ޕާކިސްތާނުގައި އަނބިމީހާ އާއި ދަރިން 10 އަހަރު ބަންދުކޮށްގެން ގެންގުޅެފި

ފްރާންސަށް ނިސްބަތްވާ އަނބިމީހާ އާއި ދަރިން ގޭގައި ބަންދުކޮށްގެން 10 އަހަރު ގެންގުޅުނު ފިރިހެނަކު ޕާކިސްތާނުގައި ހައްޔަރުކޮށްފި އެވެ. 
ސިލްވީ ޔަސްމީނާ ބީބީސީ އުރުދޫއަށް ބުނީ، އޭނާގެ ފިރިމީހާ އައީ "ކޮންމެ ދުވަހަކު" އާއިލާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާ ކުރަމުންނެވެ. 
ފަރުބަދަމަތީ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ އެކަހެރި ރަށެއް ކަމަށްވާ ބާރާގައި ހުރި ގެ ފުލުހުން ރެއިޑް ކުރީ އެ މީހުންގެ ފިރިހެން ދަރިއެއް ސިއްރުން ގެއިން ނުކުމެ، ރިޕޯޓުކުރުމުންނެވެ. 
ފުލުހުން އެ ގެއަށް ވަންއިރު، ޔަސްމީނާ އާއި އޭނާގެ ފަސް ދަރިން ތިބީ "ކުޑަ ގޮޅިއެއް ފަދަ ކޮޓަރިއެއްގައި" ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އެންމެންގެ ހަށިގަނޑުގެ އެކި ތަންތަނުގައި ޒަޚަމްތަކާއި ނޫފައިގަނެފައި ހުރި ނިޝާންތައް ހުރި ކަމަށް ފުލުހުން ބުންޏެވެ.
ޔަސްމީނާ އާއި އޭނާގެ ދަރިން މިހާރު ވަނީ ޕެޝާވަރުގައި ހުންނަ ސެންޓަރަކަށް ބަދަލުކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުގައި އެމީހުން ބޭނުންވަނީ އެނބުރި ފްރާންސަށް ދިއުމަށެވެ.
އުމުރުން 54 އަހަރުގެ ޔަސްމީނާ ބުނި ގޮތުގައި، 2014 ވަނަ އަހަރު އޮސްޓްރޭލިއާއިން ޕާކިސްތާނަށް ބަދަލުވި ފަހުން، އޭނާގެ ފިރިމީހާ ވަނީ މުޅި އާއިލާ "ބަންދުކޮށްފަ އެވެ."
ފުލުހުންގެ އިސް އޮފިސަރަކު ބީބީސީ އުރުދޫއަށް މައުލޫމާތު ދެމުން ބުނީ، އެ އަންހެން މީހާ ބުނާ ގޮތުގައި އޭނާއަށް އެއްވެސް މީހަކާ ބައްދަލުކުރުމުގެ ހުއްދައެއް ނޯވެ އެވެ. އަދި އެމީހުންގެ ދޮށީ ދެ ދަރިންގެ ކިޔެވުން މެދުކެނޑިފައިވާއިރު، ޕާކިސްތާނަށް އުފަންވި ހަގު ތިން ދަރިން ދުވަހަކު ވެސް ސްކޫލަކަށް ވައްދާފައި ނުވާ ކަމަށް ވެސް އޮފިސަރު ބުންޏެވެ.
ކަމާބެހޭ އިދާރާތަކުން ޔަސްމީނާގެ ފިރިމީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާއަކީ ޕާކިސްތާނު ރައްޔިތެއް ކަމަށާއި، މި ދެމަފިރިން ބައްދަލުވި ދުވަސްވަރު އޭނާ އޮސްޓްރޭލިއާގައި އުޅުނީ "ގަވާއިދާ ޚިލާފަށް" ކަމަށް ފުލުހުން ބުނެ އެވެ.
އެމީހުން ކައިވެނީގެ ގޮތުން ގުޅުނީ 2003 ވަނަ އަހަރު އެވެ. އަދި 2014 ވަނަ އަހަރު ދޮށީ ދެ ދަރިންނާއެކު ޕާކިސްތާނަށް ބަދަލުވުމާ ހަމައަށް އެމީހުން ދިރިއުޅުނީ އޮސްޓްރޭލިއާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ