މުއިއްޒު އިންޑިއާއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް، މޯދީގެ އަރިހުން މައާފަށް އެދެން ޖެހޭނެ: ގާސިމް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަތުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަތަކަށް, ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ އަރުހުން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު މިއަދު ބޭއްވި ޖަލްސާގައި މި ސަރުކާރުގެ 22 ވަޒީރުންނަށް ރުހުންދޭން އެޖެންޑާކޮށްފައި އޮތް ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން ގާސިމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ނިންމުމާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަތުމަށް ފަހު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް މަރުހަބާ ދެންނެވެން ނެތް ކަމަށެވެ. އޭގެ ތެރެއިން އެއް ވާހަކަފުޅުގެ ގޮތުގައި ގާސިމް ފާހަގަކުރެއްވީ، އާސަންދައިގެ ދަށުން ދިވެހީން ބޭސްފަރުވާއަށް ދިއުމަށް ތައިލޭންޑާއި ޔޫއޭއީ ހަމަޖެއްސުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅެވެ.
އަޅުގަނޑުމެންނަކީ ބެކްޔާޑުގައި އޮތް ތަނެއް ނޫނޭ ބަޔެއްގެ އެހެން ވެސް ވިދާޅުވީމަ ވަކި ބަޔަކަށް އެބަ ނިސްބަތްވޭ އަނެއްކާ ބުލީ ކުރެވޭނެ ބަޔެއްވެސް ނޫން ކަމަށް އެވެސް ރަނގަޅު ވާހަކަފުޅެއް ނޫން އިނގޭތޯ!
ގާސިމް ވިދާޅުވިއެވެ.
އެއީ މުއިއްޒު ޖަޒުބާތުގައި ޖެހިވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތަކެއްކަމަށް ދެކޭކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވީ، އެ ޖަޒުބާތުގައި މުއިއްޒު ޖެހިވަޑައިގަތީ ކީއްވެތޯ ބަލަން ޖެހޭ ކަމަށެވެ. އެކަން ގުޅިފައި ވަނީ، އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންގެ މެދުގައި އުފައްދާފައިވާ ފިތުނައާ ކަމަށާއި އެ ނަފުރަތު ފުރަތަމަ އުފެއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ގާސިމް ތުހުމަތު ކުރެއްވިއެވެ.
“އެކަން ކުރަން ހުއްދަ ދީގެން ހުންނެވީ [ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު] ޞާލިޙް.. ފުރަތަމަ ޑޭ ވަންގައި އެކަން ކުރުވިޔަ ނުދީ ހުއްޓުވަން ޖެހޭނެ. ޑޭ ވަންގައި. އެއީ އަހަރެމެންނަށް ފައިދާ ހުރި ކަމެއް ނޫން.
ގާސިމް ވިދާޅުވިއެވެ.
އެ މައްސަލައިގައި މިހާރު ޒިންމާ ނަގަން ޖެހިވަޑައިގެންފައި ވަނީ މިހާރުގެ ރައީސް ކަމަށާއި އެހެންވެ، އެ މަނިކުފާނު ހުންނެވީ ޖަޒުބާތުގައި ޖެހިވަޑައިގެން ގާސިމް ސިފަކުރެއްވިއެވެ.
އެހެންވީމަ މިވާހަކަ ނިންމާލަމުން ވެސް އަޅުގަނޑު ދަންނަވަނީ ޑރ. މުއިއްޒަށް، ލަދުފުޅުން ނުހުންނަވާށޭ، އެޕޮލޮޖައިޒް ކުރައްވާށޭ އިންޑިއާ ސަރުކާރުން ވެސް އެތަނުގެ ޕްރައިމް މިނިސްޓަރު އަރިހުން ވެސް، ހަމަ އޮފިޝަލީ އެކަން ކުރައްވާށޭ.
ގާސިމް ވިދާޅުވިއެވެ.
ރައީސް މައާފަށް އެދިވަޑައިގަތް ނަމަވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށާއި ކަމަށާއި އެކަން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، މިމަހުގެ 13ގައި ގައުމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ރާއްޖެއަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށް ވިދާޅުވެ، އިންޑިއާއަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ.
މީގެ އިތުރުން ބޭސްފަރުވާއަށް ވަކި ގައުމަކަށް ބަރޯސާވުން ކުޑަކުރުމަށް، މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ، ޔޫއޭއީއާއި ތައިލޭންޑު ކަމަށް އޭރު ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ