ޚުޠުބާ: ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް ހުރީ ފެންނަން- ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ގިނަވެއްޖެ

ﷲ سُبْحَانَهُ وَتَعَالَى مَعْرِفَة ކޮށް ދެނެގަތުމަކީ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރެއިން ވާ ކަމެކެވެ. އަދި އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމުގެ އެއް ނަތީޖާ އަކީ އެކަލާނގެއަށް ފުރިހަމަގޮތުގައި އީމާންވުމުގެ ފޮނި މީރުކަން ލިބުމެވެ. މީހަކު ކަމަކަށް އީމާންވާ ކަމުގައި ވާނަމަ އެއްވެސް ޝައްކު ކަމެއްނެތި ޔަޤީންކަމާއެކު އެކަމެއް ޤަބޫލުކުރުމުން މެނުވީ އީމާންވީ ކަމުގައި ނުވެއެވެ. عَبْدُ اللّٰهِ بْنُ مَسْعُوْدٍ رَضِيَ اللّٰهُ عَنْهُ ވިދާޅުވެފައި ވެއެވެ. (وَالْيَقِيْنُ الْإِيْـمَانُ كُلُّهُ)[1] މާނައީ: "އަދި ޔަޤީންކަމަކީ މުޅި އީމާން ކަމެވެ." އެހެންކަމުން މާތް ﷲ އަށް އީމާންވާ މީހާ، އެކަލާނގެ އަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކަށް ހިތުގައި އެއްވެސް ޝައްކުކަމެއް ނެތި ތެދުކޮށް ޔަޤީންކަމާއެކު ޤަބޫލުކޮށް، އީމާން ވާން ޖެހެއެވެ. އޭގެތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ އެކަލާނގެ ވޮޑިގެންވާކަމަށް އީމާންވުމެވެ. މިއީ ހުރިހާ ރަސޫލު ބޭކަލުންގެ ރިސާލަތުގެ އަސާސެވެ. ރަސޫލު ބޭކަލުން އެބޭބޭކަލުންގެ ޤައުމުތަކުގެ މީސްތަކުންނަށް ވިދާޅުވިކަމަށް ކީރިތި ޤުރްއާނުގައި ﷲ تَعَالَى ވަޙީކުރައްވާފައި ވެއެވެ. ﮋﯓ   ﯔ  ﯕ  ﯖ  ﯗ  ﯘ   ﯙ  ﯚﯛﮊ[2]  މާނައީ: "އެއުރެންގެ رَسُوْلُ ން ވިދާޅުވޫއެވެ. އިސްވެދިޔަ مِثَال އަކާނުލައި އުޑުތަކާއި ބިން އުފެއްދެވި الله އާމެދު، شَكّ އެއް ވޭހެއްޔެވެ؟" 
ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި ﷲ تَعَالَى ލައްވާފައިވާ ކަމެކެވެ. އަދި އިންސާނީ ނަސްލުގެ ދިގު ތާރީޚުގެ ހޯދުންތަކަށް ނަޒަރު ހިންގާލާއިރު، ބޮޑެތި ޙަޟާރާތްތަކުން ފެށިގެން ގޮސް ފަރުބަދަތަކުގެ ހޮހަޅަތަކާއި ޖަންގަލިތަކުގައި ދިރިއުޅުނު، އިންސާނީ ޙަޟާރާތްތަކާ ވަކިވެފައިވާ ޤަބީލާތަކަށް ބެލިކަމުގައި ވީނަމަވެސް، އިންސާނުން ފެނިފައިވަނީ ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަލަކަށް އީމާންވާ ބައެއްގެ ގޮތުގައެވެ. 
މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފައެވެ. އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެއެވެ. އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތަކެވެ. ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލެއް ނުކުރެއެވެ. ފެންނަންހުރި މި ހެކިތަކާމެދު ވިސްނާ ފިކުރުކުރުމަށް ޤުރްއާނުގެ އެތައް ތަނެއްގައި ﷲ تَعَالَى ވަނީ އަންގަވާފައެވެ. ﷲ تَعَالَى ވަޙީކުރައްވާފައިވާ ވަޙީބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތުވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، الله އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ."[3] 
މި އާޔަތުގައި މާތް ﷲ ބަޔާންކުރައްވާފައި ވަނީ ކައުނުގައި ހިނގަހިނގާ ހުންނަ ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިޒާމުތަކުގެ ތެރެއިން ވަރަށް ވެސް މަދު މިސާލެކެވެ. މިހާ ގިނަ ނިޒާމުތައް ކައުނުގައި ހިނގަހިނގާ ހުންނައިރު، މީގެ ގިނަ ނިޒާމުތައް ވަނީ އެއް ނިޒާމު އަނެއް ނިޒާމާ ގުޅި ލާމެހިފައެވެ. މިސާލަކަށް ބަލާނަމަ، ޖައްވުގެ ތެރޭގައި ފެން ދައުރުވާ ނިޒާމުގެ ތެރެއިން ވާރޭ ވިލާތައް އުފެދެއެވެ. އަދި ވައި ދައުރުވާ ނިޒާމުގެ ތެރެއިން މި ވާރޭ ވިލާތައް އެއްތަނުން އަނެއް ތަނަށް ދަތުރުކުރެއެވެ. ވައިގެ ޛަރީޢާއިން ހަނަފަސްވެ، މަރުވެފައިވާ ބިމަކާ ހަމައަށް މި ވާރޭ ވިލާތައް ދަތުރުކޮށް އެ ވިލާގަނޑުން އެ ހަނަފަސް ބިމަށް ވާރޭ ވެހުމާއެކު އެ ބިމަށް ދިރުން ލިބި އެ ބިމުގައި ގަސްފަޅައެވެ. އަދި އެކިއެކި ދިރޭތަކެތި މި ގަސްތަކާއި ވިނަތަކުން ކައިއުޅެއެވެ. އެތަކެތީގެ ހަށިގަނޑުގެ ތެރޭގައި އެ ކާތަކެތި ހަޖަމުވެ، އޭގައިވާ ފައިދާހުރި މާއްދާތައް ހަށިގަނޑަށް ނަގައި، ގެއްލުންހުރި ބައިތައް ހަށިގަނޑުން ބޭރުކުރާ ނިޒާމު ވެސް ވަނީ، އެހަށިގަނޑުގައި ލެއްވިފައެވެ. ކުޅަދުންވަންތަ ކަލަކަށް މެނުވީ މިހާ ފުރިހަމަ ނިޒާމުތަކެއްގެ ތެރޭގައި ދުނިޔޭގެ ހިންގުން ތަދުބީރެއް ނުކުރެވޭނެއެވެ. އަދި މިހުރިހާ ނިޒާމެއް ފުރިހަމައަށް ގުޅި ލާމެހިފައިވުމަކީ، އެކަންކަން ރާވައި ހިންގައި ތަދުބީރުކުރާ ފަރާތެއްނެތި އިއްތިފާޤަކުން ހިނގާކަމެއް ކަމަށް ބުނުމަކީ ބުއްދި ޤަބޫލުކުރާކަމެއް ނޫނެވެ. 
ކަލަކު ވޮޑިގެންވާކަމުގެ އަނެއް އަލިގަދަ ހެއްކަކީ އަހަރެމެންނާއި މި ޢާލަމު ވުޖޫދުގައި ވުމެވެ. ޚަލްޤު ކުރެވިފައިވާހާ އެއްޗަކަށް "ޢާލަމޭ" ކިޔައި ނަންދެވިފައި ވާއިރު މި ތަކެއްޗަކީ ﷲ تَعَالَى ވޮޑިގެންވާ ކަމުގެ ޢަލާމާތެކެވެ. އެހެނީ ވުޖޫދުގައި ވާ ކޮންމެ އެއްޗެއްމެ ވުޖޫދު ކުރި ފަރާތެއް ވާނެކަމީ ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެ ހަޤީޤަތެކެވެ. ލިޔެވިފައިވާ އެއްޗެއް ވާނަމަ އެ ލިޔުނު ފަރާތެއް ވާކަމަށް އަހަރެމެން ޤަބޫލުކުރަމެވެ. ބިނާއެއް ވާނަމަ އެ ބިނާއެއް ބިނާ ކުރި ފަރާތެއް ވާނެކަމަކަށް އެއްވެސް މީހަކު އިންކާރެއް ނުކުރާނެއެވެ. އެހެންކަމަށް ވާނަމަ މިއޮތް ބޮޑު ކައުނާއި، މި ކައުނުގައިވާ، ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރޭތަކެއްޗާއި، މިނޫންވެސް ތަކެތި އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، ފުރިހަމަ ނިޒާމެއްގެ ތެރޭގައި ތަދުބީރު ކުރެއްވި ފަރާތެއް ނުވާކަމަށާއި، މިހުރިހާ ކަމަކީ އިއްތިފާޤަކުން ވާ ކަމެއް ކަމަށް، ޤަބޫލު ކުރުމަކީ ކިހާ ބޮޑު މޮޔަކަމެއްހެއްޔެވެ؟ 
ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުންނެވެ. އެގޮތުން، ވޮޑިގެންވާ ކަމަށް ތިޔަ ދަޢުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ އެބައިމީހުން ސުވާލުކުރެއެވެ. އަދި ނުފެންނަ ނުވަތަ ޙިއްސުތަކުން އިޙުސާސްނުވާ ތަކެތި ޤަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ތާކުންތާކުޖެހޭ ވާހަކައެއް ނޫނެވެ. އެހެނީ ފެނުމަކީ ނުވަތަ ޙިއްސުތަކުން ސީދާގޮތެއްގައި އިޙުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ޤަބޫލުކުރުމަށް ވާ ޝަރުޠެއް ނޫނެވެ. ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެން ވެސް ޤަބޫލު ކުރެއެވެ. ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިޙްސާސް ވާ އެއްޗެއް ނޫނެވެ. އަދި ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫނެވެ. ހަމައެހެންމެ، ބިމަށް ދަމާ ބާރުގެ ސަބަބުން މޭވާތައް ގަހުން ވަކިވެގެން ބިންމައްޗަށް ވެއްޓެއެވެ. ނަމަވެސް އެ ދަމާ ބާރެއް އެއްވެސް މީހަކަށް ނުފެނެއެވެ. ނުވަތަ އިޙްސާސެއް ވެސް ނުވެއެވެ. ދެ ދަގަތްފާނެއްގެ އިދިކޮޅު ދެފަރާތް ކައިރި ކޮށްލުމުން އެދޭތި ގާތްވެ ތަތްވެއެވެ. އަދި އޭގެ އެއްވައްތަރު ދެކޮޅު ކައިރިކޮށްލުމުން އެދޭތި ދުރުވެ ފޭވެއެވެ. ނަމަވެސް އެ ދަގަތްފާނުގެ ބާރެއްވެސް އަހަރެމެންނަކަށް ނުފެނެއެވެ. އިޙުސާސެއް ވެސް ނުވެއެވެ. އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ