ރައީސާ ބައްދަލުކުރުމުގެ ފުރުސަތު އިތުރު ހަތަރު ދާއިރާއަކަށް، ނަން ނޯޓުކުރަން ހުޅުވާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރުމުގެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދިނުމަށް ފަށަން ނިންމާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 
ރައީސް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މި ފަހަރު ހުޅުވާލާފައި ވަނީ މާފަންނު ދެކުނު ދާއިރާ އާއި ރ. އުނގޫފާރު ދާއިރާ އަދި ހއ. ކެލާ ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ މީހުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ކަމަށެވެ. 
ރައީސް އޮފީހުން ބުނި ގޮތުގައި އެ ދާއިރާތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން މީހުން އެ އޮފީހުގެ ވެބްސައިޓުގައި އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލު މެދުވެރިކޮށް ނަން ނޯޓުކުރެވޭނެ އެވެ. އެކަމަށް އެދުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހޯމަ ދުވަހުގެ ރޭގެ 12:00 ގެ ކުރިންނެވެ. 
އެ ބައްދަލުވުމުގައި ބައިވެރިވާން އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ 13 ގަ އެވެ. ފުރުސަތު ފުރަތަމަ ދޭން ނިންމާފައި ވަނީ ހުޅުމާލޭ އުތުރު ދާއިރާ އާއި ސ. ހުޅުދޫ ދާއިރާ އާއި ހއ. ހޯރަފުށި ދާއިރާގެ އިތުރުން ހުޅުމާލޭ މެދުދާއިރާގެ ރައްޔިތުންނަށެވެ. 
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ބައްދަލުވުން ބާއްވަން ރައީސް މުއިއްޒު ނިންމެވީ މިހާރަށް ވުރެ ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. 
ރައީސް މުއިއްޒާ ބައްދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ނިންމިއިރު، އެ މަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ވަޑައިގެން ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި މާލޭގެ ވެސް އެކި އަވަށްތަކުގެ ރައްޔިތުންނާއެކު އެ މަނިކުފާނު ވަކިވަކިން ބައްދަލުވުންތައް ބޭއްވެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ