ޢަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅުއްވައި 'ހަފުތާ 14'ގައި ޢަމަލީ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން ނިންމަވައިފި

ޢަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅުއްވައި' ހަފުތާ 14'ގައި ޢަމަލީ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން ނިންމަވައިފިއެވެ. ސަރުކާރުން މިކަން ހާމަކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނުގައެވެ.
މި ނޫސްބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައި ވަނީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. އަދި 'ހަފުތާ 14'ގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމުގައިވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ޢަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށްޓެވުމަކީވެސް އެމަނިކުފާނު ވަޢުދުވެޑައިގެންފައިވާ ކަމެކެވެ.
ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ނޫސްބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ