ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަޤާމުގެ ދަރަޖަ ދަށް ކޮށް މިއަދުންފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރެވިފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ބުނެފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށެވެ.
އެހެންކަމުން ޤާނޫނުއަސާސީގެ 54 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، އަދި 34 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 1.6 އާއި 6.4 އާއި ޚިލާފުވެފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 32-1 ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރުގައިވާ ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމަށް ފެންނަކަމަށް ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި 76 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް، ނޮވެމްބަރު 20 ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ވަނީ ބަދަލުކުރެވިފައެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަޤާމުގެ ދަރަޖަ ދަށް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ