ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުމެއްގައި 32 މީހުން މަރުވެ، 700 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މި ބިންހެލުންތަކުގެ ސަބަބުން، ބޮޑެތި އިމާރާތްތައް ވެއްޓި ހާސްކަން އުފެދިފައި ވާއިރު މިހާރު ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ވެސް ކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވަމުން ވެނެޒުއޭލާގެ ވަގުތީ ލީޑަރު ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، އިދާރާތަކާއި އާންމު ރައްޔިތުން ގުޅިގެން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، ބުދަ ދުވަހު ވެނެޒުއެލާގެ އެއް ސަރަހައްދަކަށް އައި މި ދެ ބިންހެލުމުގެ ބާރުމިނަކީ 7.2 އަދި 7.5 އެވެ. މި ބިންހެލުންތަކުގެ ސަބަބުން، ވެރިރަށުގެ ބައެއް އިމާރާތްތައް ބިމާހަމަވެ، ގައުމުގެ މައި އެއާޕޯޓު ވެސް ވަނީ ބަންދުކުރަން ޖެހިފަ އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ގައުމާ މުހާތަބު ކުރައްވަމުން ރޮޑްރިގޭޒް ވިދާޅުވީ، މިހާތަނަށް 32 މީހުން މަރުވެ، 700 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އެންމެ ބޮޑަށް އަސަރުކުރި "ލާ ގުއާރާ" ސަރަހައްދުގެ ފުރިހަމަ މައުލޫމާތު އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިންހެލުންތަކަށްފަހު 20 އަށްވުރެ ގިނަ ކުދި ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ރޮޑްރިގޭޒް ކުރިން ވިދާޅުވެފައިވެ އެވެ.
އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި، ވެރިރަށުގެ އަލްޓަމީރާ އަވަށުގައި ހުރި 22 ބުރީގެ އިމާރާތެއް ވަނީ މުޅިން ސުންނާފަތިވެފަ އެވެ. އެ ސަރަހައްދުގައި މީހުން އެމީހުންގެ އާއިލާގެ މީހުން ހޯދަން ގޮވައި ރޮމުންދިޔައިރު، ވޮލަންޓިއަރުން އިމާރާތްތަކުގެ ބައިތަކުގެ ތެރެއަށް ވަދެ މީހުން ފެނޭތޯ ބަލަމުން ދިޔަ ކަމަށް ނޫސްވެރިން ބުންޏެވެ.
ޔޫއެސްޖީއެސް އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައީ އައްސޭރިފަށުގެ ރަށެއް ކަމަށްވާ މޮރޮންގެ ހުޅަނގުން 21 ކިލޯމީޓަރު ދުރަށެވެ. އަދި އޭގެ 39 ސިކުންތު ފަހުން، 45 ކިލޯމީޓަރު ދުރަށް 7.5 ގެ ބާރުމިނުގައި ދެވަނަ ބިންހެލުން އައިސްފައިވެ އެވެ.
ވެނެޒުއެލާގެ އިންޓީރިއާ މިނިސްޓަރު ދިއޮސްޑާޑޯ ކަބެއްޔޯ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގެއިން ބޭރަށް ނުކުތުމަށް އާންމުންގެ ކިބައިން އެދިވަޑައިގެން ފައެވެ. އަދި ބައެއް ސަރަހައްދުތަކުން ގޭސް ސަޕްލައި މެދުކަނޑާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ބިންހެލުމުގައި މައިކެޓިއާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ސަބަބުން އެއާޕޯޓު މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މި ބިންހެލުމުގެ ލޮޅުންތައް އަވަށްޓެރި ކޮލަމްބިއާގެ ވެރިރަށް ބޮގޮޓާއަށް ވެސް އިހުސާސްވި އެވެ.
ވެނެޒުއެލާގެ ތާރީހުގައި މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުންތައް ރެކޯޑުކުރެވިފައިވަނީ 1967 ވަނަ އަހަރު އެވެ. އެ ބިންހެލުމުގައި 236 މީހުން މަރުވި އެވެ. އަދި 1997 ވަނަ އަހަރު އައި ބިންހެލުމެއްގައި 73 މީހުން މަރުވި އެވެ.
ވެނެޒުއެލާއަށް ބިންހެލުން އައިތާ ގިނައިރުތަކެއް ނުވެ ޖަޕާނުގެ އުތުރަށް ވެސް 7.2 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވެ އެވެ. ނަމަވެސް ޖަޕާނުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. -- އޭއެފްޕީ
ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން؛ އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ