ސަދަގާތު ފައުންޑޭޝަނުން 3000 ދަރިވަރުންނަށް ސްކޫލް ދަބަސް ދެނީ

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލް ދަރިވަރުންގެ ތެރެއިން 3000 ކުދިންނަށް ސްކޫލް ދަބަސް ދޭން ނިންމާފައިވާ ކަމަށް ސަދަގާތު ފައުންޑޭޝަނުން ބުނެފިއެވެ. ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ފައުންޑޭޝަނުން ބޭއްވި "ހިތާނީ އުފާ" ކޭމްޕު ނިންމުމަށް ރޭ ހުޅުމާލޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެކަން އިއުލާންކުރެއްވީ އެ ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސިނާނެވެ. ރޭގެ ރަސްމިއްޔާތުގައި ސިނާން ވިދާޅުވީ، ސްކޫލް ހުޅުވެންވާއިރު އާއިލާތަކުގެ ދަރިވަރުންނަށް ކޮންމެވެސް އެހީއެއް ވެދެއްވަން މެޑަމް ބޭފުޅުވާތީ ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލު ދެއްވަމުން ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިނާން ވިދާޅުވީ، ސްކޫލް ދަބަސް ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިން ވެސް އޮންނަ އުސޫލުގެ ދަށުން ނަން ނޯޓު ކުރުމަށް ހުޅުވާލައި އެކަން ފަހުން އިއުލާންކުރާނެ ކަމަށެވެ. އެކަމުގައި އެއްވެސް ޝަރުތެއް ނޯންނާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެފަދަ އެހީތެރިކަމަށް ބޭނުންވާ ފަރާތެއް ހުރިނަމަ އެކަމެއް ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސްކޫލް ބަންދާ ދިމާކޮށް ސޮދަގާތް ފައުންޑޭޝަނުން ބޭއްވި "ހިތާނީ އުފާ" ގައި މިއަހަރު 120 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާއިރު، އަންނަ އަހަރު އެ އަދަދު 200 އަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ވެސް ރޭގެ ރަސްމިއްޔާތުގައި ސޮދަގާތު ފައުންޑޭޝަންގެ ފަރާތުން ސިނާން ވަނީ އިއުލާންކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ