ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުންގެ ނަން ނޯޓުކުރަން ހަނިމާދޫ ކައުންސިލުން ފަށައިފި

ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހދ. ހިރިމަރަދޫ ރައްޔިތުންގެ ނަން ނޯޓުކުރުމަށް އެ އަތޮޅު ހަނިމާދޫ ކައުންސިލުން ފަށައިފި އެވެ. 
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައި، ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ހިރިމަރަދޫ ކައުންސިލް އުވާލައި، އެރަށުގެ ރައްޔިތުން ވޯޓުލާން ޖެހުނީ ހަނިމާދޫ ކައުންސިލަށް މީހުން އިންތިހާބު ކުރުމަށެވެ. 
ހަނިމާދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ހޯރަފުށީ ކައުންސިލުން ވަނީ އެ ރަށަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުންނަށް ދައުވަތު ވަނީ ދީފަ އެވެ. އެހެންވެ، 30 ދުވަހުގެ މުއްދަތެއް ނަން ނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން ވަނީ ދީފަ އެވެ. 
ހިރިމަރަދޫ ކައުންސިލް އުވާލާފައިވާތީ އެ ރަށުގެ އަސާސީ އަދި ރަށްވެހި ހިދުމަތްތައް ދިނުމަށް ހަރަދު ކުރަން ޖެހެނީ ހަނިމާދޫ ކައުންސިލުންނެވެ. ސަރުކާރުން ނިންމީ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށެވެ. 
ހިރިމަރަދޫ އަވަށު އޮފީސް ހިންގުމަށާއި އެ ރަށުގެ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ފައިސާ (ބްލޮކް ގްރާންޓް) ސަރުކާރުން މިހާތަނަށް ދޫކޮށްފައި ނުވެ އެވެ. 
ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ އާއިލާތަކަށް ގެދޮރު ބިނާކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގައި އެރަށު ކައުންސިލުން ލަސްތަކެއް ކުރިމަތިކުރުވަމުންދާ ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ