ވެނެޒުއޭލާއަށް މިނެޓެއް ތެރޭ ބާރުގަދަ ދެ ބިންހެލުން، ކުއްލި ހާލަތު އިއުލާންކޮށްފި

ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމެއްގައި އެތައް އިމާރާތެއް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ވެނެޒުއޭލާއަށް ފުރަތަމަ އައީ 7.2 މެގްނިޓިއުޑްގެ ”ފޯޝޮކް“ އެކެވެ. ދެވަނަ ބިންހެލުން އައީ އޭގެ 39 ސިކުންތު ފަހުން 7.5 މެގްނިޓިއުޑްގައެވެ. ޔޫއެސްޖީއެސް އިން ބުނާ ގޮތުގައި މިއީ މައި ބިންހެލުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ ވެނެޒުއޭލާގެ ތާރީހުގައި ވެސް އައި އެންމެ ބާރުގަދަ ދެ ބިންހެލުމެވެ. އެގޮތުން މި ބިންހެލުމުގެ އަސަރު ގައުމުގެ ގިނަ ސަރަހައްދުތަކަށް ކުރި އިރު، އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ވެރިރަށް ކަރަކަަސް އަދި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށެވެ.
ވެނެޒުއޭލާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ދެއްވި ބަޔާނެއްގައި އެ ގައުމުގެ ވަގުތީ ލީޑަރު ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ ބިންހެލުމުގައި ސަތޭކައަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާކަމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. އަދި ގެއްލުން ލިބިފައިވާ އިމާރާތްތަކުން މީހުން ހުސްކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
”އަޅުގަނޑުމެން ރައްޔިތުންގެ ކިބައިން އެދެނީ ކެތްތެރިކަން އިސްކޮށް އެއްބައިވަންތަކަންމަތީ ތިބުމަށް،“ ރޮޑްރިގޭޒް ވިދާޅުވި އެވެ.
ބިންހެލުމުގައި ވެނެޒުއޭލާގެ އެއާޕޯޓަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އެތަން ބަންދުކޮށްފައިވާއިރު މެޓްރޯ އާއި ރޭލުގެ ހިދުމަތްތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ