ވެމްކޯ އާއި ސްޓެލްކޯގެ ބިލް އެއްކުރާތީ، މައުލޫމާތު އަޕްޑޭޓްކުރަން އިލްތިމާސްކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ދޭ ޚިދުމަތާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކަރަންޓްގެ ޚިދުމަތުގެ އަގު އެއް ބިލެއްގައި ހިމަނަން ނިންމާފައިވާތީ، ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރަން ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން ހިދުމަތް ފޯރުކޮށްދޭ ގޭބިސީތަކާއި ކޮމާރޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް އަދި ވިޔަފާރި ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުން ޚިދުމަތަށް ނަގާ ފީ، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްޓެލްކޯގެ ކަރަންޓު މީޓަރުތަކުގެ ބިލުގައި ހިމަނައިގެން ފީ ނެގުމަށް ވަނީ ނިންމާފައެވެ.
އެހެންކަމުން، އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ވާނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރ އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށައެޅުމަށް ވެމްކޯއިން ވަނީ އެދިފައެވެ. މީގެ އިތުރުން، ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް އެކޯޕަރޭޝަނަށް ހުށައެޅުމަށްވެސް އެދިފައިވެއެވެ.
އަދި މިވަގުތު ވެމްކޯގެ ޚިދުމަތް ދޯދާ އެކިއެކި މުވައްސަސާތަކާއި ވިޔަފާރިތަކާއި ހިއްސާކޮއްފައިވާ "އިންފޮމޭޝަން އަޕްޑޭޓް ފޯމް" ފުރިހަމަ ކުރުމަށްފަހު 6 އޭޕްރީލްގެނިޔަލަށް މި ކޯޕަރޭޝަނަށް ހުށައެޅުމަށް ވަނީ އެދިފައެވެ. މި މުއްދަތުގައި މި މައުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމުގައިވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
މިފޯމުތައް ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް ހުށައެޅޭނެއެވެ.
އަންނަ އޭޕްރީލް މަހުން ފެށިގެން، ވެމްކޯގެ ވޭސްޓް ކަލެކްޝަން ޚިދުމަތުގެ އަގު ހިމަނާފައި އޮންނާނީ ސްޓެލްކޯ ކަރަންޓް ބިލުގައެވެ. އަދި މިއާއެކު، އެމަހެއްގެ ކަރަންޓް ބިލް ދެއްކުމުން، އެމަހަކަށް ކަނޑައެޅިފައިވާ ވެމްކޯގެ ބިލް އެމައުންޓް ކަސްޓަމަރުންގެ އެކައުންޓުން ކްލިއަރވެގެންދާނެއެވެ. ވެމްކޯގެ ކަސްޓަމަރުން ވަކިން ބިލަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ