ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރު މިލްކުވާނެ ގޮތް ހަދަނީ

"އެގޮތުން ރައީސް ނިންމަވާފައި ވަނީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލުކުވާނެ ގޮތެއް ހަމަޖައްސަވައި ދެއްވަން،"
ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލުކުވާނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.މިނިސްޓަރު ޣައްސާން ވިދާޅުވީ ދިވެހި ސިފައިންގެ ފައުޖަކީ ހުރިހާ ގޮތަކުން ފުރިހަމަ ވަސީލަތަކާއި ތަމްރީނު ލިބިފައިވާ ފައުޖަކަށް ހެދުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށެވެ. އޭގެ އިތުރުން ސިފައިންނަށް ފަރުދީ ގޮތުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށް ދެއްވުމަކީ ރައީސް ވަރަށް އިސްކަން ދެއްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.އެގޮތުން ސިފައިންގެ ހިދުމަތާއި އަލަށް ގުޅޭ ޒުވާނުންނަށް އެކި ދާއިރާތަކުން ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށް ދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވި އެވެ. މަތީ ތައުލީމަށް ފަހު އެނބުރި ރާއްޖެ އައިސް ސިފައިންގެ ހިދުމަތާއި އަލުން ގުޅި ހިދުމަތް ކުރުމަށް ފަހު ޝަރަފުވެރިކަމާއި ހިދުމަތުން ވަކިވާ ސިފައިންނަށް އަބުރުވެރި ދިރިއުޅުމެއް އުޅުއްވޭނެ މަގު ތަނަވަސް ކޮށް ދެއްވުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."އެގޮތުން ރައީސް ނިންމަވާފައި ވަނީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލުކުވާނެ ގޮތެއް ހަމަޖައްސަވައި ދެއްވަން،"
ސިފައިންގެ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް އިސްކަން ދޭ ކަމެކެވެ. ރައީސް މައުމޫންގެ ދައުރުން ފެށިގެން ސިފައިންގެ ބޯހިޔާވަހިކަމަށް ހާއްސަ މަސައްކަތްތަކެއް ކުރެވިފައިވެ އެވެ. މާލެ އާއި ވިލިމާލޭ ގައި ސިފައިންނަށް ހާއްސަ ހައުސިން ޔުނިޓްތަކެއް އަޅާފައިވެ އެވެ.އަދި މީގެ އެގާރަ އަހަރެއްހާ ކުރީން ފެށި ސިފައިންގެ ފްލެޓް -- ސިފްކޯ ހިޔާގެ މަސައްކަތް ނިންމި މިހާރު އެ ތަންތަނުގައި ސިފައިންގެ އާއިލާތަކުން ދަނީ ދިރިއުޅެމުންނެވެ. ރައީސް ވަހީދުގެ ވެރިކަމުގައި ފެށި އެ މަސައްކަތް ނުނިމި ވަރަށް ދިގުލައިގެން ދިއުމަށް ފަހު ނިމުނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ސިފްކޯ ހިޔާގެ ތިން ޓަވަރު ބިނާކޮށްފައިވެ އެވެ. ފްލެޓް ލިބުން އަހަރުތަކަކަށް ލަސްވުމާއި ފްލެޓަށް ވަންނަން ކުރަން ޖެހުނު ހަރަދު ބޮޑު ކަމުން އަހަރު ދުވަހަށް ކުލި ދެއްކުން ފަސް ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ. ކުރީ ސަރުކާރުން ވަނީ ކެމްޕެއިން ތެރޭގައި ސިފައިންނަށް ބޯހިޔާހިވަހިކަމުގެ އިތުރު މަޝްރޫއުއެއް ވެސް އިއުލާނު ކޮށްފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ