ވޯޓު ލެވޭނީ ހެނދުނު 8 އިން ހަވީރު 5 އަށް؛ ވަގުތު އިތުރެއް ނުކުރާނެ

ރިޔާސީ އިންތިހާބުގެ ފަހު ބުރުގެ ވޯޓުލުން ފެށެން ވަގުތު މިވަނީ ކުޑަތަންވެފަ އެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބޭނުންކުރެވޭ މި އަސާސީ ހައްގު މި ބުރުގައި 282،804 މީހުންނަށް ލިބިގެންވެ އެވެ. މިއީ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނު މީހުންނަށް ވުރެ 409 މީހުން އިތުުރު އަދަދެކެވެ.
ވޯޓު ފޮށި ވެސް މި ބުރުގައި ގިނަ އެވެ. ފުރަތަމަ ބުރަށް ވުރެ 12 ފޮށި އިތުރުކޮށް، މިއަދު ވޯޓުލާން ބަހައްޓާ ފޮށިތަކުގެ އަދަދު 586 އަށް އަރަ އެވެ.
ދެވަނަ ބުރުގައި ވާދަ ކުރައްވަނީ: 
އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކެންޑިޑޭޓް ނަމްބަރު 3)
ޕީއެންސީ-ޕީޕީއެމްގެ ކެންޑިޑޭޓް، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ކެންޑިޑޭޓް ނަމްބަރު 4)
ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިޔައީ ހެނދުނު 8 އިން ހަވީރު 4 އަކަށް ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރުގެ ވޯޓުލާ ވަގުތަށް ބައި ގަޑިއިރު އިތުރުކޮށްފަ އެވެ. އެހެންކަމުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 5 ޖަހަންދެން ވޯޓުލުން ކުރިއަށް ގެންދާނެ އެވެ. 
ނަމަވެސް އިތުރު ވަގުތެއް ނުދޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ބުނިގޮތުގައި، ކޮމިޝަންގެ ބާރުނުފޯރާ ކަމެއް ދިމާނުވާ ހިނދެއްގައި، ވޯޓުލުން ކުރިއަށް ގެންދާނީ ކަނޑައެޅިފައިވާ ވަގުތުގަ އެވެ. 
"އޭގެ މާނައަކީ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8 އިން ފެށިގެން ގޮސް ހަވީރު 5 ޖަހަންދެން. ފަހަކަށް ވުރެ އިތުރެއް ނުވާނެ. ކޮމިޝަނުން އިތުރެއް ނުކުރާނެ،" އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި އެވެ. "އެހެންވީމަ އިތުރު ކުރާނެ ކަމަށް ބައްލަވައިގެން، ވޯޓުލާން އެންމެ ފަހު ވަގުތަށް މަޑުނުކުރެއްވުން އެއީ ކޮމިޝަނުން ވަރަށް ބޮޑަށް އެދޭ ކަމެއް."
ވޯޓު ލުމުގެ ހައްގު ވީހާ ވެސް ހެނދުނާ ނުވަތަ ވީ އެންމެ އަވަހަކަށް އަދާކުރުމަށް ކޮމިޝަނުން އިލްތިމާސް ކުރެ އެވެ.
ވޯޓު ލުން 8 ޖަހާއިރު ފެށި ނަމަވެސް ހެނދުނު 7:30 އިން ފެށިގެން ކިޔޫ ހެދޭނެ
ހަވީރު 5 ޖަހާއިރު ކިޔޫގައި ތިބޭ އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ
5 ޖެހުމަށް ފަހު ކިޔޫއަކަށް ނޭރޭނެ
ވޯޓުލާން ދާން ޖެހޭ ތަން 1414 އަށް ގުޅައިގެން ނުވަތަ އެސްއެމްއެސްއެއް ފޮނުވައިގެން ބަލައިލެވޭނެ (އެސްއެމްއެސް ކުރާނީ VR ސްޕޭސް އައިޑީ ކާޑު ނަމްބަރު)
ވޯޓުލާން ދާއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންދަން ޖެހޭނެ. އެއީ މުއްދަތު ހަމަނުވާ އައިޑީ ކާޑު، ލައިސެންސް ކާޑު، ޕާސްޕޯޓު ނުވަތަ ޕާސްޕޯޓު ކާޑު — މިއިން ކޮންމެވެސް އެކައްޗެއް
ވޯޓު ލާން ބޭނުންވާ ގަލަމާއި އައިޑީ ފިޔަވައި އިތުރު އެއްޗެއް (ފޯނާއި އަތް ދަބަސް ވިޔަސް) މަރުކަޒަށް ނުވެއްދުމަށް ފުލުހުން އެދޭ
ރާއްޖޭގެ އިތުރުން، ބޭރުގެ ފަސް ގައުމެއްގައި ނުވަ ވޯޓު ފޮށި ބަހައްޓާނެ އެވެ. އެ ގައުމުތަކުގައި ވޯޓުލުން ކުރިއަށްގެންދާ ގަޑިތައް ތަފާތުވާނެ އެވެ.
ވޯޓު ދޭން ބޭނުންވާ ކެންޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އެހެން ފާހަގައެއް ޖެހުން، ލިޔުމެއް ލިޔުން ނުވަތަ ކުރެހުމެއް ކުރެހުން
ވޯޓު ދޭން ބޭނުންވާ ކެންޑިޑޭޓުގެ ނަމާ ދިމާގައި އެއް ރަނގަޅު ފާހަގައަށް ވުރެ ގިނަ ރަނގަޅު ފާހަގަ ޖެހުން
އެއް ކެންޑިޑޭޓަށް ވުރެ ގިނަ މީހުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުން
އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމެއް ފިޔަވައި އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖެހުން
ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރު ކުރަން ނޭނގޭ ގޮތަށް ފާހަގަ ޖެހުން
ދެވަނަ ބުރުގައި ފުރަތަމަ ބުރާ ތަފާތު ބައެއް ކަންކަން ވޯޓުލާ މަރުކަޒުތަކުން ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި:
ވޯޓުގެ ސިއްރުކަން ހިފެހެއްޓޭ ގޮތަށް ވޯޓިން ބޫތުގެ ޑިޒައިނަށް ވަނީ ބަދަލު ގެނެސްފައި. އެގޮތުން ބޫތުތަކުގެ އެންމެ ތިރިން ބައެއް ކަނޑާލައި ދެ އަަރިމަތިން ބޮޑަށް ނިވާވާ ގޮތަށް ހުންނާނެ 
ބޫތުގައި ފާހަގަ ޖެހުމަށް ފަސޭހަ ކުރުމަށް، ފާހަގަ ޖަހާ މޭޒުމަތީގައި ބްރިސްޓަލް ބޯޑު ބޭނުން ކުރާނެ އަދި މިފަހަރު ބޭނުން ކުރާނީ ތަފާތު ގަލަމެއް
500 އަށް ވުރެ ގިނަ މީހުން ވޯޓުލާ ފޮށިތަކަށް ވޯޓުލާނީ ދެ ކިއޫއަކަށް ބަހާލައިގެން
އެފަދަ ފޮށިތަކުގައި އިނގިލީގެ ފާހަގަ ޖެހުން ފަދަ އިިދާރީ އެހެނިހެން ކަންކަން ކުރާނެ އޮފިޝަލުން ގިނަވާނެ
ކޮންމެ ކިއޫއަކަށް އޮފިޝަލުން ވަކިން ތިބޭނެ
ވޯޓުލީ ކަމުގެ ނިޝާން ޖަހާނީ ވައަތުގެ ކަށި އިނގިލީގައި
ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި ކަންކަން އިސްލާހު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރަށް އޮފިޝަލުން އިތުރު ކޮށްފަ އެވެ. އެ ކޮމިޝަނުން ރޭ ބުނިގޮތުގައި:
586 ވޯޓު ފޮއްޓަށް 5،286 އޮފިޝަލުންނާއި ބަދަލު 150 އޮފިޝަލުން ވަނީ ހަމަޖައްސާފައި 
500 އަށް ވުރެ ގިނަ މީހުން ވޯޓުލާ 176 މަރުކަޒުގައި ވަނީ ވޯޓުލުން ދެ ސެޓަޕަކަށް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސާފައި؛ އެފަދަ ކޮންމެ މަރުކަޒެއްގައި ވެރިޔަކާއި ދެ އެހީތެރިންނާ އެކު 11 އޮފިޝަލުން ހަރަކާތްތެރިވާނެ
ކިޔޫ މެނޭޖުކޮށް ވޯޓުލާ މީހުންނަށް މަގުދައްކައިދިނުމަށް ގްރައުންޑް މެނޭޖަރުންގެ ގޮތުގައި 153 މީހަކު ހަރަކާތްތެރިވާނެ
މާލެ ސަރަހައްދުގައި ޑިސްޓްރިބިއުޝަން ސެންޓަރުތަކުގައި 146 މުވައްޒަފުން ހެނދުނު ހަރަކާތްތެރިވާނެ
އިލެކްޝަންސް ކޮމިޝަންގެ މުޅި ޓާސްކް ފޯހުގައި، ތަމްރީންވެފައިވާ 238 މުވައްޒަފުން ތައްޔާރީ ހާލަތުގައި ތިބޭނެ
އަތޮޅުތަކުގައި ފޯކަލް ޕޮއިންޓުންގެ ގޮތުގައި 210 މީހުންނާއި އެހީތެރިންގެ ގޮތުގައި 216 މީހުން (ޖުމްލަ 426 މުވައްޒަފުން) ހަރަކާތްތެރިވާނެ
ކޮމްޕްލެއިންޓްސް ބިއުރޯތަކުގައި 65 މެމްބަރުން ހަރަކާތްތެރިވާނެ
ވޯޓުލާ ކޮންމެ 10 މަރުކަޒަކަށް ކޯޑިނޭޓަރެއް ހުންނާނެ؛ އެގޮތުން މާލޭގައި 60 ކޯޑިނޭޓަރުން ކޯޑިނޭޝަން ސެންޓަރުގައި މަސައްކަތްކުރާނެ، ހެޑް ކޯޑިނޭޓަރުންގެ ގޮތުގައި 18 މީހުން އަދި ޗީފް ކޯޑިނޭޓަރުގެ ގޮތުގައި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަސައްކަތް ކުރައްވާނެ
އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ދެވަނަ ބުރުގައި 11،400 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ. މިއީ ފުރަތަމަ ބުރަށް ވުރެ 2،600 އެއްހާ މީހުން އިތުރު އަދަދެއް
މިއަދުގެ ވޯޓުލުން ދިމާވަނީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ދުވަހަކާ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިއްޔެ ބުނި ގޮތުގައި:
ރާއްޖޭގެ ދެކުނަށް ކެރީގެ އަސަރު ފޯރާނެ، އެކަމަކު އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ
އުތުރާއި މެދު ރާއްޖެއަށް ވިއްސާރަ ކުރާނެ
އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވޭ
ވޯޓާ ގުޅިގެން، މިއަދު ހެނދުނު 8 އިން ރޭގަނޑު 8 އަށް މާލޭގައި ބަރު އެއްގަމު އުޅަނދު ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.
އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި، ވޯޓުލައި ނަތީޖާ އިއުލާންކޮށް ހުރިހާ ކަމެއް ނިމެންދެން، ފުލުހުންގެ ސަމާލުކަމުގެ މިންވަރު އެންމެ މަތީ ދަރަޖައަށް ވަނީ ބަދަލުކޮށްފަ އެވެ. އިންތިހާބުގެ އަމަން ބެލެހެއްޓުމުގެ ހަރަކާތްތަކަށް ފުލުހުން ކިޔަނީ 'އޮޕަރޭޝަން ބްލޫ ވޭވް' އެވެ.
ވޯޓު ލާން ދާއިރު، ކާކުކަން އަންގައިދޭ ލިޔުމާއި ގަލަން ފިޔަވައި އިތުރު އެއްޗެއް ނުގެންދިޔުމަށާއި އަތްދަބަހާއި ފޯނު ވެސް މަރުކަޒަށް ނުވެއްދުމަށް ފުލުހުން ރޭ ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ