ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނެ މުޒާހަރާ ކޮށްފި

ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނެ މުޒާހަރާ ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މުޒާހަރާ ކުރާ ވީޑިއޯއެއް އާންމުވެފައި ވާއިރު، އޭގައި މީހަކު ފެން ފުޅި އެއް ހިފައިން ހުރެ "ރައްޔިތުން ފެލާލައިފި" މިހެން ކިޔަމުން ދެއެވެ.
މުޒާހަރާ ކުރިއިރު، ކަރަންޓު ބިލްތަކާ ގުޅިގެން ކަސްޓަމަރުންގެ ހުރި ޝަކުވާތައް ހުށަހެޅުމަށް ސްޓެލްކޯއިން ވަނީ މިއަދު އެދިފައެވެ. އެގޮތުން ސްޓެލްކޯއިން ބުނީ ހުށަހަޅަން ބޭނުންވާ ޝަކުވާތައް ސްޓެލްކޯގެ ކަސްޓަމާ ސާވިސް ނަންބަރު 7788438 އަށް ނުވަތަ ސްޓެލްކޯގެ ވަޓްސަޕް، ޓެލެގްރާމް އަދި އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށެވެ.
އޭޕްރީލް މަހުގެ ކަރަންޓު ބިލްތައް ބޮޑުވުމާ ގުޅިގެން ގިނަ ބަޔެއްގެ ޝަކުވާ އާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ކަރަންޓު ބިލު އޭގެ ކުރީ ބިލަށް ވުރެ ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެ ބިލުތަކުގެ ފޮޓޯތައް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާވެސް ކޮށްފައެވެ.
އޭގެތެރެއިން މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓު ބޭނުންކުރި މިންވަރު އޭގެ ކުރީ މަހަށް ވުރެ މި މަހު ކުޑަވާނެ ކަމަށާއި ވިއްސާރަވެ، ވައިގަދަވުމާ ގުޅިގެން އެއާ ކޮންޑިޝަނާވެސް ބޭނުންކުރި މިންވަރު މި މަހު މަދު ކަމަށެވެ. ނަމަވެސް ބިލް ދެގުނައަށް ބޮޑުވެފައިވާކަން ފާހަގަކޮށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މިކަމާ ގުޅިގެން ބުނީ އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ހޫނު ގަދަވުމުގެ ސަބަބުން ބޮޑުވާން މެދުވެރި ވީ ކަމުގައި ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް، މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަވެ، ވައިގަދަވެ ފިނި ދުވަސްވަރަކަށް ވުމުން ބިލްތައް ބޮޑުވެގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ