މަރުގެ އަދަބު ތަންފީޒު ކުރުމަކީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ނޫން: މައުމޫން

މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިފަދައިން ވިދާޅުވެފައި ވަނީ މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަން މިއަދު އިއުލާން ކުރުމާ ގުޅިގެންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ، މިހާރުގެ ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މިރޭ މައުމޫން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑި އެއް ކަމެއް ނުދެނަހުރިން. ވަރަށް މާފު،" މައުމޫންގެ ޕޯސްޓުގައި ވެއެވެ.
އަދި އޭގެ ފަހުން އެމަނިކުފާނު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާ އުސޫލު ތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔުމެއް މާދަމާ ހިއްސާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މަރުގެ ކުށް އާންމުވެފައިވާއިރު މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒުކުރުމަށް މީގެ ކުރީގެ ރައީސްއިން ވަނީ މަސައްކަތްތަކެއް ކުރައްވަން އުޅުއްވާފައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުތައް ބެލުމުގެ ނަމުގައި މަރު ކޮމިޝަނެއް އެކުލަވާލެއްވުމަށްފަހު އެ ކޮމިޝަންވެސް އުވާލައްވާފައެވެ.
އަދި ރައީސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރުވެސް ވަނީ އެ މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް އެކަމަށް އަލި މަގެއް ފެނިފައެއް ނުވެއެވެ. ގިނަ ބަޔަކު މަރަށް މަރު ހިފުމަށް ގޮވަމުންދާއިރު އެ އަދަބު ރާއްޖޭގައި ތަންފީޒުކޮށްފިނަމަ މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ބަޔަކު އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ