ހދ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ރަސްމީކޮށް ހުޅުވާލައި، ނަން ނޯޓުކުރުމުގެ މަރުޙަލާ މިއަދު ފަށައިފިއެވެ.
ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހޯރަފުށީ ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމުގެ ދައުވަތެއް ލިބިފައިވާ ކަމަށެވެ. މިއީ ހޯރަފުށީގެ ކުރީގެ ކައުންސިލްގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، މިދިޔަ މާޗް 27 ވަނަ ދުވަހު ބޭއްވި ޖަލްސާއަކުން ނިންމާފައިވާ ނިންމުމެކެވެ.
މި ފުރުޞަތުގެ ދަށުން، ހޯރަފުއްޓަށް ހިޖުރަކުރަން ބޭނުންވާ ހިރިމަރަދޫގެ ރައްޔިތުން މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ނަން ނޯޓު ކުރަން ޖެހޭނެއެވެ. ނަން ނޯޓު ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ) ނުވަތަ ހަނިމާދޫ ކައުންސިލް އިދާރާ މެދުވެރިކޮށެވެ.
މީގެ އިތުރުން، ކައުންސިލްގެ މެއިލް މެދުވެރިކޮށް ނުވަތަ 4002064 ނަންބަރު ފޯނަށް ގުޅައިގެން ވެސް ނަން ނޯޓުކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ހޯރަފުށީ ކައުންސިލުން ބުނި ގޮތުގައި، ހިރިމަރަދޫ މީހުންނަށް އެ ރަށުން ގޯތި ދިނުމަށް ނިންމާފައިވަނީ ކުރީގެ ކައުންސިލުން ކަމަށް ވީނަމަވެސް، އެ ރަށަށް ބަދަލުވާން ބޭނުންވާ މީހުންގެ އަދަދަށް ބަލައި އާ ކައުންސިލުން ވެސް އެއްބާރުލުން ދޭނެކަމަށެވެ.
އާބާދީ ކުޑަވުމުން، ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމައިފަ އެވެ. އަދި ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި މިދިޔަ މޭ 17 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވައި ހަނިމާދޫ ކައުންސިލް ދަށަށް ބަދަލުކޮށްފަ އެވެ.
ހިރިމަރަދުއަކީ ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށެވެ. އެ ރަށުގައި ދިރިއުޅެނީ 293 މީހުންނެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެއެވެ.
ހިރިމަރަދޫ ރައްޔިތުން ހޯރަފުއްޓަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ