ ހުދު ނަރުކޮޅަކީ ބިސް ހަލާކުވެފައިވާ ކަމުގެ ނިޝާނެއް ކަމަށް ބައެއް މީހުންނަށް ހީކުރެވެއެވެ. އަދި ބައެއް މީހުން ކައްކަން ބޭނުންކުރުމުގެ ކުރިން މި ނަރުކޮޅު ނަގައި އެއްލާލައެވެ. ނަމަވެސް މިއީ ސިއްހީ ގޮތުން ނުވަތަ ކެއުމަށް އެއްވެސް މައްސަލައެއް އޮތް އެއްޗެއް ހެއްޔެވެ؟ މިކަމާ ގުޅޭގޮތުން އިންޑިއާގެ ޕާރަސް ހެލްތުގެ ޑައިޓީޝަނެއް ކަމަށްވާ ޑރ. އާރްތީ ނާތު ވިދާޅުވި ގޮތުގައި، ބިހުގެ ތެރެއިން ފެންނަ މި ހުދު ނަރަށް ކިޔަނީ “ޗަލާޒާ” އެވެ. މިއީ ބިހުގެ އުފެދުމުގައި ހިމެނޭ ވަރަށް މުހިންމު އަދި ގުދުރަތީ ބައެކެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، ކުކުޅުގެ ހަށިގަނޑުގެ ތެރޭގައި ބިސް އުފެދިގެން އަންނައިރު ބިސް އެނބުރޭ އެނބުރުމުގެ ތެރޭގައި މި ޕްރޮޓީން ނަރުތައް އޮޅި، ވާގަނޑެއް ފަދައިން ބާރުގަދަވެއެވެ. ޑރ. އާރްތީ ފާހަގަކުރެއްވި ގޮތުގައި، ޗަލާޒާގެ މައިގަނޑު މަސައްކަތަކީ ބިހުގެ ގޮބޮޅި، ބިހުގެ ހުދުބައިގެ މެދުގައި ހިފެހެއްޓުމެވެ. ބިސް އެއްތަނުން އަނެއް ތަނަށް އުފުލައި ގެންގުޅޭއިރު، ގޮބޮޅި ފަޅައިގެން ދިޔަނުދީ ރައްކާތެރިކޮށްދެނީ މި ނަރުގެ ސަބަބުންނެވެ. އެހެންކަމުން މިއީ ބިހުގެ އެތެރޭގެ ބެލެންސް ހިފަހައްޓައިދޭ ނަގިއްޔެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. ބިސް ތަޅާލާއިރު އޭގައި ހަރުލާފައި ހުންނަ "ޗަލާޒާ" ފެންނަން ނެތުމަކީ ބިހުގެ ތާޒާކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ޑައިޓީޝަނުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މިއީ ބިހުގައި ހުންނަ ކުނި ނުވަތަ ގޯސް އެއްޗެއް ކަމަށެވެ. އަދި ބައެއް މީހުންނަށް މިއީ ބިސް ފީވެފައިވާ ކަމުގެ ނިޝާނެއް ކަމަށްވެސް ހީކުރެވެއެވެ. ނަމަވެސް ޑރ. އާރްތީ ވިދާޅުވި ގޮތުގައި އެއީ މުޅިން ކުށްހީއެކެވެ. ސިއްހަތު ރަނގަޅު ކޮންމެ ބިހެއްގައިވެސް މި ބައި ހިމެނޭނެއެވެ. މިއީ ކެއުމަށް މުޅިން ރައްކާތެރި އެއްޗެއް ކަމަށާއި، މީގެ ސަބަބުން ބިހުގެ ރަހައަށް ނުވަތަ ބިހުން ލިބޭ ފައިދާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ޔަގީންކަން ދެއްވިއެވެ. ކެއްކުމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، އާންމު ކެއުންތަކަށް ބިސް ބޭނުންކުރާއިރު މިއީ ނަގަންޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް، ކަސްޓަޑް ނުވަތަ އޮމާން ސޯސް ފަދަ ތަކެތި ތައްޔާރުކުރާއިރު، އޭގެ އޮމާންކަން ގެއްލިދާނެތީ ބައެއް ޝެފުން މި ނަރުކޮޅު ފުރާނައިގެން ނަގައެވެ. މީގެ އިތުރުން، ދަނޑުވެރިކަމާއި ކާބޯތަކެތީގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ޗަލާޒާއަކީ ބިހުގެ ތާޒާކަން ވަޒަންކޮށްދޭ ވަރަށް ރަނގަޅު މިންގަނޑެކެވެ. ބިސް ތަޅާލާއިރު މި ހުދު ނަރުކޮޅު ވަރަށް ފާޅުކޮށް ފެންނަން ހުރިނަމަ، އޭގެ މާނައަކީ އެއީ ވަރަށް ތާޒާ ބިހެއް ކަމެވެ. ބިސް ގިނަ ދުވަސްވާ ވަރަކަށް، އޭގައި ހިމެނޭ ޕްރޮޓީންގެ ބާރު ދަށްވެ، ޗަލާޒާ ނިކަމެތިވެގެން ދެއެވެ. އެހެންކަމުން ގިނަ ދުވަސްވެފައިވާ ބިހެއްނަމަ، މި ނަރުކޮޅު ފެންނާނީ ވަރަށް ކުޑަކޮށް ނުވަތަ މުޅިންހެން ގިރިގެން ގޮސްފައި ވަނިކޮށެވެ. ބިހުގެ ތާޒާކަން ބެލުމަށް ފެންތަށްޓަކަށް ބިސް ލައިގެން ހަދާ ޓެސްޓުން ބިސް އަޑިއަށް ދާނަމަ، އެ ބިސް ތަޅާލާއިރު ޗަލާޒާ ވަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން، ދެން ފަހަރަކުން ބިހެއް ތަޅާލާއިރު މި ހުދު ނަރުކޮޅު ފެނިއްޖެނަމަ، އެއާމެދު ކަންބޮޑުވެ، ބިސް އެއްލާލާކަށް ނުޖެހޭނެއެވެ. އަދި ކައްކަން ބޭނުންކުރުމުގެ ކުރިން އެ ނަގައި ވަކިކުރާކަށްވެސް ނުޖެހޭނެއެވެ. މިއީ ހަމައެކަނި ބިހުގެ ގުދުރަތީ އޮނިގަނޑުގެ ބައެކެވެ. އަދި އެއީ ތިބާ ބޭނުންކުރަން ތައްޔާރުވަމުންދަނީ ވަރަށް ތާޒާ ބިހެއްކަން އަންގައިދޭ އުފާވެރި ނިޝާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ